ލަންކާގެ ރަމްތަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަނުން ދަތުރުތަކެއް އިއުލާނުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ރަތްމަލާނަ އެއާޕޯޓަށް ކުރާ މި ދަތުރުތައް ޝެޑިއުލްކުރީ މާޗު 27، 29، 31 ގެ އިތުރުން އޭޕްރިލް 3 އަށެވެ. އެކަށީގެންވާ ޑިމާންޑު ލިބޭ ނަމަ ޝެޑިއުލް ދަތުރުތައް ކުރަން މޯލްޑިވިއަނުން ވަނީ ނިންމާފަ އެވެ.
މި ދަތުރުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 299 ޑޮލަރެވެ. މޯލްޑިވިއަނުން ބުނީ މިހާރު ޓިކެޓުތައް ގަނެވޭނެ ކަމަށެވެ.
މޯލްޑިވިއަނުން ރަތްމަލާނައަށް އަޅާ ފުރަތަމަ ފްލައިޓު ވެގެން ދާނީ ތާރީހީ ދަތުރަކަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލައިޓު ވެގެން ދާނީ ބައި ގަރުނު ފަހުން ރަތްމަލާނަ އެއާޕޯޓަށް ދާ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓަށެވެ.
މި ދަތުރުތައް ފަށަން ނިންމި ސަބަބާ ގުޅިގެން "އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ "އަދަދު"އަށް ވިދާޅުވީ، މިއީ އެ ސަރަހައްދު ކައިރީގައި އުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ފެށި ދަތުރުތަކެއް ކަމަށެވެ.
ރަތްމަލާނަ އެއާޕޯޓު އޮންނަ ސަރަހައްދަކީ ލަންކާގައި ގިނަ ދިވެހިން ދިރިއުޅޭ ދެހިވަލަ އާއި މައުންޓް ލެވީނިއާ އަދި ވެއްލަވައްތައާ ވަރަށް ކައިރި އެއާޕޯޓެކެވެ. މި އެއާޕޯޓުން މި ސަރަހައްދުތަކަށް ބައި ގަޑިއިރު ތެރޭގައި ދެވޭނެ އެވެ.
މި ދަތުރުތަކުގައި މޯލްޑިވިއަނުން ބޭނުންކުރާނީ ޑޭޝް-8 މަރުކާގެ 50 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓެކެވެ.










