ރިޕޯޓުކައުންސިލްތަކަށް ކުރެވޭ ހޭދަ އާއި ނަތީޖާއަކީ ކޮބާ؟

ކައުންސިލްތަކަށް ކުރެވޭ ހޭދަ އާއި ނަތީޖާއަކީ ކޮބާ؟

ކައުންސިލްތަކަށް ގާނޫނުން ދީފައި އޮތް ބާރުތަކުން މަންފާކުރާ ތަނެއް ނުފެނޭ. ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމުގެ ނަމުގައި ބަޖެޓުން ކުރާ ހޭދައަށް ބަލާއިރު، މިތިބީ ރާއްޖެ ލާމަރުކަޒު ކުރުމަށް މީގެ 16 އަހަރު ކުރިން ނިންމި ނިންމުން މުރާޖައު ކުރަންޖެހޭ ހިސާބުގަ.

ރ. މާކުރަތައިގެ ބޮޑު މަގުގައި ބަޔަކު ވާހަކަ ދައްކަން މަޑުކޮށްލައިގެން: ލާމަރުކަޒު ކުރުމަށް ނިންމިއިރު ރަށްރަށަށް ގެންނަން ބުނި ތަރައްގީ އަދިވެސް ނާދޭ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު
ރ. މާކުރަތައިގެ ބޮޑު މަގުގައި ބަޔަކު ވާހަކަ ދައްކަން މަޑުކޮށްލައިގެން: ލާމަރުކަޒު ކުރުމަށް ނިންމިއިރު ރަށްރަށަށް ގެންނަން ބުނި ތަރައްގީ އަދިވެސް ނާދޭ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

"ރައްޔިތުންގެ ކަންކަމުގައި ގޮތް ނިންމަންވާނީ މާލޭ އޮފީސްކޮޅުގެ ފިނި ކޮޓަރިކޮޅުގައި އިންނަވާ ވަޒީރެއް ނޫނެވެ. ރައްޔިތުންނެވެ."

މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ވައްޓަފާޅިއަކީ ޒަމާނާ ނުގުޅޭ ކަޓު އެއްޗަކަށްވެ، "ބަދަލަކަށް" ވަކާލާތުކުރަން ފެށި ޒަމާނުގެ އެންމެ ވަރުގަދަ ބަޔާނެވެ. އޭރުގެ ސަރުކާރަށް ރައްދެއް ދެވެން ނެތް ވަރުގެ މޮޅު ވާހަކައަކަށް މި ވާހަކަ ވެގެންދިޔަ އެވެ.

ރައްޔިތުންގެ ކަންކަމުގައި ގޮތް ނިންމުމުގައި ޒަމާނުއްސުރެ ގެންގުޅުނު އާދަ, ބަދަލު ކުރަން ޖެހިއްޖެ ކަމަށް އޭރު ގިނަ ބަޔަކު ދުށްޓެވެ. އޭރު ރަށު އޮފީހުން އަތޮޅު އޮފީހުގައި ދަންނަވާ ޝަކުވާ، އެ އޮފީހުގެ ފަރާތުން އެޓޯލްސް މިނިސްޓްރީއަށް ފޮނުއްވަނީ "އެ ވާހަކަ ދެންނެވުމުގެ މާތްކަން ލިބިގަތުމަށް އެދި" ފޮނުއްވާ އަސަރު ގަދަ ސިޓީއަކުންނެވެ. އެ ސިޓީގެ ޖަވާބު ނުލިބި ހޭދަވެގެންދާނީ ކިހައި ދުވަހެއްކަން އެއީ ލަފާކޮށްލާން އެނގޭ ކަމެއް ނޫނެވެ. "ކޮޓަރިކޮޅުން" ޖަވާބެއް ނުލިބި ރައްޔިތުންގެ މުހުތާދު ނުފިލައި އޮތް ގޮތަށް އޮންނަނީ އެވެ. ދެވަނަ ސިޓީއެއް ފޮނުވުމަކީ ކޮޓަރިކޮޅަށް އިހުތިރާމު ކުޑަކޮށްލުމުގެ އަމަލަކަށް ވެދާނެކަމުގެ ބިރު އޮވެ އެވެ.

އެ މަގުން ކަންކަން ހިނގަހިނގާ އޮއްވައި "އިސްލާހީ ފިކުރުގެ" ގިނަ ބަޔަކު އެކުވެ އައު ލަވައެއް ފަށައިގަތީމާ އަލަށް އިވުނު އަމިއްލަ ރާގު ވައިގައި ހިފި އެވެ. ރައްޔިތުންނާ ގުޅޭ ކަންކަމުގައި ބަސްބުނުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ލިބިދިނުމެވެ. ރައްޔިތުންނާ ގާތުން ނިންމުންތައް ނިންމުމެވެ. ރައްޔިތުންގެ ބަސް ހޯދުމެވެ. މުޅީންވެސް ފުރިހަމަ ރާއްޖެއެއްގެ ކުލަ ހުވަފެންތަކެވެ.

ރޫހުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާނޫނު އަސާސީ ފާސްކޮށް ނިންމިއިރު އެ ގާނޫނު އަސާސީގައި ލިޔެފައި އޮތީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ. އެ ހިސާބުން އެއީ ރާއްޖޭގެ އިދާރީ ހިންގުމުގެ ނިޒާމު އޮންނާނޭ ގޮތް ކަމަށް ކަނޑައެޅި ސިއްކަ ޖެހި ނިމުނީ އެވެ.

ގާނޫނު އަސާސީގައި އެ އިބާރާތް ލިޔެ ފާސްކޮށް ތަންފީޒުކުރަން ފެށުނުތާ 16 އަހަރު ވެއްޖެ އެވެ. ކައުންސިލްތައް އެކުލަވާލެވިއްޖެ އެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދޭން ގާނޫނެއް ފާސްކުރެވިއްޖެ އެވެ. ކައުންސިލަރުންނަށް ދޭން ކަނޑައެޅުނު މުސާރަ ކުޑަކަމަށް ފެނިގެން މުސާރަ ވެސް ބޮޑުކޮށްފި އެވެ. މި ހުރިހާ ފަންޑިތައެއް ހެދިފައި އޮތަސް "އަނެއް ދިވެހިރާއްޖެ ރަށަށް" ގެންނާނޭ ގޮތެއް އަދިއެއް ނުފެނެ އެވެ. "ރަށްވެހި ފަތިސް" އަދިވެސް ވެފައި އޮތީ ހުވަފެނަކަށެވެ.

ކައުންސިލްތަކަށް ގާނޫނުން ދީފައި އޮތް ބާރުތަކާއި ލިބިދީފައި އޮތް ފުރުސަތުތަކުން ރައްޔިތުންނަށް މަންފާކުރާ ތަނެއް ނުފެނެ އެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނަމުގައި ރައްޔިތުންގެ ބަޖެޓުން ކުރެވޭ ހޭދައަށް ބަލާއިރު، އަޅުގަނޑުމެން މިތިބީ ރާއްޖެ ލާމަރުކަޒު ކުރުމަށް މީގެ 16 އަހަރު ކުރިން ނިންމި ނިންމުން މުރާޖައު ކުރަންޖެހޭ ހިސާބުގަ އެވެ. މައްސަލަތައް ވަރަށް ގިނަ އެވެ.

ކައުންސިލަރުން ގާނޫނަށް ބީރައްޓެހި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަށް ވަނަ އިސްލާހު ފާސްވުމާ ގުޅިގެން ކައުންސިލްތަކަށް ލިބިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ވަރުގެ ބާރުތަކެކެވެ. އަށާރަ ބާބުގެ މައްޗަށް އެކުލެވޭ އެ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔާލި ކައުންސިލަރަކު ހުރި ނަމަ އެއީ އަޖައިބުކުރުވަނިވި އުފަލެކެވެ.

މެދު ރާއްޖެތެރޭގެ ރަށު ކައުންސިލެއްގެ ރައީސަކު ކުރި ޝަކުވާ އެކެވެ. ސަރުކާރުގެ ވުޒާރާއެއްގެ ހުއްދަ ނުލިބިގެން ރަށު ތަރައްގީއަށް ހިންގާން ރާވާފައިވާ މަޝްރޫއުއެއް ކުރިއަށް ނުގެންދެވިފައި އޮތް ވާހަކަ އެވެ. ހުއްދައަށް އެދި ސިޓީއެއް ފޮނުވިތާ ހަ މަސް ދުވަސް ވީ އިރުވެސް ޖަވާބެއް ނުލިބޭކަމަށް އޭނާ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. ދެން ހަދާނޭ ގޮތެއް ނޭނގި މަޝްރޫއު އޮތީ ހުއްޓިފަ އެވެ.

ހަގީގަތުގައި ކައުންސިލްގެ ރައީސްގެ ކަންބޮޑުވުމުގެ ހައްލު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 132-2 ވަނަ މާއްދާގައި އެބަ އޮތެވެ. އެ މާއްދާގައި ލިޔެފައި އޮތީ، ކައުންސިލަކުން ކުރާ މަސައްކަތެއް ކުރުމަށްޓަކައި ސަރުކާރުގެ ހުއްދައެއް ހޯދަންޖެހޭ ނަމަ އެ ހުއްދައަކަށް އެދޭތާ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި ޖަވާބު ދޭން ވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަކި އެއްޗެއް ނާންގާ ނަމަ އެދިފައިވާ ހުއްދަ ލިބުނީ ކަމުގައި ބަލަންވާނޭ ކަމަށް ވެސް އެ މާއްދާގައި އެބައޮތެވެ. މިކަން އެނގޭނީ ގާނޫނު ބަލައި ގާނޫނަށް އަހުލުވެރިވުމުންނެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން ގެންދަވަނީ ރަށްރަށު ކައުންސިލްތަކާ ބައްދަލުކޮށް ގާނޫނަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އޭގެ ނަތީޖާ ފެންނަމުން ދަނީ އެފަދަ ޕްރޮގްރާމަކުން ނަތީޖާއެއް ފެންނާނޭ ކަމަށް އަޅުގަނޑުމެންނަށް ހީކުރެވިފައި އޮތް މިންވަރަށެވެ.

މާލީ ބާރުވެރިކަމާއެކު ޒިންމާތަކެއް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ބާރަ ވަނަ ބާބު ހާއްސަ ކުރެވިފައި އޮތީ ކައުންސިލްއަށް ލިބޭނޭ އާމްދަނީ އާއި އާމްދަނީ އިތުރު ކުރެވޭނޭ ގޮތްތަކުގެ މައްޗަށެވެ. މި ބާބުގެ މާއްދާތަކުގެ ތެރެއިން ގިނަ ކައުންސިލްތަކުން ބަރޯސާވެފައި އޮންނަނީ ހަމައެކަނި އެ ބާބުގެ 79 ވަނަ މާއްދާ އަށެވެ. އެ މާއްދާގައި ބުނަނީ ކައުންސިލްތަކަށް ސަރުކާރުން ލިބޭ ހިލޭ އެހީގެ ވާހަކަ އެވެ.

ގާނޫނު ތަރުތީބު ކުރެވިފައި އޮތީ ކައުންސިލްތަކުން މި މާއްދާއަށް ބަރޯސާވާންޖެހޭ ގޮތަކަށް ނޫނެވެ. ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހަރު މުދާ ހިމެނުމަށްފަހު، ގާނޫނުން ދީފައި އޮތީ އެ ހަރު މުދާ ލާރިޔަށް ހެދުމުގެ މިނިވަންކަމެވެ. މި ކަމަށް ކައުންސިލްތަކުން އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރާތީ ނުފެނެ އެވެ. މަސައްކަތް ކުރާ ނަމަ އެކަމުގެ ނަތީޖާއެއް ނުފެނެ އެވެ.

ކޮންމެ ރަށެއްގެ ބާރު ހިނގާ ސަރަހައްދުގައި ހުރި ބިމާއި ފަޅުތަކުގައި އިންވެސްޓު ކުރާނެ ފަރާތެއް ހޯދުމަށް މަސައްކަތް ކުރުމަކީ ކައުންސިލްތަކަށް ކުރެވިދާނެ މަސައްކަތެކެވެ. ކައުންސިލްތަކުން އެކަމަށް އުއްމީދުކުރާކަން އެނގެ އެވެ. އެހެންނަމަވެސް، އެކަމަކީ ވަކި ތަރުތީބަކުން ކޮށްގެން މެނުވީ ހާސިލުކުރެވޭނޭ ކަމެއް ނޫނެވެ. އެކަން ކުރާން ދަންނަ ބަޔަކާ އެ މަސައްކަތް ހަވާލުކުރުމަށް ކައުންސިލްތަކުން އެއްބަސްވުމަކަށް އަންނަންޖެހެ އެވެ. ކައުންސިލްގެ އިހުތިސާސްގައި އޮތް ދޮންވެލި ތުނޑިއާއި ތިލަފަޅުން ފައިސާ ނެރެވޭނީ އޭރުންނެވެ.

ކައުންސިލްއިން ދޭންޖެހޭ ހިދުމަތްތައް

"މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާ ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްގީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިހުތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟"

ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭގޮތުން ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅު މިގޮތަށް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަށް ވަނަ އިސްލާހުން ގެނައި އިންގިލާބީ ބަދަލުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ އެވެ. އަދި ކައުންސިލްތަކާ މަތިކުރެވުނު ޒިންމާތަކަކީ ކޮބައިކަން ކައުންސިލްތަކަށް ވެސް އެނގޭނޭ ކަމަށް ދެކިވަޑައިގެންނެވެ.

ރަށުގެ މަގުހެދުމާއި މަގު މަރާމާތުކޮށް ބެލެހެއްޓުމަކީ ރަށު ކައުންސިލްގެ ޒިންމާއެކެވެ. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުމަކީ ވެސް ކައުންސިލްގެ ޒިންމާއެކެވެ. ރަށްވެހިކަމުގެ ހިދުމަތްތަކާ ގުޅޭގޮތުން ރަށު ކައުންސިލްތަކާ މަތިކުރެވިފައި އޮތް މިފަދަ 26 ޒިންމާއެއް ގާނޫނުގެ 23 ވަނަ މާއްދާގައި ލިސްޓުކުރެވިފައި އެބައޮތެވެ. މި ޒިންމާތައް އަދާކުރުމަށްޓަކައި ރަށު ކައުންސިލްއަށް ފައިސާ ހޯދުމަށް ކުރެވިދާނޭ ކަންކަން ގާނޫނުގެ 12 ވަނަ ބާބުގައި ބުނެދީފައި އެހުރީ އެވެ.

ގާނޫނުގެ 26 ވަނަ މާއްދާގައި ބުނެފައިވާ ކަމެއް ރަށެއްގައި ކުރުމަށް ސަރުކާރުން ބޭނުންވީ ނަމަވެސް، އެކަން ކުރެވޭނީ ރަށު ކައުންސިލްއިން އެކަމަށް ހުއްދަ ދީގެންނެވެ. ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ގާނޫނުން ކައުންސިލްތަކަށް ބާރު ދީފައި އޮތް ނަމަވެސް ރަށްވެހިކަމުގެ ގިނަ ހިދުމަތްތައް ފޯރުކޮށްދެނީ އެކަމާ ގުޅުންހުރި ވުޒާރާއަކުންނެވެ. ކައުންސިލްގެ ބޭނުން ހިފެނީ ވުޒާރާއިން އެރަށުގައި ބަހައްޓާފައި ހުންނަ "ލޯކަލް އޭޖެންޓު" ގެ ގޮތުގަ އެވެ.

ގާނޫނު މުރާޖައާ ކުރުން

މިހާ ހިސާބަށްދިޔައިރު މި ފެނުނު މަންޒަރަކީ، ގާނޫނުން ކިތަންމެ ބާރަކާއި ޒިންމާއެއް މަތިކުރި ނަމަވެސް، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ގާނޫނުގެ އޮނިގަނޑަށް ނުފެތޭ ކަމެވެ. އެހެން އޮތް ކަމެއްގައި ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުންނަށް، ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ތިބޭ ތިބުމަކީ ގައުމެއްގެ ހައިސިއްޔަތުން ވިސްނާލަންޖެހޭ ކަމެކެވެ.

ލާމަރުކަޒީ ނިޒާމަކާ އަޅުގަނޑުގެ ޒަމީރެއް ދެކޮޅެއް ނޫނެވެ. އަޅުގަނޑު ދެކޮޅު މި ހަދަނީ ތަންފީޒު ނުކުރެވޭ، ނަތީޖާއެއް ވެސް ނުނެރެވޭ ނިޒާމަކަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރަމުން މިގެންދާ ބޮޑު ހޭދައާ އެވެ. މިކަމުގައި މިނޫން ގޮތެއް ރޭވެންވާނެ އެވެ.

ކައުންސިލަރުންގެ އަދަދު މަދުކޮށްލުމަކީ އެއްގޮތެވެ. ނުވަތަ ކައުންސިލްގެ މެންބަރުންގެ ތެރެއިން މުސާރައެއް ލިބޭނީ ރައީސް އަދި ނައިބު ރައީސްއަށް ކަމަށް ކަނޑައަޅައި، ދެންތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވެންސް ލިބޭ ބަޔަކަށް ހެދިދާނެ އެވެ. ކައުންސިލްތަކާ ހަވާލުކޮށްފައި އޮތް ބޮޑެތި ޒިންމާތަކަށް ކައުންސިލްތައް އަހުލުވެރިވަންދެން އެ ޒިންމާތަކުން ބައެއް ކަނޑާލެވިދާނެ އެވެ. މިފަދަ ކިތަންމެ ކަމެކެވެ. ލާމަރުކަޒީ ނިޒާމަށް ކުރާ ހޭދައަކީ އެ ހޭދައާ އެއްވަރުގެ ނަތީޖާއެއް ނުނެރެވި، ރައްޔިތުންނަށް ތަކުލީފަކަށްވާ ނަމަ، ދެވަނަ ވިސްނުމަކަށް ދިއުން ލާޒިމެވެ.

ހުސެއިން އަރުބާން ފައްވާޒް

ޖާނަލިސްޓް

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox