މެންޗެސްޓާ (ޖެނުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖެހި ގޯލުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ސައުތެމްޓަން ދަނޑުގައި އެ ޓީމާ 1-1 އިން އެއްވަރުވެ، މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ރެކޯޑަށް 12 މެޗަށް ފަހު ނިމުން އަތުވެއްޖެ އެވެ.
ޕްރިމިއާ ލީގުން ފިނި މޫސުމަށް ނަގާ ބްރޭކުގެ ކުރިން ކުޅޭ ފަހު މެޗުގައި މޮޅުވެ، ސިޓީ އަށް ލީޑު ދެމެހެއްޓުމުގެ ފުރުސަތު އޮތެވެ. އެކަމަކު، އެއްވަރުވުމުން އެ ފުރުސަތު ގެއްލުނީ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 23 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 23 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ހަތަރަކަށް އެރީ 22 މެޗުން 38 ޕޮއިންޓާ އެކު އެވެ.
ވެސްޓް ހޭމް ކޮޅަށް ޔުނައިޓެޑުން ގޯލު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓްގެ ވެސް ފަހު މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ތިން ކުޅުންތެރިން ގުޅިގެން ކުރި މި އެޓޭކުގައި ލަނޑު ޖެހީ މާކަސް ރެޝްފޯޑް އެވެ. އެންތަނީ މާޝިއަލް ހުސްކޮށްލާފައި އޭރިއާތެރެއިން އެޑިސަން ކަވާނީ އަށް ދިނުމުން އޭނާ ހަމަަޖެހިލާފައި ވަނީ ގޯލުގެ ކުރިމަތީގައި ހުސްކޮށްހުރި ރަޝްފޯޑަށް ދީ އޭނާ ލައްވައި ގޯލު ޖަަހައިފަ އެވެ.
ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ މި ކަހަލަ ގޮތަކަށް ފަހު ވަގުުތު މޮޅުވުމަކީ ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވެ، ސަޕޯޓަރުން ވެސް ދެން އިން މެޗަށް އިންތިޒާރުކުރަން ޖެހޭ ސަބަބެއް ކަމަށެވެ. އެެހެންވެ، މުޅި ޓީމުގެ މާހައުލާ މެދު ހިތްހަމަ ޖެހޭ ކަމަށް ރަންގްނިކް ބުންޏެވެ.

ސައުތެމްޓަންގެ ރެޑްމަންޑް (ކ) ކައިރިން ސިޓީގެ ޑި ބްރޭނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީ ކައިރީގައި ރޭ ލީޑުނެގީ އަމިއްލަ ދަނޑުގައި ކުޅުނު ސައުތެމްޓަން އިންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ސައުތެމްޓަންހެ ނޭތަން ރެޑްމަންޑް ދިން ބޯޅައަކުން އޭރިއާތެރެއިން ކައިލް ވޯކާ-ޕީޓާސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ސިޓީ އަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދޭން ރަހީމް ސްޓާލިން އަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ޖެހި ބޯޅަ ސައުތެމްޓަންގެ ގޯލު ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފަ އެވެ. ސިޓީ އަށް އެއްވަރުކޮށްދިނީ މެޗުގެ 65 ވަނަ މިނިޓްގައި އައިމެރިކް ލަޕޯޓް އެވެ. ކެވިން ޑި ބްރޭނާ ހިލޭ ޖެހުމަކުން ނަގައިިދިން ބޯޅަ ލަޕޯޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މި މެޗުން މޮޅުވާން ސިޓީން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
ސިޓީން ބޭނުންވި ގޮތަށް މޮޅެއް ނުހޯދުނު ނަމަވެސް ގާޑިއޯލާ ހުރީ ހިތްހަަމަޖެހިގެންނެވެ. ގާޑިއޯލާ ބުނީ މި ވަގުތު އޭނާގެ ޓީމުން މެޗު އިތުރަށް ކުޅެގެން ކަމަށް ވިޔަސް އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާ އެކީ އޮތުމަކީ ވެސް އޭނާ އުއްމީދުކުރި ވަރަށް ވުރެ ރަނގަޅު ކާމިޔާބެއް ކަމަށެވެ.
ރެލިގޭޝަނުގައި އޮތް ނިއުކާސަލް ޔުނައިޓެޑުން ރޭ ވަނީ 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ކުރިއަށް ދިއުމުގެ އުއްމީދު ހޯދައިފަ އެވެ. ބްރެންޓްފޯޑުން ފަހު ވަގުތު އެއްވަރުކުރި ނަމަވެސް ވުލްްވްސް ވަނީ 2-1 އިން މޮޅުވެފަ އެވެ. އަދި ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ އެސްޓަން ވިލާ އިން ވަނީ 1-0 އިން އެވަޓަން ބަލިކޮށްފަ އެވެ.












