މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 28) - ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ޝަރަފް ހޯދުމުގެ އަމާޒު ދަމަހައްޓައި، ރަފައެލް ނަޑާލް މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ނަޑާލް ނުކުންނާނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާ ދެކޮޅަށެވެ. މެޑްވެޑޭވްގެ މައްޗަށް ނަޑާލް ކުރިހޯދައިފިނަަމަ ނަޑާލަށް 21 ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދޭނެ އެވެ. އެ ކާމިޔާބީ ހޯދައިފިނަމަ ނަޑާލަށް ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކުރެވޭނެ އެވެ.
މި ވަގުތު ނަޑާލާއި ސާބިއާގެ ނޮވަކް ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އޮތީ 20 ތަށި ހޯދައިގެން އެއްވަރުވެފަ އެވެ. ވިސާ މައްސަލަ ޖެހިގެން ޖޮޖޮވިޗަށް މި ފަހަރުގެ މުބާރާތުގައި ނުކުޅެވުނެވެ. އަނިޔާގެ ސަބަބުން ފެޑެރާ އަށް ޖެހުނީ މި މުބާރާތް ނުކުޅެ، ދޫކޮށްލާށެވެ.
އުމުރުން 35 އަހަރުގެ ނަޑާލް، މިއަދު ކުޅުނު މުބާރާފުގެ ފުރަތަމަ ސެމީ ފައިނަލުގައި މޮޅުވީ އިޓަލީގެ މަޓެއޯ ބެރެޓިނީއާ ވާދަކޮށެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 6-3 6-2 3-6 6-3 އިންނެވެ. މެޗު ފަށައިގެން ނަޑާލަށް ފަސޭހަވާނެ މެޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް ފަހުން ބެެރެޓީނީ ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.
"މި މެޗުގެ ފުރަތަމަ ދެ ސެޓު ވާނެ ފަހުގެ ތާރީހެއްގައި އަހަންނަށް އެންމެ ހިތްހަަމަޖެހިލެވޭ ވަރަށް ކުޅެވުނު ވަގުތުުތަކަށް. އެ ވަރުގެ ކުޅުމެއް މި ދެއްކުނީ ދުނިޔޭގެ ލެވަލަށް ބެލިޔަސް ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުންތެރިޔަކާ ދެކޮޅަށް. ވަރަށް އުނދަގުލުން ފައިނަލަށް މި ދެވުނީ. އަނެއްކާ ވެސް ފައިނަލެއް ކުޅެވޭތީ ހިތްހަމަޖެހިގެން މިހުރީ،" ބެރެޓިނީ އަށް ތައުރީފު ކުރުމަށް ފަހު ފައިނަލަށް ދެވުމުން ހިތްހަމަޖެހިފައި ހުރެ ނަޑާލް ބުންޏެވެ.
ނަޑާލް ބުނީ ފައިނަލަށް ނުކުންނައިރު، އޭނާ އަށް ރެކޯޑް ހެދުމުގެ ޕްރެޝަރު އޮންނާނެ ކަމަށް ނުދެކޭ ކަމަށެވެ.
އޮސްޓްރޭލިއަން އޯޕަންގައި ނަޑާލްގެ ހަމައެކަނި ކާމިޔާބީ ހޯދީ 2009 ވަނަ އަހަރު އެވެ. ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ތެރެއިން ނަޑާލްގެ އެންމެ ރެކޯޑް ދަށް އެއް މުބާރާތަކީ އޮސްޓްރޭލިއަން އޯޕަން އެވެ.
ފައިނަލުގައި ނަޑާލާ ދެކޮޅަށް ކުޅޭ މެޑްވެޑޭވް ސެމީގައި ވަނީ ވަރުގަދަ މެޗަކަށް ފަހު ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށްފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 7-6 (7-5) 4-6 6-4 6-1 އިންނެވެ.
ފަހުގެ ތާރީހަށް ބަލާއިރު، އުމުރުން 25 އަހަރުގެ މެޑްވެޑޭވް ވެސް ގްރޭންޑް ސްލޭމް ކާމިޔާބީއެއް ވަނީ ހޯދައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު މެޑްވެޑޭވް އޭނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ހޯދީ ޔޫއެސް އޯޕަން ފައިނަލުގައި ނޮވަކް ޖޮކޮވިޗް ބަލިކުރުމަށް ފަހު އެވެ.












