ލަންޑަން (ޖެނުއަރީ 21) - އާސެނަލް ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ މެޗުން އެ ޓީމު އަތުން 2-0 އިން މޮޅުވެ، ލިވަޕޫލުން އިނގިރޭސި ލީގު ކަޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ލީގު ކަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދި ލިވަޕޫލުން 13 ވަނަ ފައިނަލް ކުޅެން ނުކުންނައިރު، އެ ޓީމަކީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ފަހަރު ފައިނަލުގައި ކުޅޭނެ ޓީމެވެ.
އަންނަ މަހުގެ 27 ވަނަ ދުވަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ ފައިނަލުން ފުރުސަތު ހޯދީ ދެ ލެގުގައި ވެސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ.
މިދިޔަ ހަފްތާގައި އާސެނަލުން ވަނީ ގްރޭނިޓް ޝަކާ އަށް މެޗުގެ ކުރީކޮޅުގައި ދެއްކި ރަތް ކާޑާ އެކު ވެސް ލިވަޕޫލް ހިފެހެއްޓުމުގައި ކާމިޔާބު ހޯދައިފަ އެވެ. އެ މެޗު ކުޅުނީ ކޮވިޑާ ހެދި އޭގެ ކުރިން ހަފްތާގެ މެޗު ފަސްކުރުމަށް ފަހު އެވެ.
މިރޭ ކުޅުނު ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށް ފައިނަލުގެ. ޖާގަ ހުުޅުވިފައި އޮތްއިރު، އެކަން ހާސިލްކުރީ މޮޅަށް ކުޅުނު ލިވަޕޫލުންނެވެ.
ލިވަޕޫލްގެ ފޯވާޑް ލައިންގެ މުހިންމު ދެ ތަރިން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ، ގައުމީ ޓީމާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދުމާ އެކު އެ ދެ ކުޅުންތެރިން ލިވަޕޫލާ ގުޅުން ލަސްވާނެ އެވެ. އެ ދެ ކުޅުންތެރިން ނެތި ލިވަޕޫލް ޓީމުގައި މިރޭ ތަފާތު ދެއްކީ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އެވެ.
އާސެނަލުން ރަނގަޅަށް ފަށައި، މެޗުގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން އަލެކްސަންޑަ ލަކަޒޭޓް ޖެހި ބޯޯޅަ ލިވަޕޫލްގެ ގޯލްކީޕަރު ކޮއިމްހިން ކެލަހާ އަތުގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ.
މެޗުގެ 19 ވަަނަ މިނިޓްގައި ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ދިން ބޯޅައެއް ހިފައިގެން އޭރިއާ ރޮނގުކައިރިއަށް ގޮސް ޖޮޓާ ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފައިގައި ލައްވައި ނުލި ނަމަވެސް ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ ތެރެއަށް ވަދެ ލިވަޕޫލުން ލީޑުނެގި އެވެ. އޭގެ ކުރިން ލިވަޕޫލްގެ ޖޮއެލް މަޓިޕް ޖެހި ގޯލެއް ވަނީ އޮފްސައިޑްވެފަ އެވެ.
ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ޖޮޓާ ހުސްކޮށްލާފައި ދިން ބޯޅައަކުން ލިވަޕޫލްގެ ލީޑުފުޅާކޮށްދޭން 17 އަހަރުގެ ކައިޑޭ ގޯޑަން އަށް ހުސްކޮށްލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ލީޑުފުޅާކުރަން ކުރި މަސައްކަތް ލިވަޕޫލަށް ކާމިޔާބުވީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. އަލެކްސަންޑަ-އާނޯލްޑް މަތިން ނެގި ބޯޅައެއް މެއިން ކޮންޓްރޯލް ކޮށްލައި، އާސެނަލްގެ ކީޕަރު އާރޮން ރާމްސްޑޭލަށް ލިބުމުގެ ކުރިން ޖޮޓާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ މި ގޯލު އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.
ކެމަރޫންގައި ކުރިއަށްދާ އެފްރިކަން ކަޕްގެ ގްރޫޕް ސްޓޭޖުން ގާނާ ކެޓުމުން އެ ޓީމުގެ ކެޕްޓަން ތޯމަސް ޕާޓޭ ވަނީ މިއަދު ލަންޑަނަށް ގޮސްފަ އެވެ. ކޮވިޑް ޓެސްޓްތަކެއް ހަދައި، މިރޭގެ މެޗުގައި ޕާޓޭ ފެށީ އާސެނަލް ބެންޗުންނެވެ. އެކަމަކު، ޓީމު ބަލިވެފައި އޮތުމުން ދެ ވަނަ ހާފްގައި ޕާޓޭ ކުޅެން އެރި އެވެ. ކުޅެން އެރިތާ 15 ވަރަކަށް މިނިޓް ވެސް ނުވަނީސް ޕާޓޭ ވަނީ ގާތްގާތުގައި ދެ ރީނދޫ ކާޑު ހޯދައިފަ އެވެ. އެއާ އެކު ރަތް ކާޑެއް ދައްކައި ޕާޓޭ ދަނޑުން ފޮނުވާލި އެވެ.












