ޑުއާލާ، ކެމަރޫން (ޖެނުއަރީ 20) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިރޭ އައިވަރީ ކޯސްޓް އަތުން 3-1 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ މުބާރާތުން ކަޓައިފި އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އެފްރިކަން ކަޕްގެ ޗެމްޕިއަން އަލްޖީރިއާ މި ފަހަރުގެ މުބާރާތުގައި ނުކުތް ފުރަަތަމަ މެޗުން ވަނީ 26 އަހަރު ފަހުން މި މުބާރާތުގައި ވާދަކުރާ ސިއެރަ ލިއޯނާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި އިކުއޭޓްރަލް ގިނާ އަތުން އަލްޖީރިއާ ވަނީ 1-0 އިން ބަލިވެފަ އެވެ. އެހެންވެ، މިއަދުގެ މެޗަށް ނުކުތްއިރު އަލްޖީރިއާ އަށް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ. އެކަމަކު، އައިވަރީ ކޯސްޓް އަތުން ބަލިވެ، މެޗަކުން މޮޅެއް ނުލިބި އަލްޖީރިއާ މުބާރާތުން ކެޓީ އެވެ.
ގްރޫޕް އީގެ އެއް ވަނަ ގޮތުގައި ގަދަ 16 ޓީމުގެ ބުރަށް ދިޔައީ ހަތް ޕޮއިންޓް ހޯދި އައިވަރީ ކޯސްޓް އެވެ. ދެ ވަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ މިރޭ ސިއެރަ ލިއޯން އަތުން 1-0 އިން މޮޅުވެ، ހަ ޕޮއިންޓް ހޯދި އިކުއޭޓްރަލް ގިނީ އެވެ. ސިއެރަ ލިއޯނުން ވަނީ އަލްޖީރިއާ އާއި އައިވަރީ ކޯސްޓާ އެއްވަރުކޮށް، ދެ ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފުލުގައި އަލްޖީރިއާ ނިންމީ ޕޮއިންޓަކާ އެކު އެވެ.
ކެމަރޫންގެ ޖަޕޯމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި އައިވަރީ ކޯސްޓަށް ލީޑުނަގައިދިނީ ފްރޭންކް ކެސިއޭ ޖެހި ގޯލުންނެވެ.
މެޗުގެ 39 ވަނަ މިނިޓްގައި ސާޖް އޯރިއޭ ދިން ބޯޅައަކުން އައިވަރީ ކޯސްޓްގެ ލީޑުފުޅާކޮށްދިނީ އިބްރާހިމާ ސަންގާރޭ އެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ރަނގަޅު ފޯމެއްގައި ހުރި ސަބެސްޓިއަން އަލެއާ ދިން ބޯޅައަކުން އައިވަރީ ކޯސްޓްގެ ތިން ވަނަ ގޯލު ޖެހީ ނިކޮލަސް ޕެޕޭ އެވެ.
އަލްޖީރިއާ އިން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި އެ ޓީމުގެ ކެޕްޓަން ރިޔާދު މާރޭޒް ޖެހި ޕެނަލްޓީ ކާމިޔާބުނުވި އެވެ. މާރޭޒް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 73 ވަނަ މިނިޓްގައި އަލްޖީރިއާގެ ގޯލު ޖެހީ ސޯފިއަން ބަންޑޭބްކާ އެވެ. އެކަމަކު، އިތުރު ގޯލެއް ޖެހޭތޯ ފަހު ވަގުތާ ހަމަ އަށް ވެސް އަލްޖީރިއާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މުބާރާތުގެ ގަދަ 16 ޓީމު ކުޅޭ ބުރުން ޖާގަ ހޯދާފައިވާ ޓީމްތަކަކީ ބުރްކީނާ ފާސޯ، ގެބޮން، ނައިޖީރިއާ، ސެނެގޯލް، ގިނީ، ކެމަރޫން، މޮރޮކޯ، މިސްރު، އައިވަރީ ކޯސްޓް، އިކުއޭޓްރަލް ގިނީ، ކޭޕް ވާޑޭ އަދި މަލާވީ އެވެ. ބާކީ ޖާގަތައް މިރޭގެ މެޗުތަކަށް ފަހު ކަށަވަރުވާނެ އެވެ.












