ލިވަޕޫލް (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް އަތުން 3-0 އިން މޮޅުވެ، ލިވަޕޫލް ލީގުގެ ދެ ވަނަ އަށް ޖެހިލައިިފި އެވެ.
ލިވަޕޫލްގެ މި މޮޅާ އެކު އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ލީޑުވަނީ 11 ޕޮއިންޓަށް ކުޑަވެފަ އެވެ. ރޭ ޗެލްސީ އަތުން ހޯދި މޮޅާ އެކު ސިޓީ އެއް ވަނައިގައި އޮތީ 22 މެޗުން 56 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ދެ ވަނަ އަށް އެރީ 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ ތިން ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް 22 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.
ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް މިރޭ ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ލީޑްސް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ވެސްޓް ހޭމަށް ވަނީ 22 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.
މިއީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރަން ލިވަޕޫލްގެ އެޓޭކްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު ދިޔަ ފަހުން އެ ޓީމު ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ބްރެންޓްފޯޑާ ދެކޮޅަށް މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދިނީ ކޯނަރަކުން ހުރަސްވި ބޯޅައަކުން ފަބީނިއޯ ބޮލުން ޖެހި ގޯލުންނެވެ.
ބްރެންޓްފޯޑްގެ ފަރާތުން ވެސް މަދު އެޓޭކްތަކެއް ފެނުނު މި މެޗުގައި އެ ޓީމުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ލިވަޕޫލަށް ދެ ވަނަ ގޯލު ޖަހައިދީ ޕްރެޝަރު ކަނޑުވާލީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ. މެޗުގެ 69 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ޗަމްބަލެއިން ބޮލުން ޖެހި މި ގޯލަކީ މި ސީޒަނުގައި ލީގުގައި އޭނާގެ ފުރަތަމަ ގޯލެވެ. ގޯލު ޖެހުމަށް ފަހު ކުޑަ ހުޅަށް އަނިޔާވެގެން ޗަމްބަލެއިން ވަނީ ބަދަލުކޮށްފަ އެވެ.
ޗަމްބަލެއިންގެ ބަދަލުގައި ކުޅެން އެރީ މިއަދު 27 ވަނަ އުފަން ދުވަސް ފާހަގަކުރާ ޓަކޫމީ މިނަމީނޯ އެވެ. މިނަމީނޯ ވަނީ ކުޅެން އެރިތާ ތިން މިނިޓް ތެރޭ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެެރެއިން ރޮބާޓޯ ފިރްމީނޯ ދިން ބޯޅަ މިނަމީނޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ލިވަޕޫލަށް މި މެޗުގައި ގޯލު ޖަހައިދޭން ޑިއޯގޯ ޖޮޓާ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
ވެސްޓް ހޭމް ދަނޑުގައި މިރޭ ލީޑްސް އިން ވަނީ ތިން ވަނަ ފަހަރު ލީޑުނަަގައި މެޗުން މޮޅުވެފަ އެވެ. މި މެޗުގައި ލީޑްސްގެ ޖެކް ހެރިސަން ހެޓްރިކެއް ހެދިއިރު، މިއީ 95 އަހަރު ތެރޭ ލީޑްސް ކުޅުންތެރިއަކު ވެސްޓް ހޭމާ ދެކޮޅަށް ލީގުގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ. ވެސްޓް ހޭމަށް ފުރަތަމަ އެއްވަރުކޮށްދިނީ ޖެރޮޑް ބޮވެން އެވެ. ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޕަބްލޯ ފޯނާލްސް އެވެ. ތިން ފަަހަރު ވެސް ހެރިސަން ލީޑްސް އަށް ލީޑުނަގައިދިން މި މެޗުގެ އިތުރު ވަގުތުގައި ވެސްޓް ހޭމަށް އެއްވަރުކޮށްދޭން ބޮވެން އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.












