ލިވަޕޫލް (ޖެނުއަރީ 12) - މިދިޔަ ހަފްތާގައި އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގައި ލިވަޕޫލާއި އާސެނަލް މެޗު ފަސްކުރަން ޖެހުނު ހާލަތާ ބެހޭގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެއްކި ވާހަކަތައް ތަހުގީގު ނުކުރަން ލީގު ކަޕް ހިންގާ އީއެފްއެލް އިން ނިންމައިފި އެވެ.
ލީގު ކަޕް ސެމީ ފައިނަލް ފުރަތަަމަ ލެގުގައި އާސެނަލް ދަނޑުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލިވަޕޫލުން ކުޅެން އޮތް މެޗު ފަސްކުރަން ނިންމީ ލިވަޕޫލްގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޓްރެއިނިން ދަނޑު ވެސް ބަންދުކުރަން ޖެހުމުންނެވެ.
ލިވަޕޫލްގެ ޓްރެއިނިން ދަނޑު ހުކުރު ދުވަހު އަލުން ހުޅުވައި، އާދިއްތަ ދުވަހު ލިވަޕޫލުން ވަނީ އިނގިރޭސި އެފްއޭ ކަޕްގައި ތިން ވަނަ ޑިވިޝަންގެ ޝްރޫސްބަރީ ޓައުން 4-1 އިން ބަލިކޮށްފަ އެވެ.
ލިވަޕޫލްގެ ކޯޗު ކްލޮޕަށް ޝްރޫސްބަރީ މެޗުގައި ޓީމަށް އިރުޝާދުދޭން ބެންޗަށް އާދެވުނީ އެ ދުވަހު ނެގި ޕީސީއާރް ޓެސްޓް ނެގެޓިވްވުމުންނެވެ. ކްލޮޕް ވަނީ ކޮވިޑް ޖެހިގެން ހަފްތާއެއްހާ ދުވަހު އައިސޮލޭޝަނުގައި މަޑުކޮށްފަ އެވެ.
ޝްރޫސްބަރީ މެޗަށް ފަހު ދިން އިންޓަވިއުގައި ކްލޮޕް ވަނީ ލިވަޕޫލްގައި މިދިޔަ ހަފްތާގައި ކޮވިޑްގެ ހާލަތު އޮތީ ވަރަށް ގޯސް ފައްތަރެއްގައި ކަމަށާއި އެކަމަކު ކަން ހިނގާދިޔަ ގޮތަށް ބަލާއިރު ކުރިން ޕޮޒިޓިވްކަމަށް ދެއްކި ގިނަ ކުޅުންތެރިންނަކީ ހަގީގަތުގައި "ފޯލްސް ޕޮޒިޓިވް" ކޭސްތަކެއް ކަމަށެވެ.
ކޮވިޑް ދެނެގަތުމަށް އާންމުކޮށް ހަދާ ޕީސީއާރް ޓެސްޓުން ބައެއް ފަހަރު، ބަލި ނެތް މީހުން ވެސް ޕޮޒިޓިވް ކަމަށް ދައްކަ އެވެ. މިގޮތަށް ދިމާވާ ކޭސްތައް ފަހުން ގުނަނީ ”ފޯލްސް ޕޮޒިޓިވް” ކޭސްތަކެއް ގޮތަށެެވެ.
ކްލޮޕް ބުނީ ލިވަޕޫލް ޓީމުގައި އަސްލަށް ކޮވިޑް ކޭހެއް ގޮތަށް މިދިޔަ ހަފްތާގެ ތެރޭގައި ފާހަގަވީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ކަމަށެވެ. އާނޯލްޑް ޕޮޒިޓިވްވީ ޗެލްސީ މެޗު ކުޅުނު ދުވަސް ނޫން އަނެއް ދުވަހުގަ އެވެ. ކަރަންޓީނު މުއްދަތު ފުރިހަމަކޮށް، ނެގެޓިވް ޓެސްޓަކާ އެކު މާދަމާރޭ އާސެނަލާ ދެކޮޅަށް ކުޅޭ ލީގު ކަޕް ސެމީ ފައިނަލް މެޗުގައި އާނޯލްޑަށް ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
ލިވަޕޫލުން އާސެނަލް މެޗު ފަސްކުރީ ރަނގަޅު އުސޫލުގެ ތެރެއިން ކަންކަން ކޮށްގެން ނޫން ކަމަށް ބުނެ، އިނގިރޭސި ކްލަބްތަކެއް ވަނީ ލީގު ކަޕް ހިންގާ އީއެފްއެލް އަށް މައްސަލަ ހުށަހަޅައިފަ އެވެ.
އީއެފްއެލް އިން އެ މައްސަލަ ނުބަލަން ނިންމީ ލިވަޕޫލްގެ ކޮވިޑް ހާލަތާ ބެހޭ މައުލޫމާތާ ގުޅޭ ގޮތުން ލިވަޕޫލް ހިމެނޭ މާސީސައިޑްގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ދިން މައުލޫމާތަށް ބަލައިފަ އެވެ.
އެންއެޗްއެސް އިން އަަމަލުކުރަމުން އަންނަ ގައިޑްލައިން ތަކުގައިވާ ގޮތުން ޖެހިޖެހިގެން ތިން ދުވަހު ޓީމަކުން ކުޅުންތެރިންތަކެއްގެ އެކެޓިވް ކޭސްތަކެއް ފެނިއްޖެނަމަ ދަތުރުފަތުރު ކޮށްގެން ކުޅޭ މެޗުތައް ނުކުޅެވޭނެ އެވެ. އާސެނަލް މެޗުގެ ކުރިން ލިވަޕޫލުން ޖެހިޖެހިގެން ތިން ދުވަހު ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެ އެވެ.












