ކްލަބް ގްރީން ސްޓްރީޓްސް އަށް ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ތަރި އަބްދުﷲ ޔާމީން (ޔާނު)، ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
ރާއްޖޭގެ ކްލަބްތަކަށް މިރޭ 12 ޖަހާއިރު ޓްރާންސްފާ މާކެޓް ބަންދުވާއިރު، ޔާނު ވަނީ ވެލެންސިއާއާ ގުޅިފަ އެވެ. އެކަން ވެލެންސިއާ އިން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.
ރ. އަލިފުށީގައި މިރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ 2-1 އިން ބަލިކޮށް ވެލެންސިއާ އިން ވަނީ ހަ ވަނަ ފަހަރަށް ގައުމީ ތަށި އުފުލާލައިފަ އެވެ. އެ މެޗަށް ފަހު ވެެލެންސިއާގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ބުނީ މި ފަދަ ކާމިޔާބީ ހޯދުމަށް ފަހު ޔާނު ކަހަލަ ޒުވާން ކުޅުންތެރިން ގެނައުމަކީ މުސްތަގުބަލަށް ޓީމެއް ބިނާކުރަން ބަލާއިރު، ވެލެންސިއާ އިން ކުރި ރަނގަޅު އިންވެސްޓްމަންޓެއް ކަމަށެވެ.
ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ގްރީން ސްޓްރީޓްސްއާ ގުޅުނު ޔާނު އަކީ މިދިޔަ ދެތިން ސީޒަނެއްގައި ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިއެކެވެ. އުމުރުން 21 އަހަރުގެ ޔާނު އަކީ މި ވަގުތު ދިވެހި ފުޓްބޯޅައިގައި ހުރި އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އެވެ.
ޔާން ވަނީ ގްރީން ސްޓްރީޓްސްއާ އެކު 2018 ވަަނަ އަހަރު ބޭއްވި ޔޫތު ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އިން ފާއިތުވި އަހަރުތަކުގައި ހޯދި ކުރިއެރުންތަކުގައި ޔާނުގެ ހިއްސާ ބޮޑެވެ. މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތިން ވަނަ އަށް ގްރީން ސްޓްރީޓްސް ދިޔައިރު، އެ މުބާރާތުގައި ވެސް ޔާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސް އަތުން ގްރީން ސްޓްރީޓްސް ބަލިވި މެޗަށް ފަހު ޔާނު.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޔާނު ގްރީން ސްޓްރީޓްސްގައި ހޭދަކުރި އަހަރުތަކުގައި ވަނީ އަލީ ސުޒޭން އާއި އަލީ ނިސްތާރު މުހައްމަދުގެ ކޯޗުކަމުގައި ކުޅެފަ އެވެ.
ހއ. ހޯރަފުއްޓަށް އުފަން ޔާނު އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ގްރީން ސްޓްރީޓްސް އިން އޭނާ އަށް ކޮށްދިން ކަންތައްތައް އަބަދުވެސް ހެޔޮހިތުން ބަލައިގަންނާނެ ކަމަށެވެ. އަދި ކޮންމެވެސް އެއް ދުވަހަކުން އަލުން ގްރީން ސްޓްރީޓްސް އަށް އެނބުރި އައުމުގެ އުއްމީދު އަބަދުވެސް އޮންނާނެ ކަމަށް ޔާނު ބުނެފައިވެ އެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ޕީޓަ ސެގާޓް ހުރިއިރު، ޔާނު އަށް ވަނީ 17 އަހަރުގައި ގައުމީ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު ދީފަ އެެވެ. އެއީ 2018 ވަނަ އަހަރު ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ. ގައުމީ ސްކޮޑުގައި ގިނަ ފަހަރުތަކަކު ހިމެނުނު ޔާނު ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު މުބާރާތްތަކެއް ކުޅެފަ އެވެ. ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް މެޗުތަކެއް ކުޅެފައިވެ އެވެ.












