ކަސްޓަމަރުންނަށް ވަގުތުން ލިބޭ ވިސާ ކާޑެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ތައާރަފްކޮށްފި އެވެ.
މިއީ ވަގުތުން ލިބޭ ވިސާ ކާޑެއް ދިވެހިރާއްޖޭގެ މާކެޓަށް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. ބޭންކުގެ އޮފިޝަލަކު ބުނީ އިންސްޓަންޓް ވިސާ ކާޑު ތައާރަފް ކުރީ އެ ބޭންކުން މީގެ ކުރިން މާކެޓަށް ނެރުނު ވަގުތުން ލިބޭ ފައިސާ ކާޑަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން ކަމަށެވެ.
ބޭންކުގެ ފަރާތުން ދޫކުރާ އެހެން ވިސާ ކާޑާއި, ވަގުތުން ލިބޭ ވިސާ ކާޑާ ހުންނަ ހަމައެކަނި ތަފާތަކީ, ވަގުތުން ލިބޭ ވިސާ ކާޑުގައި ކާޑުގެ ވެރިފަރާތުގެ ނަން ޖާހާފައި ނޯންނާނެ ކަމެވެ.
"ބައެއް ކަސްޓަމަރުން އަޅުގަނޑުމެންނަށް ފީޑްބެކް ދެއްވާ ގޮތުގައި ނަންޖަހާފައި ނެތީމަ އޭގެން ލިބެނީ އިތުރު ރައްކާތެރި ކަމެއް. އެއީ ކާޑު ގެއްލުނަސް އެއީ ކާކުގެ ކާޑެއްކަން އެނގިގެން އޭގެއިން ނާޖައިޒު ފައިދާއެއް ނެގުމުގެ ފުރުސަތު އެތައް ގުނައަކަށް ކުޑަވެގެން ދާތީ،" ކާޑަށް ތަރުހީބު ލިބޭ އެއް ސަބަބު ކަމުގައި ބޭންކުގެ އޮފިޝަލު ބުނެދިނެވެ.
ނަން ޖަހާފައި ނެތް ނަމަވެސް އެހެނިހެން ވިސާ ކާޑެކޭ އެއްގޮތަށް މުޅި ދިވެހިރާއްޖޭގައި އެ ކާޑު ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ. އަދި ބޭންކުގެ އެހެން ކާޑުތަކަށް ތައާރަފްކުރާ އެކިއެކި ޕްރޮމޯޝަންތަކުގައި ވެސް އިންސްޓަންޓް ވިސާ ކާޑު ބޭނުން ކުރެވޭނެ އެވެ.
"މިކާޑު ތައާރަފް ކުރުމުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ފަސޭހަކަމާއެކު ޒަމާނީ ކާޑެއް ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކުރުން. އެކައުންޓު ހުޅުވުމަށް ފަހު ވަގުތުން ކާޑެ ލިބިލައްވާނެ. އަދި ހަމަ އެވަގުތުން ފަށައިގެން ކާޑު ބޭނުންކުރައްވައިގެން އެކައުންޓް ފަސޭހަކަމާއި އެކު އޮޕަރޭޓް ކުރެއްވޭނެ، އަދި ރަށުގައި ތިއްބަވާފައިވެސް އެންމެ ފަހަރަކު އެންމެ ކައިރި ބްރާންޗަކަށް ޒިޔާރަތް ކުރައްވައިގެން ކާޑު ލިބިލައްވާނެ," ބޭންކުގެ އޮފިޝަލު ބުންޏެވެ.
ދިވެހިރާއްޖޭގެ ހުރިހާ ސިޓީއެއްގައި ބޭންކުގެ ބްރާންޗު ހުޅުވާފައި ހުންނައިރު އެއިގެން ކޮންމެ ބްރާންޗަކުން ވެސް މިހާރު އިންސްޓަންޓް ވިސާ ކާޑު ވަގުތުން ލިބޭނެ އެވެ. އެ ކާޑު ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމަށް އެމްއައިބީގެ ބާޒާރު ސާވިސް ބްރާންޗު ހެނދުނު 10 އިން ހަވީރު 6:00 ޖަހަން ދެން ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ކޮވިޑްގެ ހާލަތު ހުރިގޮތުން ބޭންކަށް އައުމުގެ ކުރިން "އޭންޓް ކިއު" އެޕްލިކޭޝަނުން ކިއު ނަމްބަރެއް ނަގަން ސަމާލުވުމަށް ބޭންކުން އެންމެހާ ކަސްޓަމަރުންނަށް އިލްތިމާސް ކުރެއެވެ.










