ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 23) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި ފުރަތަމަ ފަހަރަށް ވާދަކުރަމުން އަންނަ ކޮމޮރޯސް ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ ކުއާޓާ ފައިނަލް މެޗަށް ނުކުންނައިރު ޓީމަށް ބޮޑު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ކޮމޮރޯސް މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކޮށްފައިވަނީ މޮރޮކޯ، ގާނާ އަދި ގެބޮން ހިމެނޭ ވަރުގަދަ ގްރޫޕްގަ އެވެ. ނަމަވެސް ގިނަ ބަޔަކު ސިއްސުވާލައި ހަތަރު ފަހަރުގެ ޗެމްޕިއަން ގާނާ ކަޓުވާލައި ކޮމޮރޯސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ.
ކޮމޮރޯސް ކުއާޓާ ފައިނަލްގައި ނިކުންނާނީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އަދި މި ފަހަރު މުބާރާތް ބާއްވާ ގައުމު ކެމަރޫންއާއި ދެކޮޅަށެވެ. މި މެޗަށް ތައްޔާރުވަނިކޮށް ކެމަރޫން ޓީމްގެ 12 މެންބަރަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވްގެ މީހުންގެ ތެރޭގައި ކޯޗު އާމިރު އަބްދޫ އާއި އެޓީމުގެ ދެ ގޯލްކީޕަރުން ވެސް ހިމެނެ އެވެ.
އެންމެ ފަހުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާ އެއްގެ ސަބަބުން އެއް ނަންބަރު ކީޕަރު ސާލިމް ބެން ބޮއިނާ ވެސް ހުރީ އަނިޔާގަ އެވެ. އެހެންކަމުން ކުރިއަށް އޮތް ކުއާޓާ ފައިނަލަށް ނުކުންނައިރު ޓީމްގައި ކީޕަރެއް ނެތެވެ.
މުބާރާތް ފެށުމުގެ ކުރިން އެފްރިކާގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ގަވާއިދު ބުނާ ގޮތުން ޓީމަށް ކޮވިޑްގެ ނުރައްކާތެރި ހާލަތެއް މެދުވެރިވިކަމުގައި ވިޔަސް، ނެގެޓިވް ނަތީޖާއާ އެކު 11 ކުޅުންތެރިން ތިބެއްޖެނަމަ އެއްވެސް މެޗަކަށް ބަދަލެއް ނުގެންނާނެ އެވެ.
މިހާރު އޮތް ގޮތުން ކެމަރޫންއާ ދެކޮޅަށް ކޮމޮރޯސް ކުޅެން ޖެހޭނީ ރަސްމީ ކީޕަރެއް ނެތި އެވެ.
ކޮމޮރޯސް ޓީމުގެ މެނޭޖަރު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެޓީމުގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އެންމެ ފާހަގަކޮށްލެވޭ މުހިންމު މެޗަށް ތައްޔާރުވާއިރު ކީޕަރެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ނަމަވެސް ކޮންމެވެސް ގޮތަކުން މި ކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށާނެ އެވެ. ފުރަތަމަ މެޗުގައި ބުރްކީނާ ފާސޯ ނިކުންނާނީ ގެބޮންއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ނައިޖީރިއާ ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަކަށްވާނީ އައިވަރީ ކޮސްޓާއި މިސްރުގެ ކުރިމަތިލުމެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.












