ތުޅާދޫގެ ހަނި މަގުތަކުން ފަހަރަކު "ގޯޅި" އެއް އަޅަމުން ކުރިއަށް ހިނގަމުން ދާއިރު ހިތަށް އަރަ އެވެ.
"މިރަށުގައި ހިތްގައިމު ރީތި ކުޅި އެއް ނެތެވެ. އަތޮޅުގެ ރަށްތަކުން ފެންނަ ފަދަ ހިތްގައިމު މާސިންގާ ގޮނޑުދޮށެއް، ތުނޑިއެއް ވެސް ނެތެވެ. ހިޔާ ދޭ ގަސްތަކުން ފުރި، ކުރި ބެދިފައި އޮތް ޖަންގަލިކޮޅެއް ވެސް ނެތެވެ. މި ރަށް ކަމުދާނީ މަދު ދަތުރުވެރިއަކަށެވެ."
އަހަރެންނަށް އާދެވިފައި މިހުރީ ބ އަތޮޅުގެ އެންމެ މަސައްކަތްތެރި އެންމެ ފަންނުވެރިން ގިނަ ތުޅާދޫ އަށެވެ. ތެދެކެވެ. ތިން ހާސް މީހުންގެ އާބާދީއަށް ފަސޭހަކޮށް ދިރިއުޅެވޭ ގޮތް ފަހިކޮށްދިނުމަށް ދެ ބުރެއްގެ މަތިން ހިއްކާފައިވާ މި ތުޅާދޫގައި ހިތްގައިމު ރީތި ކުޅިއެއް ނެތެވެ. އަތޮޅުގެ ރަށްތަކުން ފެންނަ ވަރުގެ ރީތި ބީޗެއް ނެތެވެ. އަމުދުން މިރަށުގައި ފަތުރުވެރިކަމެއް ނެތެވެ.
އެކަމަކު ހަނި މަގުތަކުން ހިނގި ވަރަކަށް އަހަރެންނަށް "ތުޅާދޫ" ފެންނަން ފެށި އެވެ. ސާފުވާން ފެށި އެވެ.
މިރަށުގައި ތިބީ ބީރައްޓެހިންނާއި ރައްޓެހި ބައެކެވެ. ހިތްހެޔޮ ބައެކެވެ. ފެނުމުން ބަލާލައި ހިނިތުންވެލުމަކުން ވެދުންކުރާ ބައެކެވެ. މަސްވެރިކަމަށް ލޯބިކުރާ ބައެކެވެ. ފަންނުވެރިކަމާއި ކަވި މަަސައްކަތަށް ގަދަރުކުރާ ބައެކެވެ.


ތުޅާދޫ މަތިން ނަގާފައިވާ މި ޑްރޯން ފޮޓޯގައި ތި ފެންނަނީ އެރަށުގައި ގާތްގާތުގައި އަޅާފައިވާ ގެތަކުގެ މެދުން އެރަށުގައި ހިނގައި ދުއްވައި އުޅޭ ހިމަ ހިމަ މަގުތަކެވެ. މިރަށުގެ ގިނަ މަގުތަކަކީ އާންމުކޮށް ރާއްޖޭގެ ރަށްތަކުން ނުފެންނަ ވަރުގެ ހިމަ މަގުތަކެކެވެ. އެކަމަކު ހަނި މަގުތަކުގެ ދެފަރާތުގައި ފައްޗަކަށް އަޅާފައިވާ ގެތަކުގައި "ގާތްކޮށް" ދިރިއުޅޭ މިރަށު މީހުންނަކީ އެކުވެރި ރަހުމަތްތެރި މިޒާޖެއްގެ ބައެކެވެ. އަދަދު ފޮޓޯ/އާއިމް ޒަމީރު

ތުޅާދޫގެ ހަނި މަގެއް: މިރަށުގައި މިފަދަ ހަނި ގިނަ މަގުތަކެއް ހުރޭ. އަދަދު ފޮޓޯ/އާއިމް ޒަމީރު
ތުޅާދޫގެ ފަހުރަކީ އެރަށަށް ލިބިފައިވާ އާދަޔާ ހިލާފު ހުނަރެވެ. ރާއްޖޭގައި ނެތް ފެންވަރުގެ އެންމެ ގިނަ ލިޔެލާ އާޓިސްޓުން ތިބީ ތުޅާދޫގަ އެވެ. އެ ދާއިރާއިން އެހެން އެއްވެސް ރަށަކަށް ނުލިބޭ ވަރުގެ ނަމަކާއި ފަހުރެއް މިދިޔަ ބައި ގަރުނު ތެރޭގައި ރަށަށް ލިބިފައިވެ އެވެ. ހަނި މަގުތަކުން ބައްދަލުވާ މީހުންނާއި ވާހަކަދައްކަމުން މައުލޫމާތު އެއްކުރަމުން ކުރިއަށް ދިޔަ ވަރަކަށް އެ މަންޒަރު ސާފުވި އެވެ.
އިސް ފަންނުވެރިންގެ ކިބައިން ހިއްވަރާއި އިލްމު ހޯދައިގެން އެކަންކަން ދަސްކޮށްގެން އާ ޖޯޝެއްގައި ޒުވާނުން މަސައްކަތް ފަށައިފި އެވެ.

ތުޅާދޫ މީހަކު ލިޔެލާ ޖެހުމުގެ މަސައްކަތެއް ކުރަނީ: ލިޔެލާ ޖެހުމުގެ ފެންނުން ރަށަށް ލިބިފައިވާ ހުނަރަކީ އެރަށުގެ ޒުވާނުން ފަހުރުވެރިވާ ކަމެއް. އެ މަސައްކަތް އަމިއްލަ އަށް ދަސްކޮށްގެން އާ ގޮތްގޮތަށް މޮޅަށް ކުރަން ދަސްކޮށްގެން ހުނަރު ކުރިއަރުވާ ޒުވާނުން ތުޅާދޫގައި މިހާރު އެބަތިބި. އަދަދު ފޮޓޯ/އާއިމް ޒަމީރު
މިރަށުގެ ހީވާގި އާބާދީގެ އެންމެ ބޮޑު އެއް ހިއްސާ އަކީ މަސްވެރި މަސައްކަތްތެރިންނެވެ. މަސް ޕްރޮސެސް ކުރުމުގެ އެކި ކަހަލަ މަސައްކަތް އެންމެ ދުވަހެއް އުނި ނުކޮށް މިރަށުގެ މަސްވެރި މަސައްކަތްތެރިން ކުރެ އެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ނަމަ، ވާދައަށް އަގު ކިޔައިގެން މަސް ކިރުމާއި ގަތުމާއި އާއިލާ އެއްބައިވެގެން އެ މަސްތައް ކަނޑައިގެން ކައްކައި ޕްރޮސެސް ކުރުމުގެ މާހައުލެއްގެ ފޯރި މިރަށުގައި ހިފާލަ އެވެ.

މީހަކު އައްޓެއްގައި ލޮނުލާފައިވާ މަސްތަކެއް އަތުރަނީ: މިރަށަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ މަސްވެރިކަމުގެ ވިޔަފާރިން. މަސް ޕްރޮސެސް ކުރާ މީހުންގެ އާބާދީ އަށް ބަލާނަމަ ގާތްގަނޑަކަށް 10-15 އާއި ދޭތެރޭގައި މަސް ކައްކައި ޕްރޮސެސް ކުރާ މީހުން އުޅޭ. މީގެ ތެރޭގައި ލާޖް ސްކޭލެއްގައި މަސް ގަނެގެން ހަތަރު ފަސް ވަރަކަށް މީހުން މި ވިޔަފާރި ކުރޭ. އަދަދު ފޮޓޯ/އާއިމް ޒަމީރު

ވަށައި ރިވެޓް ޖަހައިފައި އޮންނަ މި ރަށުގެ ބޭރު ތޮށި މައްޗަށް، އެކި އުމުރުފުރައިގެ މީހުން ހަވީރު ފިންޏަށާއި ހުސްވަގުތުގެ ޝައުގުވެރިކަމަށް މަސް ބާނަން ދިއުމަކީ ވެސް މިރަށުގެ ރައްޔިތުން މަސްވެރިކަމަށް ހުންނަ ޝައުގު އެނގިގެންދާ ކަމެކެވެ.

އިރު އަރަމުން ދިޔަ ވަގުތު ރަށުގެ ތޮށި މަތީގައި ފަރުމަސް ބާނަން ދޮށި އެއްލައިގެން އިން ފުރާވަރުގެ ފިރިހެން ކުއްޖެއް: ތުޅާދޫ އަކީ މަސްވެރިން ގިނަ ރަށެއް. މަސްވެރިކަމަށް ލޯބިވާ ބަޔަކު ތިބި ރަށެއް. މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް އެކުވެރި، ރަށްފުޘށުގެ މާހައުލަކުން ތަޖުރިބާ ކޮށްލަން ދާން ބޭނުން ނަމަ މިރަށަކީ އެފަދަ ދެވަނަ އެއް ނެތް ރަށެއް. އަދަދު ފޮޓޯ/ އާއިމް ޒަމީރު
މިއީ ތުޅާދޫ އެވެ.
3000 މީހުންގެ އާބާދީއެއް އޮތް މި ރަށަކީ ލިބިފައިވާ ސިފަތަކާ އެކު ފުރިހަމަ ރަށެކެވެ. ތާރީހެއް އޮތް ރަށެކެވެ. މިރަށުގައި ނަވާރަސަކޭކައިގެ ކުރީކޮޅު ބިނާކުރި މަޝްހޫރު "ތުޅާދޫ ސްކޫލަކީ" ރާއްޖޭގައި ތިން ވަނައަށް އެޅި ސްކޫލެވެ. އެހެންވީމާ މިރަށަށް ތައުލީމު އެހެން އެތަކެއް ރަށަކަށް ވުރެ މާކުރިން ޒިޔާރަތްކޮށްފި އެވެ. މިހާރުވެސް މި ރަށަކީ ނިސްބަތުން ތައުލީމީ ޒުވާނުން ގިނަ އާބާދީއެއްގެ ގޮތުގައި ބެލެވޭނެ ރަށެކެވެ.

ތުޅާދޫގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް: މި ފޮޓޯއިން ތިފެންނަނީ މީހުން ފުރި ތޮށްޖެހިފައިވާ ތުޅާދޫގެ ބިމުގެ ދަތިކަން ހައްލުކުރުމަށް 2010 ވަނަ އަހަރު ހިއްކާފައިވާ 17 ހެކްޓަރުގެ ބިމާ އެކު ތުޅާދޫ މިހާރު އޮތް ގޮތް. މި ރަށަކީ މިރަށުގެ މީހުން ފަހުރުވެރިވާ ހިަތްގައިމު، މަސައްކަތްތެރި ރަށެއް. އަދަދު ފޮޓޯ/އާއިމް ޒަމީރު

ރަށުގައި 2018 ވަނަ އަހަރު ހުޅުވި ކުޑަކުދިންގެ ޕާކަކީ ހިތްގައިމު ރީތި ޕާކެެއް. ފަހަތުން އެ ފެންނަނީ ރަށުގެ ތިން މިސްކިތުގެ ތެރެއިން އެންމެ ރީތި މިސްކިތް. އަދަދު ފޮޓޯ/އާއިމް ޒަމީރު

ރަށުގެ ދެކުނުފަރާތު ހިއްކިބިމާއި ރަށް ގުޅޭ ހިސާބުގައި އަޅާފައިވާ 56 ފޫޓު 80 ފޫޓުގެ އައުޓްޑޯ ޖިމް: ތުޅާދޫގެ ހިއްކި ސަރަހައްދުގައި ވެސް މިހާރު މީހުން އާބާދުވާން ފަށައިފި. އެ ސަރަހައްދުގައި އެޅި 50 ހައުސިން ޔުނިޓުގެ ތެރެއިން ގިނަ ޔުނިޓްތަކުގައި މިހާރު މީހުން ދިރިއުޅޭ. ހިއްކި ބިން ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ކައުންސިލުން ވަނީ ބުނެފައި. އަދަދު ފޮޓޯ/އާއިމް ޒަމީރު
"މި ރަށަކީ މުސްތަގުބަލު އޮތް ރަށެއް. ރަށުގައި މިހާރު އަޅަން ނިންމާފައިވާ އެއާޕޯޓާއެކު އެތައް ވަސީލަތެއް އައިސް ތަރައްގީ ވާނެ ރަށެއް. މިރަށަކީ މަސައްކަތްތެރި ރަށެއް. ފަންނުވެރިކަމުގެ އާދަޔާހިލާފު ކަންކަން ފެންނަން ހުރި ރަށެއް. ހިތްހެޔޮ މީހުން ދިރިއުޅޭ ރަށެއް. އެގޮތުން ބަލާއިރު ކިތަންމެހާ ވެސް ހިތްގައިމު ރަށެއް."
ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވި ގޮތަށް ތުޅާދޫ ސިފަ ކުރާނަމަ އެރަށަކީ ވެސް ރާއްޖޭގެ އެންމެ ތަފާތު، ޒިޔާރަތްކުރަން އެންމެ ކަމުދާ ހިތްގައިމު ރަށެކެވެ.










