މީގެ ތޭވީހަކަށް އަހަރު ކުރިން ހިނގި، އޭނާގެ ދިރިއުޅުން ބަދަލުކޮށްލި އެ ހާދިސާ، އިއްޔެ ވީ ކަމެއްހެން މުހައްމަދު މާހިރުގެ ހަނދާނުގައި އެބަ ހުއްޓެވެ.
ޖޫން 16، 1999 ވީ ބުދަ ދުވަހު ހެނދުނުގެ ނާސްތާ އިން ނިމިގެން ރަށުގެ ތުނޑީކޮޅަށް މާހިރު ދިޔައީ އެތަނުގައި އެހެލާފައި އޮތް އޭނާ ދުއްވާ "އުޖާލާ" ދޯނިން ބަނދެ ނިންމާލި އާ ދޯނި ބަލައިލުމަށެވެ. ތުނޑިއަށް ދިޔައިރު މާހިރަށް ފެނުނީ އޭނާގެ އާ ދޯނި އަރިއަޅާލާފައި އޮތް ތަނެވެ.
އޭނާ މަސައްކަތް ކުރީ ދޯނި ތެދު ކުރެވޭތޯ އެވެ. ބުރަކަށީފައި ދޯނީގެ އަރިއަޅާލާފައި އޮތް ކޮޅު ވިއްދައިގެން އޮވެފައިި، އެކަނި ތެދު ނުކުރެވޭ ވަރަށް ދޯނި އަރިއަޅާލާހެން ހީވާތީ ބަލައިލެވުނު ވަގުތު، މާހިރަށް ސިހިގެން ގޮސްފައި ދޯނިން އަތް ދޫކޮށްލެވުނެވެ. އެއާ އެކު ބާރަށް ވެއްޓިގެން އައި ދޯނީގެ ފައްގަނޑުގެ ދާރަ އައިސް ޖެހުނީ އޭނާގެ ބުރަކަށީގަ އެވެ.
"މީހުން އެއްވެ އަހަރެން ނަގައިގެން އަތްދަނޑި މަތީގައި މޫދަށް ލާން ގެންދިޔަ އިރު ވެސް ކިޔެނީ ކޮބައިހެއްޔޭ މަ ފައި. މާހިރުބެއަކަށް ފައިގެ އިހުސާސެއް ނުކުރެވޭ،" އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް މާހިރު ކިޔައިދިނެވެ.

މާހިރު އޭނާގެ ދިރިއުޅުމުގެ ވާހަކަ ނޫހަށް ކިޔައިދެނީ: ވާގިނެތުމުން ހިތާމަ ލިބުނު ނަމަވެސް އޭނާ އަޒުމް ކަނޑައެއްނުލާ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

މައި ބަދައަށް ލިބުނު ބޮޑު އަނިޔާއާއެކު އުނަގަނޑުން ތިރީގެ ވާގި ނެތިވެ، ސާޅީސް އަހަރުގައި ކިރިޔާ ފުރާވަރަށް އަޅަމުން ދިޔަ ފަސް އަންހެން ދަރިންގެ "ނުކުޅެދޭ" ބައްޕައަކަށް މާހިރު ބަދަލުވި އެވެ. ކުރިން އުޅުނު ދިރިއުޅުމުގައި ދިމާނުވާ އެތައް އުނދަގުލެއް ބަލިކޮށް، އާ ދިރިއުޅުމަކަށް ހޭނެން މަޖުބޫރިވި އެވެ.
"އެއްކޮށް މާޔޫސްވި. މުޅިން ވެސް ހިތަށް އަރަނީ ފަސް އަންހެން ކުދިން އެބަ ތިއްބޭ. އެކުދިން ބަލާނީ، ކާންދޭނީ ދެން ކިހިނަކުން ބާއޭ،" މާހިރު ކިޔައިދިނެވެ. "އެ ވިސްނުންތަކުގައި މުޅިން [މީހާ] ބަލިކޮށްލި."
އެ ހާދިސާއަށް ފަހު އިންޑިއާއަށް ގޮސް މައި ބަދަ އޮޕަރޭޝަން ކޮށްފައި އޮއްވައި ބުރަކަށީގައި ބޮޑު ފާރުގަނޑެއް ހެދިގެން އިތުރު ފަރުވާތަކެއް ވެސް އޭނާ ކުރަން ޖެހުނެވެ. އިންޑިއާގައި ތިން މަސް ތިބެފައި ރާއްޖެއަށް އައި އިރު މާހިރު ބެލި ޑޮކްޓަރުން ބުނީ އޭނާ އަށް ކޮޅަށް ނުހުރެވޭނެ ކަމަށެވެ. އަމުދުން އެއް ގޮތަކަށް ވެސް ނުހިނގޭނެ ކަމަށް ބުންޏެވެ.
"އެކަމަކު މާހިރުބެ މާލެއަށް އަކީ ވެސް ގޮނޑީގައި އިނދެގެން. އޭރު އިންނާނެ މޭމަތިން ފެށިގެން ބެލްޓެއް އަޅުވާފައި. އަނެއްކާ ރަށަށް އައިސް މަޑުނުވެ އަމިއްލަ އަށް މަޑުމަޑުން ފިޒިއޮތެރަޕީ ހަދަން ފެއްޓީ، ހަމަސް ކޮށްފައި އިންޑިއާ އަށް ދިއުމުގެ ކުރިން ކުރިއެރުމެއް ލިބޭތޯ،" މާހިރު ވާހަކަ ދައްކަމުން ދިޔަ އިރު އެއްކައިރީ ހުރެގެން އިރުކޮޅަކާ އޭނާގެ ޖަވާބުތަކަށް ތަފްސީލު އިތުރުކުރަމުން ދިޔަ، އޭނާގެ އަންހެނުން ހައްވާ ހުސައިނަށް ކަޅިއެއް އެއްލަމުން ބުންޏެވެ.

މާހިރު ވާހަކަ ދައްކާއިރުގެ އޭނާގެ އަނބިމީހާ ހައްވަ ބަލަހައްޓައިގެން: މާހިރު ބުނީ އޭނާގެ ކާމީޔާބީއަކީ އަނބިމީހާ ދެއްކި ހިތްވަރާއި ދިން އެހީތެރިކަމުގެ ނަތީޖާ ކަމަށް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
އެންމެ އެހީ އަށް ބޭނުންވި ދުވަހު ވެސް އޭނާ އަށް ހިދުމަތް ކުރުމުގައި ހައްވަ ހުއްޓެވެ. އޭނާގެ ދަރިންނަށް ދެރައެއް ނިކަމެތިކަމެއް ނުދީ ބެލެހެއްޓީ ހައްވަ އެވެ. ގޭގައި އަށިގަނޑެއް ހަދައިގެން އޭގެ ދެފަރާތުގައި ހިފަހައްޓައިގެން ހުރެ މާހިރަށް ހިނގަން ދަސްވީ ވެސް ހައްވަގެ ބުރަ، އޯގާތެރި މަސައްކަތުންނެވެ.
"އެހެންވީމަ ހައްވަގެ އޯގާތެރިކަމާއި ދަރިންނަށްޓަކައި ވިސްނި ވިސްނުމާއި އުންމީދު މާހިރުބޭގެ ހިތްވަރަކަށް އޭރު ވީ،" މާހިރުގެ ހިތުގައި ހައްވައަށް ދީފައިވާ ގަދަރު އޭނާ ބުނެދިނެވެ.
"ހަ މަސްކޮށްފަ ދިޔައިމަ ޑޮކްޓަރުން ލަފާދިނީ ބެލްޓް ނުނަގަން. އޭތި އަޅުވައިގެން ގޮނޑީގައި އިނދެ މަރުތޭލަކުން ތެޅިޔަސް މައިބަދައަށް އިތުރު ގެއްލުމެއް ނުވާނެ ކަމަށް ބުނި،" މާހިރު ކިޔައިދިނެވެ.
އެއްވެސް މަސައްކަތެއް ނުކުރެވި، ހާދިސާއަށް ދެ އަހަރުވާން އުޅެނިކޮށް މިގޭގައި ހުންނަން އައީ މިރަށަށް ދޯންޏެއް ބަަންނަން އައި މާހިރުބޭގެ ތިމާގެ ކުއްޖެއް. އެ ކުއްޖާ ކައިރީގައި ބުނިން މާހިރުބެ އަށް ދޯނި ބަންނަން ދަސްކޮށްދޭންވީ ނޫންހޭ. ވަގުތުން ބުނެފި އާނ އެކޭ. ދެން އެ ފެށުނީ އެ މަސައްކަތް. އެ ފެށި ގޮތަށް މިވީ ތޭވީސް އަހަރު މަސައްކަތް ކުރުން ހުއްޓައެއް ނުލަން
ލިބެމުންދިޔަ އިރުޝާދާ އެކު ފުރަތަމަ ބަން ދެ ފޫޓުގެ ކުޑަ ދޯނި 500 ރުފިޔާ އަށް ވިއްކައިލެވުނެވެ. އެއީ އޭރާ ބަލައި ފުދޭ ވަރެއްގެ ރަނގަޅު އަގެކެވެ. އެހެންވެ އިތުރަށް ދޯނި ބަނދެގެން ދޯނި ވިއްކުމުގެ ޝައުގުވެރިކަން ބޮޑުވި ކަމަށް މާހިރު ބުންޏެވެ.

މާހިރު އަތުން ހެދި ލަކުޑި ދޫންޏެއް: މިހާރު އޭނާއަކީ މިފަދަ ތަކެތި ހަދައި ވިއްކުމަށް ރާއްޖޭގައި ވެސް މަޝްހޫރު މީހެއް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ކުދި ދޯނި ފަހަރާއި މޫދުގައި ދުއްވާ އެކި ޒާތްޒާތުގެ އުޅަނދު ފަހަރު ބަންނަން ފެށިތާ ވިއްސަކަށް އަހަރުވީ އިރު މާހިރު އަކީ މިހާރު ރާއްޖޭގައި އެ މަސައްކަތް ކުރުމަށް ކުޅަދާނަ އެފަދަ ދެވަނައެއް ނެތް ވަރުގެ ހުނަރުވެރި މީހެކެވެ. މީގެ ހަތް އަހަރު ކުރިން 2015 ވަނަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުން އޭރުގެ ރައީސް އަބްދުﷲ ޔާމީން އަގުބޮޑުކޮށް ބައްލަވައިގެންނެވި ރިޔާ ނެގި ޒަމާނީ ބަތްތެއްޔަކީ މާހިރުގެ ރީތި މަސައްކަތެކެވެ. އެ މައުރަޒުގެ އެ ކެޓަގަރީގެ އެއްވަނަ އަށް ހޮވުނީ ވެސް އެ ދޯންޏެވެ. އަދި 2016 ވަނަ އަހަރު ބޭއްވި ރެނދަން މައުރަޒުގައި ބެހެއްޓި އެންމެން ހައިރާންކޮށްލި ސަފާރީ އަކީ ވެސް މާހިރުގެ މަސައްކަތެކެވެ.
"ދޯންޏެއް ވިކިގެން ލާރި ހަމަ ލިބޭ އިރަށް އޭރު ދަނީ އަވަހަށް އައިސައްތަ ފިހާރަ އަށް ދަރަނި އަދާކުރަން. ދެން ބޮޑު އަންހެން ދަރިފުޅު ސްކޫލް ނިމިގެން މާލޭގެ ތަނަވަސް ގެއެއްގައި މަސައްކަތް ކުރަން ފެށި ހިސާބުން ދިރިއުޅުން ހަމައަކަށް އެޅެން ފަށައިފި،" އެކްސިޑެންޓަށްފަހުު ދިރިއުޅުމުގައި މާހިރު ކުރި ދަތުރު އޭނާ ދަތުރު އޭނާ ކިޔައިދިނެވެ.
މާހިރުގެ ހުރިހާ އަންހެން ކުދިން މިހާރު އަމިއްލަ ދިރިއުޅުން ފަށައިފި އެވެ. ވަރަށް ފަހުން އޭނާ އާއި އަނބިމީހާ ހައްވައަށް ލިބުނު ފިރިހެން ދަރިފުޅާއި އޭނާގެ ފަސް އަންހެން ކުދިންގެ ތެރެއިން ހަތަރު ކުދިންނާއި އެކުދިންގެ ފިރިން މިހާރު ވެސް އުޅެނީ، ދޯނި ބަނުމުގެ މަސައްކަތް ފެށި ފަހުންނާއި ކުދިން ބޮޑެތިވެގެން ލިބެން ފެށި ލާރިން އެއްކުރި ރުފިޔާއިން އެޅި އޭނާގެ ގޭގަ އެވެ. އެ ގެއަކީ މާހިރާއި އޭނާގެ އާއިލާގެ ލައްކަ ގިނަ ހިންމަތެވެ.
"މީގެ ސޯޅަ ސަތާރަ ވަރަކަށް އަހަރު ކުރިން މި ގެ އަޅައިގެން ނަމެއް ދޭން ވިސްނި އިރު ހިތަށް އައީ، މާހިރުބޭގެ މި ދިރިއުޅުމަކީ ހާދަ ގިނަ ބައެއްގެ މަދަދުވެރިކަމާއި ހިންމަތުން އެޅުނު ގެއެކޭ. އެހެންވީމަ މިއަށްވުރެ ވަކި ފުރިހަމަ ނަމެއް ނުލިބޭނެއޭ މި ގެއަށް ކިޔަން،" އޭނާގެ ގެއަށް "ހިންމަތް" ކީ ސަބަބު މާހިރު ހާމަ ކުރި އެވެ.
މާހިރު ބުނި ގޮތުގައި މިއަދު އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ އާދަޔާހިލާފު އަތްތެރިކަމުގެ ހުނަރާއި ހިތްވަރު ދޫނުކޮށްލުމުގެ ޒީލަ އާއި ހެދި ތުޅާދޫ އާއި އަތޮޅުގެ ރަށްރަށުން ލިބިފައިވާ ގަދަރާއި އިހުތިރާމް އެކަންޏެއް ނޫނެވެ. ދަތި އުނދަގުލާއި ތުރާލުން ވެސް އޭނާގެ ދަރިންނާއި އަންހެނުންނަށް ހިތްހަމަޖެހޭ މުސްތަގުބަލެއް ހޯދައިދެވުމުން އެކަމުގެ ހިތްހަމަޖެހުން ވެސް އެބަ އޮތެވެ.










