އައުރައަކީ ކޮބައިކަމާމެދު އިހާއި ފަހުގެ އިލްމުވެރިން ވަރަށް ގިނަ ބަހުސްކުރައްވާފައިވެ އެވެ. ވަރަށް ބޮޑަށެވެ. އިހާއި ފަހުގެ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަންކަން ހުރެ އެވެ. މޫނުބުރުގާގެ މައުޟޫއަކީ އޭގެ ތެރެއިން އެއްބަޔެވެ. ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މޫނުބުރުގާ އެޅުން ވާޖިބެވެ. ބައެއް އިލްމުވެރިންގެ އަރިހުގައި އެއީ ސުންނަތެކެވެ. ބައެއް އިލްމުވެރިންގެ އަރިހުގައި އެއީ ހުއްދަ ކަމެކެވެ. މިބަހުސްގެ ތެރެއިން ވަކި ގޮތެއް ހިޔާރުކޮށް ވަކާލާތުކުރުމަކީ، އަޅުގަނޑުގެ މައުޟޫއެއް ނޫނެވެ.
މޫނުބުރުގާ އަޅާ ކޮންމެ މީހަކު މޫނުބުރުގާ އަޅަނީ، ދީނީ ޝިއާރަކަށް ހަދައިގެން ކަމަށް ބައެއް މީހުން ހީކުރާ ހީކުރަމަކީ ވެސް ކަނޑައެޅިގެން ކުށްހީއެކެވެ. ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި މަގުތަކުގައި އުޅޭއިރު، އަވިން ސަލާމަތްވުމަށް މޫނު ނިވާކުރާ އަންހެނުން މަދެއް ނޫނެވެ. މޫނު ނިވާކުރުމެއްނެތި އަވީގައި އުޅެފައި، ބަލާއިރު، ގައިގެ ހަންގަނޑުން ހާމަޔަށް ދައްކާފައި ހުރި ތަނާއި ނިވާކޮށްފައި ހުރި ތަނުގެ ކުލަޔަށް އައި ބަދަލަކީ ދިމާއަށް ފެންނަން ހުރި ހަގީގަތެކެވެ. އަންހެނުންގެ ރީތިކަމާ ގުޅިފައިވާ އެކަނބަލުންނަށް ނުހަނު މުހިންމު މައްސަލައެކެވެ. އެއީ ކުޑަކަމެއް ވެސް ނޫނެވެ. މޫނު ބުރުގާ އަޅަންޖެހެނީ އަވީން ސަލާމަތްވުމަށްކަމުގައި ދަންނަވަނީކީ ނޫނެވެ. މިއީވެސް މީހަކު މޫނު ނިވާކޮށްފާނޭ ސަބަބެކޭ ދަންނަވާލީ އެވެ.
ދެބަސްވުމެއް ނެތި އެނގެން އޮތް ކަމަކީ، އާންމު ދިރިއުޅުމުގައި މޫނުބުރުގާ އެޅުން އެއީ ހަރާންކަމެއް ކަމުގެ މައްޗަށް އެއްވެސް އިލްމުވެރިއަކު، ވާހަކަދައްކާފައި ނުވާކަމެވެ. އެހެންވީމާ ދެން ބަލާން އޮންނާނީ އަޅުގަނޑުމެން އުޅޭ މުޖުތަމައުގެ ގާނޫނުތައް ހުރި ގޮތެވެ. އަޅުގަނޑު މިމައްސަލާގައި ގާނޫނީ ވަކީލަކަށް ގުޅައިފީމެވެ. އޭނާއާ އަޅުގަނޑު ސުވާލުކުރީ ރާއްޖޭގައި ކަންކަން މަނާވުމާއި ނުވުން އޮތީ ކިހިނަކުންތޯ އެވެ. އޭނާ ބުނަނީ ގާނޫނުއަސާސީ ބުނާ ގޮތުން، އިސްލާމްދީން ނުވަތަ ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ފަރުދަކަށްވެސް އޮންނާނޭ ކަމަށެވެ. އޭނާގެ އެ ޖުމުލަ ނުނިމެނީސް އަޅުގަނޑު ބުނެފީމެވެ. މޫނު ބުރުގާ އެޅުން ހަރާންކަމުގެ މައްޗަށް އިލްމުވެރިން ވާހަކައެއް ނުދައްކަވަ އެވެ. ސުވާލަކީ ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވާ އެއްވެސް ގާނޫނެއް އެބަ އޮތްތޯއެވެ؟ އޭނާ ބުނަނީ ނެތް ކަމަށެވެ.
އެހެންވީމާ ވާޖިބެއްތޯ ސުންނަތެއްތޯ ބަހުސް ބާއްވާށެވެ. މޫނު ބުރުގާ އެޅުން މަނާކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ބުނާ ގޮތުން ހެދުން އެޅުމާއި ހެދުން އެޅުމުގެ މިންގަނޑުތައް އޮތީ ވަރަށް މިނިވަންކަމާއެކު ދޫކޮށްލެވިފަ އެވެ. އެހެންވީމާ މޫނުބުރުގާ އަޅަން ބޭނުންވާ މީހުންނަށް އެކަން މަނާކޮށް ވާހަކަދެއްކުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް އަރައިގަތުމެވެ. އަދި އެހައްގު ނިގުޅައިގަތުމެވެ. މީސް މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ދީނީ ގޮތުން ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ. އަމުދުން ދައުލަތެއް ހިންގާ ސަރުކާރަކުން ކޮށްގެންވާނޭ ކަމެއްވެސް ނޫނެވެ.
އަޅުގަނޑު ހަމަ ބޮޑުތަނުން އެއްބަހެވެ. ހެދުން އެޅުމުގެ ކަންކަމުގައި ތަނުގެ އާދަކާދައާއި ސަގާފަތަށް ބެލުމަކީ، ވަރަށް ގިނަ އިލްމުވެރިން އެކަމަށް ރިއާޔަތްކުރުން މުސްތަހައްބުކަމުގައި ވިދާޅުވަމުން އަންނަ ކަމެކެވެ. އެކަމަކު މުޅި ދުނިޔެއަށް ހުޅުވިފައިވާ އަޅުގަނޑުމެންގެ ރާއްޖެ އެހެން ގައުމަތަކާ ވަރަށް ތަފާތެވެ. ދިވެހިންގެ އާދަކާދައާއި ގުޅޭ ހެދުންތައް ވަކި މުނާސަބަތަކަށް އެކަނި ހާއްސަ ކުރުން އެއީ ދިވެހިންގެ ސަގާފަތާ އާދަކާދަކަމުގައި މިއަދު ވަނީ ވެފަ އެވެ.
ދިވެހިން ހެދުން އެޅުމުގައި ބަލަނީ އެމީހަކަށް ދެވިފައި ހުރި ގައުމެއްގެ މީހުން ހެދުން އަޅާ ގޮތަކަށް، ނުވަތަ އެމީހަކަށް ރީތި ގޮތަކަށް ހެދުން އެޅުމުގެ މައްޗަށެވެ. އެހެންވީމާ މިއަދުގެ ޒަމާނީ ދިވެހިން ހެދުން އެޅުމުގައި، ދިވެހިންގެ ހައިސިއްޔަތުން ވަކި އާދަތަކެއް ނުވަތަ ސަގާފަތެއް ހިފަހައްޓާފައިވާކަމަށް ބަލަންޖެހޭ ސަބަބެއް ނެތެވެ. ނުވަދިހައިގެ ކުރީކޮޅުގައި މޫނުބުރުގާއަކީ ރާއްޖޭގެ އާދަކާދައާއި ސަގާފަތަށް ބީރަށްޓެހި ގޮތެއް ކަމުގައި ބުނުމުގެ ފުރުސަތެއް އޮތްކަމުގައި ފަހަރުގައި ވެދާނެ އެވެ. އެކަމަކު މިއަދު އެހެންނެއް ނޫނެވެ. މޫނުބުރުގާއަކީ ދިވެހި އަންހެނުންގެ އާބާދީގެ މަދުނޫން އަދަދެއް އިހުތިޔާރުކުރި ގޮތެކެވެ. އަދި މޫނުބުރުގާ ނާޅައި އުޅޭ ގިނަ އަންހެނުންގެ ތެރެއިންވެސް ގިނައީ މޫނުބުރުގާ އެހެން މީހުން ބޭނުންކުރުން އެއީ މައްސަލައެއްކަމުގައި ނުދެކޭ އެއީ ހައްގެއްކަމުގައި ދެކޭ ބޭފުޅުންނެވެ. މިކަން މިހެން އޮތުމުން މޫނުބުރުގާ އެޅުމަކީ ތަނުގެ އާދަކާދައަށް ބީރަށްޓެހި ކަމެއްކަމުގައި ބުނާނެ ފުރުސަތެއް މިހާރަކު ނެތެވެ.
މޫނުބުރުގާ އެޅީމާ ފޮރުވެނީ މޫނެވެ. އަޅުގަނޑުމެން މިތިބީ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދުތަކަކާއި ނެރެފައިވާ އަމުރުތަކެއްގެ ދަށުން އަންހެން ފިރިހެން ދެޖިންސް އެކީ މަގުތަކުގައި މޫނު ނިވާކޮށްގެންނެވެ. އަދި ނޭފަތާއި އަނގަމަތި ނިވާނުކޮށް މަގުތަކުގައި އުޅޭ މީހުން މިއޮއްގެންދަނީ ޖޫރިމަނާކުރަމުންނެވެ. ހުޅުމާލެ ބުރިޖަށް އަރާ ކޮންމެ މީހަކު ބޮލާއި މޫނު ނިވާވާހެން ހެލްމެޓެއް އެޅުން ވަނީ ލާޒިމުކުރެވިފަ އެވެ. މިއީ ގާނޫނުތަކުން ލާޒިމުކޮށްގެން މޫނު ނިވާކުރެވެމުންދާ ހާލަތްތަކެވެ. ހުޅުމާލެއިން މާލެއަށް އަންނަ މީހާ ހެލްމެޓް ނުނަގައި، މާލޭ މަގުތަކުގައި ދުއްވުން މަނާ ހެއްޔެވެ؟ އޭނާ ސައިކަލުން ފައިބައިގެން ގޮސް އޮފީހަށް ވަނުމުގައި ވެސް އޭނާ ބޭނުންނަމަ، ހެލްމެޓާއެކު ގޮސް ސަރުކާރު އޮފީސްތަކަށްވަނުން މަނާ ހެއްޔެވެ؟ ބްރިޖްގައި ސައިކަލުތަކާއި ކާރުތަކުގައި ތިބޭ ކުޑަކުދިން ތިބެނީ ބިރުން ހެއްޔެވެ؟
ތަހުޒީބު އަދި ޑިމޮކްރެޓިކް ކަމަށް ކިޔާ ގިނަ ގައުމުތަކަށް ހޫނުމޫސުމާއި ފިނި މޫސުން އާދެ އެވެ. އެއިން ކޮންމެ މޫސުމަކަށް އެކަށޭ ގޮތުން ބޮލާއި މޫނު ނިވާވާހެން ހެދިފައި ހުންނަ އެކި ނަން ކިޔާ އެކި ބާވަތު ކެޕާއި ހެޓް ގުނާ އަދަދު ނުކުރެވޭނެ އެވެ. އޭގެ ބައެއް ހެޓާއި ކެޕް އެޅުމުންވެސް ގިނަ ފަހަރަށް ކާކުކަން ނޭނގޭ ހާލަތު ދިމާވަނީ މަދެއްކޮށެއް ނޫނެވެ. އެގައުމުތަކުގައި އެބާވަތް ބާވަތުގެ ތާކިހާތައް އާންމު ތަންތާގައި އެޅުން ހުއްދަ އެވެ. އެކަން އަޖައިބަކަށް ނުވެ އެވެ. މިކަންކަން މިމަގަށް ހުރެފައި މޫނުބުރުގާއަކީ އަހަރެމެންގެ ދިވެހިން ތެރެއިން ބަޔަކު މާ ބިރުގަންނަ އެއްޗަކަށް ވާންޖެހޭ ސަބަބެއް ނެތެވެ. ބަޔަކު މޫނު ބުރުގާ އަޅާތީ އެކަން ހުއްޓުވުމަށް ދައްކަވަމުން ގެންދަވާ ފޫ ނުބެދޭ އުނި ދަލީލުތަކާއި ކުރަމުން ގެންދަވާ މަސައްކަތްތައް ހުއްޓަވާލައްވައި، މިނިވަންކަމުގެ ހައްގުގައި، ގާނޫނުގެ ދާއިރާގެ ތެރޭގައި އެމީހަކު ހިޔާރުކުރާ ގޮތަކަށް އުޅުމަށް ހުރަސް ނޭޅުމަށް ދައުލަތުގެ ކަންކަމާ ހަވާލުވެގެންތިބި އެންމެހައި ބޭފުޅުންނަށް އިލްތިމާސްކުރަމެވެ.








