މެންޗެސްޓާ (ޖެނުއަރީ 15) - ކެވިން ޑި ބްރޭނާގެ ގޯލުން 1-0 އިން ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
މިއީ ސިޓީން ލީގުގައި ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. މިދިޔަ ސީޒަނުގައި ޗެލްސީ އަތުން ޖެހިޖެހިގެން ތިން މެޗުން ބަލިވި ސިޓީ މި ވަނީ މި ފަހަރު ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ.
މިރޭގެ މޮޅާ އެކު ސިޓީ އެއް ވަނައިގައި އޮތީ 22 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 22 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 42 ޕޮއިންޓާ އެކު އެވެ. ލިވަޕޫލުން މެޗު ހަމަކުރާއިރު، ދެ މޮޅު ހޯދައިފިނަމަ ސިޓީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެ އެވެ. ލިވަޕޫލުން މާދަމާރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ކުޅޭއިރު، ދެން ނުކުޅެ އޮތް މެޗަކީ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ކުޅެން އޮތް މެޗެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ޗެލްސީ އަށް ރަނގަޅު އެޓޭކެއް ކުރަން ހުސް ފުރުސަތެއް ލިބުނެވެ. ސިޓީގެ ޑިފެންސްގެ ތެރެއިން ޗެލްސީގެ ރޮމެލޫ ލުކާކޫ ބޯޅަ ހިފައިގެން ގޮސް އެ ޓީމުގެ ހަކީމް ޒިޔެޗަށް ދިން ބޯޅަ ވަނީ އޮފްސައިޑްވެފަ އެވެ. އެ އެޓޭކަށް އަރައި ހުރި މާކޯސް އަލޮންސޯ އަށް ދިންނަމަ އޮފްސައިޑް ނުވެ އެޓޭކެއް ކުރަން ފުރުސަތު އޮތެވެ.

ސިޓީގެ ސްޓޯންސް (ވ) ކައިރިން ޗެލްސީގެ ލުކާކޫ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ފުރަަތަމަ ހާފުގައި ސިޓީ އަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ޖެކް ގްރީލިޝް އަށެވެ. ގްރީލިޝް ހުސްކޮށް އޭރިއާތެެރެއަށް ވަދެ ޖެހި ބޯޅަ ޗެލްސީ ގޯލުގައި ހުރި ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން. މާގިނައިރެއްނުވެ، ޗެލްސީގެ މަޓެއޯ ކޮވަސިޗް ހުސްކޮށްލާފައި އެ ޓީމުގެ ލުކާކޫ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފަ އެވެ.
ޑި ބްރޭނާ، ސިޓީ މި މެޗުން މޮޅުކޮށްދިން ގޯލު ޖެހީ 70 ވަނަ މިނިޓްގަ އެވެ. ޗެލްސީގެ އެންގޯލޯ ކާންޓޭ ކައިރިން ދެމިގަތުމަށް ފަހު ޑި ބްރޭނާ އޭރިއާބޭރުން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ އޭރިއާބޭރުން ޑި ބްރޭނާ ޕްރިމިއާ ލީގުގައި ސިޓީ އަށް ޖަހައިދިން 21 ވަނަ ގޯލެވެ.
މިއީ ކުރިން ޗެލްސީ އަށް ކުޅުނު ޑި ބްރޭނާ އޭނާގެ ކުރީގެ ކްލަބް ކޮޅަށް ޖެހި ފަސް ވަނަ ގޯލެވެ. ޑި ބްރޭނާ އަކީ ކުރިން ޗެލްސީ އަށް ކުޅުމަށް ފަހު އެ ޓީމު ކޮޅަށް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
ބަދަލުތަކެއް ގެނެސްގެން ޗެލްސީން ނަތީޖާ ހަމަހަމަކުރެވޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ. ސިޓީގެ ލީޑުފުޅާކޮށްދޭން އެ ޓީމުގެ ޒުވާން ތަރި ފިލް ފޯޑެން ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.












