ދަރިފުޅާ އެވެ! މަންމަގެ ޚާއްޞަ ދަރިފުޅާ އެވެ! މަންމަގެ ކިބައިގައި އެފަދަ ފުދުންތެރިކަން ހުރި ނަމަ ދަރިފުޅު ގެންގުޅޭނީ ފަޅުރަށެއްގަ އެވެ. މީހުންގެ ޖާހިލު ދޫތަކާއި ކުށްވެރި ލޯތަކާއި އަނިޔާވެރި ނިޔަތްތަކާ ދުރުގަ އެވެ. މުޖުތަމަޢުގެ ބަނދެވުންތަކާއި، ޒަމާނުގެ ޤާނޫނުތަކާ ދުރުގަ އެވެ. ދަރިފުޅުގެ ހުދޫދެއް ނެތް ޚިޔާލުތަކާއި އިމެއް ނެތް މިނިވަންކަން އަގުކުރާނޭ ވެށްޓެއްގަ އެވެ. ދަރިފުޅުގެ ސިކުނޑި ތިޔަ ބިނާކުރާ ފަދަ އޯގާތެރި ދުނިޔެއެއްގަ އެވެ. އެކަމަކު މަންމަގެ ކިބައިގައި އެ ފުދުންތެރިކަމެއް ނެތެވެ. ދަރިފުޅު ގެންގުޅެން ޖެހިފައި މިވަނީ، އަނިޔާވެރި، ބޮޑާ، ނޭއްގާނީ ދުނިޔެއެއްގަ އެވެ.
ދަރިފުޅާ އެވެ! މަންމަގެ ޚާއްޞަ ދަރިފުޅާ އެވެ! މަންމައަށް ކެރޭނަމަ، ދަރިފުޅަށް މަނާ އެއްވެސް ކަމެއް ނުވީހެވެ. ދަރިފުޅުގެ މައުސޫމިއްޔަތު ކެނޑިނޭޅި ދިފާޢުކުރީހެވެ. މުޖުތަމަޢުން ދަރިފުޅުގެ ޢަމަލުތައް ތަރުޖަމާކުރާ ގޮތް ބަދަލުކުރީހެވެ. ދަރިފުޅުގެ ކަރުނަ އާއި ނުރުހުމުން އަގު ދައްކައިގެން މުޖުތަމަޢުގެ ތައްގަނޑަށް ފެތޭގޮތަށް ދަރިފުޅު ބައްޓަން ނުކުރީހެވެ. ދަރިފުޅު ހަށިގަނޑުން ބޮޑަސް، ތިޔަ ޅަ ސިކުނޑިން ތިޔަ ގުނަވަންތަކަށް ދޭ އިރުޝާދުތަކަށް އެ ގުނަވަންތައް ތަބާވެގެން، ތިޔަ ދައްކާ ތުއްތު ހަރަކާތްތައް މަންމަ މަނާ ނުކުރީހެވެ. އެކަމަކު މަންމައަކަށް ނުކެރެއެވެ. މި މުޖުތުމަޢުގެ ސަޤާފަތުން މަންމަވެސް މި ވަނީ ގޮނޑިކޮއްކޮއަކަށް ހަދާފަ އެވެ.
ދަރިފުޅާ އެވެ! މަންމަގެ ލޯބިވާ، މަންމަގެ ޚާއްޞަ ދަރިފުޅާ އެވެ! މަންމައަށް ވާނަމަ، މަންމަގެ މުޅި ދިރިއުޅުން އިމުލާކުރީހީ ތިޔަ ދަރިފުޅެވެ. މަންމަ އަޅާ ކޮންމެ ފިޔަވަޅެއް އެޅީހީ ދަރިފުޅުގެ ފަހަތުންނެވެ. މަންމަ "ތެރަޕީ" ނެގީހީ ދަރިފުޅުގެ ދުނިޔެއަށް "މެއިންސްޓްރީމް" ވުމަށެވެ. މަންމަ ދަސްކުރީހީ ދަރިފުޅު ތިޔަ އުފާ ހޯދާ ސާދާ ކުޅިވަރުތަކެވެ. މަންމަގެ ދިރިއުޅުން ބިނާކުރީހީ ދަރިފުޅުގެ ދުނިޔޭގަ އެވެ. އެހެންނަމަވެސް މަންމައަކަށް ނުވި އެވެ. ދިރިއުޅުގެ މަޖުބޫރީ ހާލަތު މަންމަމެންނަށް އެފަދަ އިމެއް ނެތް މިނިވަންކަމެއް ނުދެ އެވެ. ދުނިޔޭގެ "ނިއުރޯޓިޕިކަލް" އަޤުލަބިއްޔަތުގެ ނުފޫޒުން، ދަރިފުޅުމެންގެ ދުނިޔެ ހަވާސާކޮށް، ނުބައިމީސްކުރެ އެވެ.
ދަރިފުޅާ އެވެ! މަންމަގެ ލޮލުގެ ނޫރާ އެވެ! މަންމައަށް އެ ނޫން ގޮތެއް ދަސްވެފައި އޮތްނަމަ، ދުނިޔެ ބުނާ ކިއްސަރަށް ދަރިފުޅުގެ ދިރިއުޅުގައި ރޮންދާ ނާޅާނަމެވެ. އެކަމަކު ލޯބިވާ، ޚާއްޞަ ދަރިފުޅާ އެވެ! މަންމައަކަށް ނުވާނެ އެވެ. މަންމައަކަށް ދަރިފުޅުގެ އިރުޝާދަށް ދުނިޔެ ދައުރާކޮށްދެވޭކަށް ނެތެވެ. ދަރިފުޅުގެ ޚިޔާލީ ދުނިޔެ ކުލަކޮށްދެވޭކަށް ނެތެވެ. މުޖުތަމަޢުގެ ޖާހިލުކަމާއި، ނޭއްގާނީކަމުގެ ވަކިތަކުން ދަރިފުޅު ހިމާޔަތްކޮށްދެވޭކަށް ނެތެވެ. ވަގުތާއި ޒަމާން ހުއްޓުވޭކަށް ނެތެވެ. މަންމަގެ ޢުމުރުގައި ހިފާ ދިގުކޮށްދެވޭކަށް ނެތެވެ. ދުނިޔެ ދަރިފުޅުމެން އެކަހެރިކޮށްލުމުން، އެކަމަށް ބަދަލުހިފައިދެވޭކަށް ނެތެވެ.
ދަރިފުޅާ އެވެ! މަޢާފުކުރާށެވެ! ނުކުޅެދުންތެރީ ދަރިފުޅެއް ނޫނެވެ. ދަރިފުޅުގެ އިމެއް ނެތް ހުވަފެންތަކާއި، ހުދޫދެއްނެތް މިނިވަންކަމާއި، ބިރެއް ނެތި ދައްކާ މައުސޫމިއްޔަތަށް ހޭހަން ކުރަން ނުކުޅެދިފައިވަނީ މި މަންމަ އެވެ. މި މަންމަ ނެތް ދުނިޔެއެއްގައި ދުނިޔެ ދަރިފުޅަށް ދީފާނޭ އަނިޔާއާ މެދު ވިސްނާލާ ކޮންމެ ފަހަރަކު މި މަންމަގެ ހިތް ކުދިކުދިވަނީ ބޭ އިޚްތިޔާރުގަ އެވެ. އިންސާނުންގެ ނުބައިކަމާއި ހިތްތަކުގެ ހަރުކަމުގައި މޫލައިގެން ބޯވެފައިވާ ދިރިއުޅުމުގެ ކަށިކުނބުރު ޖަންގައްޔަށް ދަރިފުޅު ދޫކޮށްލަން ޖެހޭނެކަން ހަނދާން ވުމުން، ލޮލުން ނުރޯން ހުއްޓަސް ނޯށުން ރޮވެ އެވެ. އެހެންނަމަވެސް، "ހަރުހިތެއް، ހިލަ ހިތެއް، ކަރުނައި މަޑުވާނެ" ހެއްޔެވެ؟








