ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުވައްޒަފުން އުފުލުމަށް ބޭނުންކުރާ ވެހިކަލެއް އެކްސިޑެންޓުވެ، އެމްއޭސީއެލްގެ ތިން މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭޕްރަން މަތީގަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ކައިރީ ރޭމްޕް ވެހިކަލްއެއް ދަގަނޑެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:00 ޖަހާކަށްހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ އެއާޕޯޓުގެ މެޑިކަލް ޕޮއިންޓުގައި ފަރުވާ ދިނުމަށްފަހު މިހާރު އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ ތިން މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.












