ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވެ، ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ.
ސިޓީ ވަނީ ހޮނިހިރު ދުވަހު ސައުތެމްޓަނާ އެއްވަރުވެފަ އެވެ. ސިޓީ އަށް 23 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލުން ވަނީ ރޭ 3-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް، 22 މެޗުން 48 ޕޮއިންޓް ހޯދައިފަ އެވެ. ތިން ހަފްތާ ތެރޭގައި ތިން ވަނަ ފަހަރަށް ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވި ޗެލްސީ އަށް ވަނީ 24 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ވަނީ 32 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ވާޖިލް ވެން ޑައިކް ލިވަޕޫލްގެ ފުރަތަމަ ގޯލު ޖެހިއިރު، 32 ވަނަ މިނިޓްގައި އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން ވަނީ ލީޑުފުޅާކޮށްދީފަ އެވެ. ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެންޑީ ރޮބަޓްސަން އެވެ.
ދެ ވަނަ ހާފް ފެށުނުތަނުން ލިވަޕޫލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޖިއަން ޕިލީޕޭ މަޓޭޓާ ދިން ބޯޅަ އަކުން ކްރިސްޓަލް ޕެލަސްގެ އޮޑްސަން އެޑޮއާޑް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެެވެ. އެކަމަކު، ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް ކްރިސްޓަލް ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ ފައުލުކުރި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، ދިން ޕެނަލްޓީ ފަބީނިއޯ ވަނީ ކާމިޔާބުކޮށްފަ އެވެ. މި ގޯލާ އެކު ލިވަޕޫލް މޮޅުވީ އެވެ.
ޗެލްސީ ކޮޅަށް ރޭގެ މެޗުގައި ފުރަތަމަ ޓޮޓެންހަމް އިން ގޯލެއް ޖެހި އެވެ. ހެރީ ކޭން މި ގޯލު ޖެހިއިރު، ޗެލްސީގެ ތިއާގޯ ސިލްވާ އަށް ފައުލުކުރި ކަމަށް ބަލައި އެ ގޯލު ނުލި އެވެ. ޗެލްސީން މި މެޗުގައި ގޯލުތައް ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. މެޗުގެ 47 ވަަނަ މިނިޓްގައި ޗެލްސީ ލީޑުނެގީ ހަކީމް ޒިޔެޗްގެ މޮޅު ގޯލުންނެވެ. އަދި މެޗުގެ 55 ވަނަ މިނިޓްގައި މޭސަން މައުންޓްގެ ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ޗެލްސީން ލީޑުފުޅާކުރި އެވެ.
ޕްރިމިއާ ލީގުގައި ރޭ އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ބާންލީއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި ލެސްޓާ ސިޓީން ބްރައިޓަންއާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.












