ބަފޯސާމް، ކެމަރޫން (ޖެނުއަރީ 25) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮޮން)ގައި މިރޭ ބޮލަށް ސީރިއަސް އަނިޔާއެއްވި ފަހުން ވެސް ދަނޑުމަތީގައި ހުރެ، ސަޑިއޯ މާނޭ ޖެހި ގޯލާ އެކު 2-0 އިން ކޭޕް ވާޑޭ ބަލިކޮށް ސެނެގާލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ކުއާޓާގައި ސެނެގާލް ކުޅެން ޖެހޭނީ މާލީ އާއި އިކުއޭޓްރަލް ގިނީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އެ މެޗު އޮތީ މާދަމާރޭގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކޭޕް ވާޑޭގެ މިޑްފީލްޑަރު ޕެޓްރިކް އަންޑްރާޑޭ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން، 54 ވަނަ މިނިޓްގައި މާނޭ އާއި ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާ އެރި ބޯޅައެއްގައި މާނޭ ބޮލުގައި ވޮޒީނިއާ ބޮލުން ޖެހުނެވެ. މާނޭ އަށް ދަނޑުމަތީގައި ފަރުވާދިންއިރު، ވޮޒީނިއާ އަށް ވެސް ކޮންމެވެސް ވަރަކަށް މެޑިކަލް އެހީބޭނުންވި އެވެ. އެއީ ވޮޒީނިއާ ކުރި ފައުލެއް ކަމަށްވާތީ އޭނާ އަށް ރަތް ކާޑެއް ދައްކަން މެޗުގެ ރެފްރީ ލަލޫ ބެންބްރަހަމް ނިންމީ އެވެ.

ކީޕަރު ވޮޒީނިއާ (ވ) ބޮލުން މާނޭ ބޮލުގައި ޖެހިފައި ދެ ކުޅުންތެރިން ވެއްޓެނީ.-- ފޮޓޯ: އޭއެފްޕީ
ނުވަ ކުޅުންތެރިންނާ އެކު ކުޅެމުން އައި ކޭޕް ވާޑޭ ކޮޅަށް ސެނެގާލްގެ ފުރަަތަމަ ގޯލު ޖެހީ މާނޭ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި މާނޭ ޖެހި ބޯޅަ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ގޯލު ރޮނގު ހުރަސްކުރުމުން ގޯލެއްގެ ގޮތުގައި ބަލައިގަތީ އެވެ. އެ ގޯލު ޖެހިތާ ހަ މިނިޓް ފަހުން މެޗު ކުރިއަށް ނުގެންދެވޭތީ މާނޭ ބަދަލުކުރި އެވެ. ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑަށް ސުވާލު އުފެދިފައިވަނީ ބޮލަށް ލިބުނު އަނިޔާއިން އެއްކޮށް ރިކަވާނުވެ މާނޭ ލައްވައި ކުޅުވި މައްސަލައިގަ އެވެ.
އިތުރު ވަގުތުގައި ސެނެގާލްގެ ދެ ވަނަ ގޯލު ޖެހީ މާނޭގެ ބަދަލުގައި ކުޅެން އެރި އަހުމަދޫ ބެމްބާ ޑިއާންގް އެވެ.
އެފްރިކަން ކަޕްގެ ދެ ވަނަ ބުރުގައި މިރޭ ކުޅޭ ފަހު މެޗުގައި މޮރޮކޯ ބައްދަލުކުރާނީ މަލާވީއާ އެވެ.












