ބާސެލޯނާ (ޖެނުއަރީ 28) - ވުލްވްސް އަށް ކުޅެމުން އައި ހަލުވި ވިންގް، އެޑަމާ ޓްރައޯރޭ ހޯދަން ޓޮޓެންހަމް ހޮޓްސްޕާސް އިން ވަރުގަދަ އަށް މަސައްކަތް ކުރަމުން އަންނަނިކޮށް، ބާސެލޯނާ އިން އެ ޑީލް ތެރެއަށް ވަދެ ޓްރައޯރޭގެ ސޮއި ހޯދުމުގެ ހުރިހާ ކަމެއް ނިންމައިފި އެވެ.
ކުރިން ބާސެލޯނާ އަށް ކުޅުނު ޓްރައޯރޭ، އަލުން އެ ކްލަބާ ގުޅޭނީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބާސެލޯނާ އިން އެޑަމާގެ ފުލް މުސާރަ ދިނުމަށް ފަހު އޭނާގެ އެއްބަސްވުން ދާއިމީ ކުރާނަމަ 40 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ބާސެލޯނާ އިން މި ޑީލްގެ ތެެރެއަށް ވަނުމުގެ ކުރިން ޓޮޓެންހަމުން ވަނީ ޓްރައޯރޭ ހޯދަން ދެ ބިޑެއް ވުލްވްސް އަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ. ޓޮޓެންހަމްގެ ދެ ވަނަ ބިޑްގައި ޓްރާންސްފާ ފީއެއްގެ ގޮތުގައި 20 މިލިއަން ޑޮލަރު ވެސް ދައްކަން ހުށަހެޅި އެވެ. އެކަމަކު، ބާސެލޯނާ އިން މި ޑީލް ނިންމާލީ ބޮޑު ލޯން ފީއެއް ވެސް ދެއްކުމެއްނެތި، ހަމައެކަނި ޓްރައޯރޭގެ ފުލް މުސާރަ ދޭ ގޮތަށެވެ.
ބާސެލޯނާ ކޮޅަށް މި ޑީލް ނިމުމުގައި ޓްރައޯރޭގެ ދައުރު ވެސް އެބައޮތެވެ. ފަހު ވަގުތު ޓްރައޯރޭ ވެސް ވަނީ އަލުން ބާސެލޯނާ އަށް ދާން ބޭނުންވާކަން ވުލްވްސް އަށް އަންގައިފަ އެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އިން ޓްރެއިންވި ޓްރައޯރޭ އެ ކްލަބް ދޫކޮށް 2015 ވަނަ އަހަރު އެންމެ ފުރަތަމަ ބަދަލުވީ އެސްޓަން ވިލާ އަށެެވެ. އެ ކްލަބްގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ދެން ޓްރައޯރޭ ބަދަލުވީ މިޑްލްސްބަރާ އަށެވެ. މިޑްލްސްބަރާ އަށް ދެ އަހަރު ކުޅެދިނުމަށް ފަހު 2018 ވަނަ އަހަރު ވުލްވްސް އަށް ބަދަލުވީ އޭރު އެ ކްލަބްގެ ރެކޯޑް އަގަކަށެވެ. އެއީ 25 މިލިއަން ޑޮލަރަށެވެ.

ޓްރައޯރޭ، ބާސެލޯނާ އަށް ކުޅެދިން މެޗެއްގެ ތެރެއިން.
އުމުރުން 26 އަހަރުގެ ޓްރައޯރޭ ވުލްވްސްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ 18 މަސް ދުވަސް އޮތްއިރު، އެ ޓީމަށް ކުޅެދިން 154 ހަތަރު މެޗުން ވަނީ 11 ގޯލު ޖަހައިފަ އެވެ.
ޓްރާންސްފާ ބާޒާރުގެ އެހެން ހަބަރުތަކަށް ބަލާއިރު، ފިއޮރެންޓީނާގެ ފޯވާޑް ޑޫސާން ވްލަހޯވިޗް ޔުވެންޓަސް އަށް ބަދަލުވިއިރު، އޭނާގެ މަގާމަށް ބަސެލް އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް އާތޫރް ކާބްރާލް ވަނީ ގެނެސްފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން ލިޔޯންގެ ހުނަރުވެރި މިޑްފީލްޑަރު ބްރެޒިލްގެ ބްރޫނޯ ގިމާރޭޒް ގެންނަން ހުރިހާ ކަމެއް ނިންމާފައިވާއިރު، ވެލެންސިއާ އަށް ކުޅެމުން އަންނަ ޑެންމާކްގެ ވިންގް ޑެނިއަލް ވާސް ވަނީ އެތުލެޓިކޯ މެޑްރިޑާ ގުޅެން ނިންމައިފަ އެވެ. އަދި އެޓަލަންޓާގެ ޖަރުމަނު ފުލްބެކް ރޮބިން ގޮސެންސް ވަނީ އިންޓަ މިލާނަށް ސޮއިކޮށްފަ އެވެ.
އާސެނަލްގެ ކަލުމް ޗެމްބާސް އެސްޓަން ވިލާ އަށް ސޮއިކުރިއިރު، ކުރިން ބާސެލޯނާ އަށް ކުޅުުނު ވިންގް، އިލައިޝް މޮރީބާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާ އަށް ބަދަލުވާން ނިންމައިފަ އެެެވެ.












