ލިވަޕޫލް (ޖެނުއަރީ 14) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ މެޗުގެ ބޮޑުބައިގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އާސެނަލުން ލިވަޕޫލާ 0-0 އިން އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު ބޮޑު ހިތްހަމަޖެހުމެއް އޮތީ އާސެނަލަށެވެ. އަންނަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅޭ ލެގުން މޮޅުވެ، އެ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދޭނެ އެވެ. އަންނަ މަހު 27 ވަނަ ދުވަހު ކުޅޭ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ޗެލްސީންނެވެ. އެއީ ސެމީގެ ދެ ލެގުގައި ވެސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްގެންނެވެ.
ލިވަޕޫލާއި އާސެނަލް ކުޅެން އޮތް ސެމީ ފައިނަލް މެޗު މިދިޔަ ހަފްތާގައި ކުރިއަށް ގެންދަން އެންމެ ފުރަތަމަ ޝެޑިއުލްކުރި ނަމަވެސް ލިވަޕޫލްގައި ކޮވިޑްގެ ހާލަތު ގޯސްވުމުން މި ހަފްތާ އަށް ފަސްކުރީ އެވެ. ފުރަތަމަ ލެގު ކުރިން ކުޅެން އޮތީ އާސެނަލް ދަނޑުގަ އެވެ. އެކަމަކު، ޝެޑިއުލަށް ގެނައި ބަދަލާ އެކު ފުރަތަމަ ލެގު ލިވަޕޫލް ދަނޑަށް ބަދަލުކުރީ އެެވެ.
މިރޭގެ މެޗު ކުޅުނުއިރު، ކޮވިޑަށް ޕޮޒިޓިވްވެގެން އާސެނަލްގެ މާޓިން އޮޑެގާޑާއި އެމީލް ސްމިތު ރޯވް ވަނީ އައިސޮލޭޝަނަށް ދާން ޖެހިފަ އެވެ. އަދި އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ގޮސް ހުރުމުން ދެ ޓީމުގެ ވެސް މުހިންމު ކުޅުންތެރިންތަކެއް ހުރީ ޓީމާ ދުރުގަ އެވެ. ހާއްސަކޮށް ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު ނެތުމުގެ މައްސަލަ ލިވަޕޫލް އެޓޭކުން ފެނުނެވެ.
މިރޭގެ މެޗުގެ އެންމެ ބޮޑު އުސްއައްޔަކީ 24 ވަނަ މިނިޓްގައި އާސެނަލްގެ ގްރޭނިޓް ޝާކާ އަށް ރަތް ކާޑެއް ދެއްކުމެވެ. އޭނާ އަށް ރަތް ކާޑެއް ދެއްކީ ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. ކުޅުންތެރިއަކު މަދުކޮށް ވެސް އާސެނަލުން ވަނީ ލިވަޕޫލާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް އެ ޓީމުގެ ބުކާޔޯ ސަކާ ދެއްކީ ތައުރީފު ހައްގު ކުޅުމެކެވެ. މެޗުގައި އާސެނަލަށް ގޯލެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ވެސް ސަކާ އެވެ. ދެ ވަނަ ހާފުގައި ކިއެރަން ޓިއާނީ ނެގި ހުރަހަކުން ސަކާ ލިވަޕޫލް އޭރިއާތެރެއިން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ.
ގޯލާ ސީދާކޮށް ލިވަޕޫލަށް މި މެޗުގައި އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނުއިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އަށެވެ. މެޗުގެ ފަހު ކޮޅުގައި އޭރިއާތެރެއިން އާސެނަލްގެ ކީޕަރު އާރޮން ރާމްސްޑޭލް އަތުން ގެއްލުނު ބޯޅައެއް ހުސްކޮށް އޮތް ގޯލެއްގެ ތެރެެއަށް ފޮނުވާލަން ލިބުނު ބޯޅަ މިނަމީނޯ ޖެހީ ހުރަސްދަނޑިމަތިންނެވެ.
ލިވަޕޫލްގެ އެޓޭކް ހުއްޓުވަން އާސެނަލް ފަހަތުގައި ބެން ވައިޓާއި ގަބްރިއެލް މަގާޅައެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އާސެނަލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭގަ އެވެ.












