ސައުތެމްޓަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން ހޯލްވް އެންޑް އަލްބިއަންއާ 1-1 އިން އެއްވަރުވެ، ޗެލްސީން ލީގުގެ ރޭހުގައި އަނެއްކާ ވެސް ފަހަތަށް ފިޔަވަޅެއް އަޅައިފި އެވެ.
ޗެލްސީން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް މޮޅެއް ނުލިބެ އެވެ. މިއީ އެ ޓީމުގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް އިރުޝާދުދޭ ޓީމެއް ލީގުގައި 2016 ވަނަ އަހަރަށް ފަހު މޮޅެއް ނުލިބި ޖެހިޖެހިގެން ހަތަރު މެޗު ނިންމާލި ފުރަތަމަ ފަހަރެވެ. އެ ފަހަރު، ޓުޗެލް ހުރީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗަކަށެވެ.
މިރޭ ބްރައިޓަން ބަލިކޮށްގެން ލީގުގެ ދެ ވަނަ އަށް އަރަން ޗެލްސީ އަށް ފުރުސަތު އޮތް ނަމަވެސް އެއްވަރުވެ، ޖެހުނީ އޮތް މަގާމުން ފުއްދާލާށެވެ. މެންޗެސްޓާ ސިޓީ އެއް ވަނައިގައި 22 މެޗުން 56 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި ލިވަޕޫލް އޮތީ 21 މެޗުން 45 ޕޮއިިންޓާ އެކު އެވެ. ތިން ވަަނަ މަގާމުގައި ޗެލްސީ އޮތީ 23 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.
ބްރައިޓަން ދަނޑުގައި ކުޅުނު މިރޭގެ މެޗު ފަށައިގެން މެދުތެރެއިން ކޮންޓްރޯލް ނަގައިގެން ކުޅެވޭތޯ ބްރައިޓަން އިން ބެލި އެވެ. މި މެޗުގައި ވެސް ޗެލްސީގެ އެންމެ ކުރިއަށް ކުޅޭ ރޮމެލޫ ލުކާކޫގެ ފަރާތުން ފެނުނީ ޖުމްލަކޮށް އެވްރެޖް ކުޅުމެކެވެ.
ބްރައިޓަން އިން ކުޅެމުން ދަނިކޮށް ފަހަތަށް ދިޔަ ބޯޅައެއްގައި ޗެލްސީން މި މެޗުގައި ލީޑުނެގީ 28 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ޖެހި ގޯލުންނެވެ. އޭރިއާބޭރުން ޒިޔެޗް ޖެހި ބޯޅަ ގޯލަށް ވަނީ ބްރައިޓަންގެ ގޯލްކީޕަރު ރޮބާޓޯ ސަންޗޭޒް އަތުގައި ޖެހިފަ އެވެ.
ފުރަތަމަ ހާފުގައި ބްރައިޓަންގެ ފޯވާޑް ޑެނީ ވެލްބެކަށް ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ އަށް ބޯޅައިގައި ޖަހަން ވެގެން ކުރި މަސައްކަތުގައި ފައިގައި ރަނގަޅަށް ލައްވާލާ ގޮތެއްނުވި އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 20 ސިކުންތު ތެރޭގައި ވެލްބެކަށް ޗެލްސީ އޭރިއާތެރެއިން ލިބުނު ބޯޅަ ފޮނުވާލި ނަަމަވެސް ދިޔައީ ބޭރުންނެވެ.
ނަތީޖާ ހަމަހަމަ ކުރަން ބްރައިޓަން އިން ކުރި މަސައްކަތް ކާމިޔާބުވީ 60 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ އަލެކްސިސް މެކްއަލިސްޓާ ނެގި ކޯނަރަކުން ބްރައިޓަންގެ ކެޕްޓަން އެޑަމް ވެބްސްޓާ ބޮލުންނެވެ. މި ގޯލު ޖެހުމުގެ ކުރިން މެކަލިސްޓާ ފޮނުވާލި ޝޮޓެއް ޗެލްސީގެ ގޯލުގައި ހުރި ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރައިޓަންގެ ފޯވާޑް ނީލް މޯޕޭ އަށް ވަނީ އެ ޓީމު މޮޅުކޮށްދޭން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެކަމަކު، އޭނާ އަށް ގޯލަށް ބޯޅަ ފޮނުވާނުލެވި ފުރުސަތުތައް ގެއްލުނީ އެވެ.
ޗެލްސީން ވަނީ މެޗުން މޮޅުވެވޭތޯ ފަހު ކޮޅުގައި އެއް ފަހަރާ ތިން ބަދަލު ގެނެސްފަ އެވެ. ލުކާކޫ އާއި ޖޯޖީނިއޯ އަދި ޒިޔެޗްގެ ބަދަލުގައި ކައި ހަވާޓްޒް، މަޓެއޯ ކޮވަސިޗް އަދި ޓިމޯ ވާނާ ކުޅެން އެރުވި އެވެ. އެކަމަކު، އޭގެއިން ކުޅުންތެރިއަކަށް ވެސް އެކަށީގެންވާ ތަފާތެއް މި މެޗުގައި ނުދެއްކި ޗެލްސީ އަށް އަނެއްކާ ވެސް މުހިންމު ޕޮއިންޓްތަކެއް ގެއްލުނީ އެވެ.












