ގދ. ތިނަދޫގައި އެތުލެޓިކްސް ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ތިނަދޫގައި މިހާރު އޮންނަ ޓްރެކަކީ ޒޯން ސްޓޭޑިއަމުގައި އޮންނަ ވެލި ޓްރެކެކެވެ. ތިނަދޫ އަކީ އެތުލެޓިކްސްގައި ހާއްސަކޮށް ދުވުމުގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ރަށެވެ. ގައުމީ މުބާރާތާއި އަތޮޅު މުބާރާތްތަކުގައި އެ ރަށް ވަނީ ވިދާލައިފަ އެވެ. މިހާރު ވެސް ގައުމީ ޓީމުގައި އެ ރަށުގެ ދެ ދުވުންތެރިން ހިމެނެ އެވެ. އެއީ ނުޖޫމް ހަސަން އާއި އިބާދުﷲ އާދަމް އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ތިނަދޫގެ އެތުލީޓުން ހޯދާ ކާމިޔާބީތަކާ އެކު އެ ރަށުގައި ވެސް ސިންތެޓިކް ޓްރެކެއް އޮންނަން ޖެހޭނެ ކަމަށް ސަރުކާރުން ނިންމީ ކަމަށެވެ.
"އެހެންވެ ތިނަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ ޖީޕީއެސް ލޮކޭޝަން ފޮނުވާފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެ ޕްރޮޖެކްޓްވެސް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އޮންނަނީ އެތުލެޓިކްސްގެ ސިންތެޓިކް ދެ ޓްރެކެވެ. އެއީ މާލެ އާއި ހުޅުމާލޭގަ އެވެ. މިހުރިހާ ދުވަހު ދިވެހި އެތުލީޓުން ތަމްރީން ހެދީ މާލޭގައި އޮންނަ ވެލި ޓްރެކުގަ އެވެ.
ތިނަދޫގައި މިހާރު ވެސް ސަރުކާރުން ވަނީ ޓާފް ފުޓްސަލް ދަނޑެއް އަޅައިފަ އެވެ. އަދި ބޮޑު ސައިޒުގެ ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ތިނަދޫގައި ފުޓްބޯޅައިގެ ވެސް މަަޝްހޫރު ރަށެކެވެ. ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މޮޅު ކުޅުމެއް ދެއްކި އިސްމާއިލް މުހައްމަދު (އިއްސޭ) އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ފޯވާޑް އާޒިމް ހުސެއިން (އެންޑީ) އަކީ އެ ރަށަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ.












