މިއުނިކް (ޖެނުއަރީ 15) - ޖަރުމަނު ލީގުގައި ރޮބަޓް ލެވަންޑޯސްކީ ޖެހި 300 ވަނަ ގޯލާ އެކު ބަޔާން މިއުނިކުން މިރޭ 4-0 އިން ކޮލޯން ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ.
ރޭ ބޮރޫޝިއާ ޑޯޓްމަންޑުން މޮޅުވުމުން މިރޭގެ މެޗަށް ބަޔާން ނުކުތްއިރު އެ ޓީމުގެ ލީޑު އޮތީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. މިރޭގެ މޮޅާ އެކު ބަޔާން ވަނީ 19 މެޗުން 46 ޕޮއިންޓް ހޯދައިފަ އެވެ. ޑޯޓްމަންޑް ދެ ވަނައިގައި އޮތީ 19 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ.
މިރޭގެ ހެޓްރިކާ އެކު ލެވަންޑޯސްކީ ޖަރުމަނު ލީގުގައި 300 ގޯލު ހަމަަކުރީ 369 މެޗުންނެވެ. ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލު ޖެހީ ލެޖެންޑަރީ ފޯވާޑް، ގާޑް މުލާ ވަނީ ލީގު ތާރީހުގައި 365 ގޯލު ޖަހައިފަ އެވެ. ބަޔާނުން މިރޭ ގޯލު ޖަހައިގެން ރެކޯޑެއް ވެސް ހެދި އެވެ. އެއީ ލީގުގައި ޖެހިޖެހިގެން 66 މެޗުގައި ގޯލު ޖަހައިގެން ހެދި ރެކޯޑެކެވެ.
ޖަރުމަނު ލީގު އާ އަހަރަށް މެދުކަނޑާލުމަށް ފަހު ފެށިއިރު، ފުރަތަމަ މެޗުގައި ބަޔާން ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން ބަލިވެފަ އެވެ. އެ މެޗުގައި ބަޔާނުގެ އެއް ވަނަ ގޯލްކީޕަރު މެނުއަލް ނޯޔާ އަށް ނުކުޅެވުނީ ޗުއްޓީ އަކަށް ދިވެހިރާއްޖެ އައިސް ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވެގެން ތާށިވުމުންނެވެ.
އެކަމަކު، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ނޯޔާ ވަނީ ޖަރުމަނަށް ގޮސް ޓީމުގެ ޕްރެކްޓިހާ ގުޅިފަ އެވެ. މިރޭގެ މެޗުގައި ބަޔާންގެ ގޯލު ބެލެހެއްޓީ ނޯޔާ އެވެ.
މިރޭގެ މެޗުގެ ނުވަ ވަަނަ މިނިޓްގައި ތޯމަސް މުލާ ދިން ބޯޅައަކުން އޭރިއާތެރެއިން ލެވަންޑޯސްކީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ބަޔާންގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ ކޮރެންޓިން ޓޮލީސޯ އެވެ. ޓޮލީސޯ ވޮލީއަކުން ޖެހި މި ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މުލާ އެވެ.
ދެ ވަނަ ހާފްގައި މެޗުގެ 62 ވަނަ މިނިޓްގައި ލެރޯއި ސާނޭ ދިން ޕާހަކުން ލެވަންޑޯސްކީ ވަނީ ބަޔާންގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ 74 ވަނަ މިނިޓްގައި ލެވަންޑޯސްކީ އޭނާގެ ހެޓްރިކް ފުރިހަމަކުރި ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ ވެސް ސާނޭ އެވެ. ލެވަންޑޯސްކީ މި ދެ ގޯލު ވެސް ޖެހީ އޭރިއާތެރެެއިންނެވެ.












