ބީނޯޒް އެރީޒް، އާޖެންޓީނާ (ޖެނުއަރީ 27) - ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗަށް ނެގި ސްކޮޑުން ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބާކީ ކުރީ އަދިވެސް އޭނާ އެއްކޮށް ފިޓު ނުވާތީ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.
ޕީއެސްޖީގެ ފޯވާޑް މެސީ، 34، ކޮވިޑަށް ޕޮޒިޓިވްވީ އާ އަހަރު ފާހަގަކުރުމަށް އާޖެންޓީނާގައި ހުއްޓަ އެވެ. އޭނާ އެނބުރި ފްރާންސަށް އައިސް ހެދި ޓެސްޓް ތަކުން ކޮވިޑަށް ޕޮޒިޓިވްވުމުން އެކަހެރިވެ ހަފްތާއެއް ހާ ދުވަހު ހުއްޓެވެ.
ކޮވިޑުން ރަނގަޅުވެ މެސީ ވަނީ ޕީއެސްޖީ އެންމެ ފަހުން ލީގުގައި ރެއިމްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ތިރީހަކަށް މިނެޓުގައި ކުޅެން ނިކުމެފަ އެވެ. މި މެޗުގެ ކުރިން މެސީ ޕީއެސްޖީ އަށް މެޗެއް ކުޅުނީ އެއް މަސް ކުރިންނެވެ.
ކޮވިޑްގެ ސަބަބުން މެސީގެ ފިޓްނަސް އަށް އަސަރުކޮށްފައިވާތީ ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އާއި ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް ނެގި ސްކޮޑުން އޭނާ ވަނީ ބާކީ ކޮށްފަ އެވެ.

ރެއިމްސް ދެ ކުޅުންތެރިން ކައިރިން މެސީ ބޯޅަ ހިފައިގެންދަނީ.- ފޮޓޯ: އޭއެފްޕީ
ސްކަލޯނީ ބުނީ ކޮވިޑްގެ ސަބަބުން މެސީގެ ހަށިގަނޑަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެކަން މެސީ އަށް ވެސް އިހުސާސް ވަމުން އަންނަ ކަމަށާއި ރިކަވަރީ އާއި މެޗު ފިޓްނަސް އަށް ބަލާއިރު މި ވަގުތަށް މެސީ އަށް އެންމެ ރަނގަޅު ގޮތަކީ ކްލަބްގައި މަޑުކުރުން ކަމުގައި ސްކަލޯނީ ގަބޫލުކުރެ އެވެ.
މެސީ އަކީ ޓީމަށް އަބަދު ވެސް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެން ނަމަވެސް މިވަގުތަށް މުހިންމު ވަނީ މެސީ ރަނގަޅަށް އަރާމުކޮށް އަވަހަށް ފިޓުވުން ކަމަށް ސްކަލޯނީ ބުނެފައިވެ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ސްކަލޯނީ އަށް ވެސް އާޖެންޓީނާ އިން ޗިލީއާ ކުޅޭ މެޗުގައި ބައިވެރިނުވެވޭނެ އެވެ.
މެސީގެ ބަދަލުގައި ކުރިއަށް އޮތް ދެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅާނީ އެންހެލް ޑި މާރިއާ އެވެ. މީގެ ކުރިން ޑި މާރިއާ ވަނީ މިދިޔަ ނޮވެމްބަރު މަހު އުރުގުއޭއާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ވެސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ. އެ މެޗުގައި މެސީ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މެސީ ގައުމީ ޓީމަށް ނުނަގަން ނިންމީ އޭނާއާ މަޝްވަރާ ކުރުމަށް ފަހު އެވެ. އެއީ މި ވަގުތުގެ ހާލަތަށް ބަލައި، ޕީއެސްޖީން ވެސް އެދޭ ގޮތެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު ޕީއެސްޖީ ކުޅޭނެ ފުރަތަމަ މެޗަކީ ފްރެންޗް ކަޕްގައި ނީސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެހާތަނަށް މެސީގެ ފިޓްނަސް ރަނގަޅު ލެވަލަކަށް ގެންދެވޭނެ ކަމަށް ޕީއެސްޖީގެ ފިޓްނަަސް ކޯޗުން ވަނީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް އަންގައިފަ އެވެ.












