ގަރޫއާ، ކެމަރޫން (ޖެނުއަރީ 24) - ވަރުގަދަ ނައިޖީރިއާ ކަޓުވާލައި އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ކުއާޓާ ފައިނަލުގެ ޖާގަ ޓިއުނީޝިއާ އިން ހޯދިއިރު، ޕެނަލްޓީ ޖަހައިގެން ގެބޮން ބަލިކުރި ބުރްކީނާ ފާސޯ ވެސް ކުއާޓާ އަށް ދަތުރުކޮށްފި އެވެ.
އެފްރިކާގެ ޗެމްޕިއަންކަން 2004 ވަނަ އަހަރު ހޯދި ޓިއުނީޝިއާ އިން ވަނީ ދެ ވަނަ ބުރުގައި ރޭ ނައިޖީރިއާ 1-0 އިން ބަލިކޮށްފަ އެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ދެ ވަނަ ހާފު ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި ޓިއުނީޝިއާ އިން މެޗުގެ ހަަމައެކަނި ގޯލް ޖެހި އެވެ. މި ގޯލް ޖަހައިދިނީ ޔޫސުފް ސަކްނީ އެވެ. މިއީ މި މުބާރާތުގައި އޭނާ ކުޅޭ ހަތް ވަނަ ފަހަރެވެ.
ޓިއުނީޝިއާގެ ގޯލާ އެކު މި މުބާރާތް މީގެ ކުރިން ތިން ފަހަރު ކާމިޔާބުކޮށްފައިވާ ނައިޖީރިއާ އިން ކުރިއަށް ޖެހިލައިގެން ކުޅެ ހަމަލާތައް އުފެއްދުމަށް މަސައްކަތްކުރި އެވެ. އަދި ބެންޗުން އަލްކްސް އިވޯބީ އާއި އަހްމަދު މޫސާ ފަދަ ކުޅުންތެރިން ކުޅެން ނެރުނެވެ.
ނައިޖީރިއާގެ އުއްމީދުތަކަށް ފަނޑުކަމެއް އައީ ކުޅެން އެރިތާ ހަތް މިނެޓު ނުވަނީސް އިވޯބީ އަށް ރަތް ކާޑު ދެއްކުމުންނެވެ. މިއީ އޭނާ ކުރި ފައުލަކަށް ރެފްރީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ދެއްކި ރަތްކާޑެކެވެ.
ގިނަ ފައުލްތަކެއް ފެނުނު މި މެޗުގައި ނައިޖީރިއާ އަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެ ބޯޅަ ވެސް ދިޔައީ މާ ނުރައްކާވާ ގޮތަކަށް ނޫނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ބުރްކީނާ ފާސޯ ޖާގަ ހޯދީ ގެބޮންއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުމުން ނަތީޖާ ނެރުމަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ބުރްކީނާ ފާސޯ މޮޅުވީ 7-6 އިންނެވެ.
ފުރަތަމަ ޖެހި ފަސް ޕެނަލްޓިގެ ތެރެއިން ދެ ޓީމު އަތުން ވެސް އެއް ޕެނަލްޓީ ނާކާމިޔާބުވި އެވެ. އެ ގޮތުން 4-4އިން ޕެނަލްޓީ އެއްވަރުވެފައި އޮއްވައި ފުރަތަމަ މޮޅު ވާން ފުރުސަތު ލިބުނީ ބުރްކީނާ ފާސޯ އަށެވެ. ގެބޮންގެ ގަކޫޓޫ ޔޮކެންޑޭ ފޮނުވާލި ޕެނަލްޓީ ބޭރަށް ދިޔުމާ އެކު ބުރްކީނާ ފާސޯ އަށް މޮޅުވާން އެޑްވާންޓޭޖް ލިބުނެވެ. އެކަމަކު، އަބްދުލް ޓަޕްސޯބާ ފޮނުވާލި ޕެނަލްޓީ ގެބޮންގެ ކީޕަރު ޖިއާން ނޮއެލް އަމޮނޯމާ މަތަކުރި އެވެ. އަނެއްކާ ވެސް ގެބޮން އަށް ލިބުނު ފުރުސަތު އެޓީމުން ނަގާލި އެވެ. މިފަހަރު ލޮއިޑް ޕަލުން ޖެހި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. ބުރްކީނާ ފާސޯ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމައިލާ އޮއެދްރައޮގޯ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ދެ މެޗެއް މިރޭވެސް ކުޅޭނެ އެވެ. ރާއްޖެ ގަޑިން ރޭގަނޑު ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ ގިނި އާއި ގެމްބިއާ އެވެ. މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ކޮމޮރޯސް ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ކެމަރޫންއާ ދެކޮޅަށެވެ.












