އަޅުގަނޑަށް ފެނުނު ހުވަފެން؛ ދިވެހި ބަހުން ފޮތް ލިޔުމުގެ ގައުމީ މުބާރާތާއި 24 މިލިއަން ރުފިޔާގެ އިނާމު

އަޅުގަނޑަށް ފެނުނު ހުވަފެން؛ ދިވެހި ބަހުން ފޮތް ލިޔުމުގެ ގައުމީ މުބާރާތާއި 24 މިލިއަން ރުފިޔާގެ އިނާމު

ނިދީގައި އެ ފެންނަ ހުވަފެންތަކުގެ އަސްލަކީ އަދި ހަގީގަތަކީ ކޮބައިބާވަ އެވެ؟ ހަމަޖެހި ކަނޑައެޅިފައި އޮތް އެއް ޖަވާބެއް ނެތް މި ސުވާލު އިންސާނުން އެކަކު އަނެކަކާ ކުރަމުންދާތާ ލައްކަ ޒަމާނެކެވެ. ބަޔަކު މީހުންނަށް އެއީ ބިލާހަކަށް ވާއިރު، އަނެއް ބަޔަކަށް އެއީ އުއްމީދެކެވެ.

ރޭގައި އަޅުގަނޑަށް ފެނުނު ހުވަފެނަކީ، މުޅި ދިވެހި ގައުމާއި ގައުމިއްޔަތާ ގުޅިފައިވާ، ބަޔާންކުރަންދަތި އުފާވެރިކަމެއް ހިތަށް ގެނުވި ރީތި ހުވަފެނެކެވެ. އެއީ ދިވެހި ބަހާއި އަދަބިއްޔާތުގެ އައު ބާބެއް އުފަންވެގެން ދިޔަ މަންޒަރެވެ.

އަޅުގަނޑަށް ފެނުނީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އޮނަރަބްލް އާދަމް ނަސީރު ނިކަން ހަރު ހިންގެވުމެއްގައި ވަޑައިގެން ރައީސް އޮފީހަށް ވަދެވަޑައިގެންނެވި މަންޒަރެވެ. އެމަނިކުފާނު އެ ވަޑައިގެންނެވީ ކެބިނެޓު ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގެ ހާއްސަ އެޖެންޑާއަކަށް އޮތީ އެ މިނިސްޓްރީން ހުށަހަޅާ ކަރުދާހަށް ބަހުސް ކުރުމެވެ.

Advertisement

ގައުމިއްޔަތު މިނިސްޓްރީން ހުށަހަޅާފައި އޮތީ އެ މިނިސްޓްރީން އިސްނަގައިގެން، ދިވެހި ބަހުގެ އެކެޑަމީ އާ ގުޅިގެން "ދިވެހި ބަހުން ފޮތް ލިޔުމުގެ ގައުމީ މުބާރާތް" އިއުލާނުކުރުމުގެ މައްސަލަ އެވެ. ކަރުދާހުގައި ތަފުސީލުކޮށްދީފައި އޮތްގޮތުން މި މުބާރާތަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، އަދި ދިވެހި ތާރީހުގައި ވެސް ބޭއްވޭ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މުބާރާތުގެ މައިގަނޑު މަގުސަދަކީ އެހެން ބަސްބަހުން ހުންނަ މުހިންމު ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުން ނުވަތަ އަމިއްލަ އައު ފޮތްތައް އުފެއްދުމެވެ. ދީނީ އިލްމު، އިޖުތިމާއީ އިލްމު، ހިސާބު، ސައިންސް، ވާހަކަ، ޅެން، ތާރީހު އަދި ބައޮގްރަފީ ފަދަ ހުރިހާ ދާއިރާއަކުން ފޮތް ލިޔުމަށް ހުޅުވާލުމަށް އޮތީ ރޭވިފަ އެވެ.

މި މުބާރާތުގެ އެންމެ އާދަޔާހިލާފު ކަމަކީ މުބާރާތަށް ކަނޑައަޅާފައިވާ ބޮޑު އިނާމެވެ. އިނާމުގެ ގޮތުގައި އެކަނި ޖުމުލަ ފަނަރަ މިލިއަން ރުފިޔާ ދިނުމަށް އޮތީ ކަނޑައެޅިފަ އެވެ. މިހިސާބުން ފިނޭންސް މިނިސްޓަރު ކަރުކެހިލާފައި ވިދާޅުވި އެވެ. ޕެންޝަން ފަންޑުން ނުވެގެން ކާގިލްއަށް އަތްދިމާކޮށްގެން ތިބި ދައުލަތަކުން މިވަރުގެ ތަކުލީފެއް އުފުލާނީ ކިހިނެއް ހެއްޔެވެ؟ ގައުމިއްޔަތު މިނިސްޓަރު އިންނެވީ މި ސުވާލު އަންނާނެކަން އެނގިވަޑައިގަންނަވާތީ ނިކަން ރަނގަޅަށް ތައްޔާރުވެވަޑައިގެންނެވެ. އަތްޕުޅުގައި ހުރި ކަރުދާސްތަކުގެ ތެރެއިން ކަރުދާހެއް ނަންގަވައި، ވާހަކަފުޅު ދައްކަވަން ފެށްޓެވި އެވެ.

ވިދާޅުވި އެވެ. ދިވެހި ބަހާއި ލިޔުންތެރިކަން ކުރިއެރުވުމަކީ ދިވެހި ގައުމިއްޔަތު ކުރިއެރުވުމެވެ. ދިވެހި ބަސް ކުރިއަރާނީ ދިވެހި ބަހުން ލިޔެގެންނެވެ. ދިވެހި ބަހަކީ ހަމައެކަނި ގޭގައި ވާހަކަ ދައްކާ ބަސް ކަމަށްވެފައި، މައުލޫމާތެއް ހޯދަން ބޭނުންކުރަންޖެހެނީ އެހެން ބަސްތައް ކަމަށް ވުމަކީ ދިވެހިބަސް ހީނަރުވަމުން ދިއުމުގެ އަސްލު ސަބަބެވެ. މި މުޖުތަމައުގައި ލިޔުންތެރިންނާއި އިލްމީ މީހުން ކިތަންމެ ގިނަ ނަމަވެސް ފޮތްލިޔެ ޝާއިއުކުރުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. އެކަން ކުރެވޭނީ ސަރުކާރުން އެކަމަށް ބާރުއަޅައި ހިތްވަރު ވެސް ދީގެންނެވެ. ސަރުކާރުން ކުޅިވަރު މުބާރާތްތަކަށް ހޭދަކުރާހެން، ފޮތް ލިޔުމަށް ހިތްވަރު ދިނުމަށް ހޭދަ ނުކުރެވޭންވީ ސަބަބެއް ނުވިސްނެ އެވެ. އެއީ އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ ކަމެކެވެ.

މިކަމަށް ފައިސާ ހޯދާނޭ ގޮތް ވެސް މިނިސްޓްރީން ދިރާސާކޮށްފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ހުށަހެޅުއްވީ ހައުދަހައި އީޖާދީ ހިޔާލުފުޅެކެވެ. ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ކޮންމެ ސިޔާސީ މުވައްޒަފެއްގެ މުސާރައިން ދެ އަހަރު ދުވަހުގެ މުއްދަތަށް މަހަކު 500 ރުފިޔާ އުނިކުރީމާ މި ފައިސާ ހަމަޖެހެ އެވެ. ގައުމުގައި ތިބި 2000 އެއްހާ ސިޔާސީ މުވައްޒަފުންގެ އަތުން މަހަކު ފަސްސަތޭކަ އުނިކުރުމުން، ދެ އަހަރު ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެ އެވެ. މިއީ މި މުބާރާތް ހިންގުމަށާއި، އިނާމު ދިނުމަށް ވެސް އެކަށީގެންވާ އަދަދެކެވެ.

ކެބިނެޓުން ނިންމީ މިނިސްޓްރީން ހުށަހެޅުއްވި ގޮތަށް މި މުބާރާތް އިއުލާނުކުރުމަށެވެ. އެހެންނަމަވެސް ސިޔާސީ މުވައްޒަފުންގެ މުސާރައިން އުނިކުރަންޖެހޭތީ އެ މުވައްޒަފުންގެ ރުހުން ހޯދަން ވެސް ނިންމުނެވެ. މިކަމާ ސުވާލުކުރެވުމުން، މި ހުށަހެޅުމަށް ސިޔާސީ މުވައްޒަފުން ވަރަށް ބޮޑު ތަރުހީބެއް ދީ، ހިތުން ރުހުމުން އެކަމުގެ އިގުރާރުގައި ސޮއިކުރި އެވެ. އަދި މި މަޝްރޫއު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވެއްޖެ ނަމަ މުސާރައިން އުނިކުރާ އަދަދު 1000 ރުފިޔާއަށް އިތުރުކުރަންވެސް އެ މީހުން ތިބީ ތައްޔާރަށެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ކޮމިޓީގައި ތިއްބެވީ ރާއްޖޭގެ ނަން މަޝްހޫރު އިލްމުވެރިންނާއި ދިވެހި ބަހުގެ އަދީބުންނެވެ. އެކި ދާއިރާތަކުން ފޮތް ލިޔުއްވާފައިވާ ލިޔުންތެރިންނެވެ. ދީނީ އިލްމާއި، ތާރީހާއި ބަސް ފަދަ ހުރިހައި ބަހާއަކުން ފޮތްތަކުގެ ފެންވަރު ވަޒަންކުރެވޭނޭ ފަދަ ގާބިލު ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.

މި މުބާރާތަށް އިއުލާނުކުރެވުމާއެކު ލައްކަ ގިނަ ފޮތްތަކެއް ހުށަހެޅުނެވެ. ގިނައީ އެހެން ބަސްބަހުން ހުރި އިލްމީ ފޮތްތަކުގެ ތަރުޖަމާ އެވެ. މިޒަމާނުގެ އާޓިފިޝަލް އިންޓަލިޖަންސްގެ އެހީގައި ތަރުޖަމާކުރުން ވެފައި އޮތީ ފަސޭހަ ކަމަކަށެވެ. ތަރުޖަމާ ކުރާ މީހެއްގެ ޒިންމާއަކީ ބަސްމަގު ހަމަޖެއްސުމާއި، ފޮތުގައި ބުނާ އެއްޗެއް ދޭހަވާނޭ މިންވަރަށް ހިމުންކުރެވިފައިވާކަން ކަށަވަރުކުރުމެވެ. މުބާރާތުގައި ހޭދަވެގެން ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ފޮތް ލިޔުމާއި، އިލްމީ ފޮތްތަކާމެދު އިލްމީ ބަހުސްކުރުން އާންމުވެގެން ދިޔަ އެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރި އިރު، އެއްވަނައަށް ދިޔަ 20 ފޮތުގެ ތެރެއިން ކޮންމެ ފޮތަކަށް 4 ލައްކަ ރުފިޔާ، ދެވަނައަށް ދިޔަ 10 ފޮތަށް ކޮންމެ ފޮތަކަށް 2 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދިޔަ 5 ފޮތަށް ކޮންމެ ފޮތަކަށް 1 ލައްކަ ރުފިޔާގެ އިނާމު ދެވުނެވެ. މުޅި މުބާރާތުން ހުރިހައި ގޮތަކުން އެއްވަނައަށް ދިޔަ ފޮތަށް އެއް މިލިއަން ރުފިޔާގެ އިނާމެއް ދެވުނެވެ. މީގެ އިތުރުން، މުބާރާތް ބަލަހައްޓާ ކޮމިޓީން ފާސްކުރާ ކޮންމެ ފޮތަކަށް ފަންސާސްހާސް ރުފިޔާގެ އިނާމެއް ދިނުމަށް ނިންމުނެވެ. މި ފޮތްތައް މިނިސްޓްރީގެ ހަރަދުގައި ޝާއިއުކޮށްދިނުމުގެ އިތުރުން، ފޮތުގެ ފިކުރީ މުދަލުގެ ހައްގު ލިބިގެންވަނީ ލިޔުންތެރިންނަށް ކަމަށް ވެސް ހަމަޖެހުނެވެ.

މި މުބާރާތުގެ ދެ އަހަރު ނިމިގެން ދިޔައީ ދިވެހި ލިޔުންތެރިކަމުގެ "ރަން ދައުރު" ގެ ގޮތުގަ އެވެ. ފާއިތުވި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ލިޔެވުނު ފޮތްތަކަށްވުރެ ގިނަ ފޮތް މި ދެ އަހަރު ތެރޭގައި ޝާއިއުކުރެވި، ދިވެހި ބަހުގެ ކަންޒު އެތައް ގުނައަކުން މުއްސަނދިވެގެން ދިޔަ އެވެ. ގައުމިއްޔަތު މިނިސްޓަރާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ މިހާތަނަށް ދިވެހި ބަހަށާއި ދިވެހި ލިޔުންތެރިކަމަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވި ސިޔާސީ ޝަހުސިއްޔަތުން ކަމަށް ވެސް މުޅި ގައުމު އިއްތިފާގުވި އެވެ.

މިހިސާބަށް ދިޔަތަނާ ހޭލެވިއްޖެ އެވެ. މުޅި މާހައުލަށް ބަލާލެވުނު އިރު އެއީ ހުވަފެނެއްކަން އެނގުމުން ހިތަށް ކުޑަ މާޔޫސްކަމެއް ލިބުނެވެ. އެހެނަސް، ހިތުގައި އުފެދުނު ސުވާލަކީ މި އެވެ. މި ރީތި ހުވަފެނަކީ ހަގީގަތަކަށް ވެދާނެ ބާވައެވެ؟ ދިވެހި ބަހާއި ގައުމިއްޔަތަށްޓަކައި މިފަދަ ގުރުބާނީއެއް ވާނެ ވެރިންނާއި މުވައްޒަފުން މި ގައުމުގައި ނޫޅޭނެ ބާވައެވެ؟ އުންމީދަކީ މި ހުވަފެން ހަގީގަތަކަށް ވެގެން ދިއުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox