ގަރުއާ، ކެމަރޫން (ޖެނުއަރީ 11) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ސިއެރަލިއޯނާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިސްރު އަތުން 1-0 އިން މޮޅުވެ، ނައިޖީރިއާ އިން ފެށުން ރަނގަޅުކޮށްފި އެވެ.
އަލްޖީރިއާ ހުއްޓުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ސިއެރަަ ލިއޯން ގޯލްކީޕަރު މުހައްމަދު ކަމާރާ އަށެވެ. އޭނާ ވަނީ އަލްޖީރިއާގެ ކުޅުންތެރިން ފޮނުވާލި ހަތް ހަމަލާއެއް ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި އަލްޖީރިއާގެ ކެޕްޓަން، މެންޗެސްޓާ ސިޓީގެ ރިޔާދު މާރޭޒްގެ އިތުރުން ޔާސީން ބްރަހިމީ ފޮނުވާލި ޝޮޓްތައް ހިމެނެ އެވެ. އިތުރު ވަގުތުގައި އަލްޖީރިއާގެ ރާމީ ބެންސެބާނީ އާއި ބަގުދާދު ބޫނެޖާ ޖެހި ބޯޅަތައް ވެސް ކީޕަރު ކަމާރާ ވަނީ މަތަކޮށްފަ އެވެ.
ދާދި ފަހުން ސިއެރަލިއޯނަށް ރަށްވެހިކަން ބަދަލުކުރި އިނގިރޭސި ޑިފެންޑަރު ސްޓީވެން ކޯކާ ވަނީ އަލްޖީރިއާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކޯކާ ވަނީ ޔޫތު ލެވަލްގައި އިންގްލެންޑްގެ ޒުވާން ޓީމުތަކަށް ކުޅެފަ އެވެ.
މިއީ 1996 ވަނަ އަހަރަށް ފަހު ސިއެރަލިއޯނުން އެފްރިކަން ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސިއެރަލިއޯނުން 2000 ވަނަ އަހަރުގެ އެފްކޮން، މުބާރާތަށް ކޮލިފައިވީ ނަމަވެސް އެ ގައުމުގައި ދާހިލީ ހަނގުރާމަ ހިނގާތީ މުބާރާތަށް ނުދެވުނެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ މުބާރާތް ބޭއްވިއިރު، ސިއެރަލިއޯން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

މެޗަށް ފަހު ސިއެރަލިއޯންގެ ކީޕަރު ކަމާރާ އެ ޓީމުގެ ކޯކާއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މި ގްރޫޕްގައި ދެން އޮތް އިކުއެޓްރަލް ގިނީ އާއި އައިވަރީ ކޯސްޓް ބައްދަލުކުރާ މެޗު އޮތީ މާދަމާ އެވެ.
އެފްރިކަން ކަޕްގެ އެންމެ ކާމިޔާބު ޓީމު، މިސްރު އަތުން ނައިޖީރިއާ މޮޅުވީ މެޗުގެ 30 ވަނަ މިނިޓްގައި ކެލެޗީ އިހެނާޗޯ ޖެހި ގޯލުންނެވެ. ލެސްޓާ ސިޓީ އަށް ކުޅޭ އިހެނާޗޯ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕްގެ ތިން ވަނަ ހޯދި ނައިޖީރިއާ އިން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބުވީ މިސްރުގެ ގޯލްކީޕަރު އެލްޝަނާވީގެ ސަބަބުންނެވެ. އޭނާ ވަނީ ނައިޖީރިއާގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވައިފަ އެވެ.
މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ ބޭނުން މި މެޗުގައި އެ ޓީމަށް ރަނގަޅަށް ނުހިފުނެވެ. ސަލާހު ރަނގަޅަށް މާކް ކޮށްގެން ނައިޖީރިއާ އިން ކުޅުނުއިރު، މުޅި މެޗަށް ބަލާއިރު ވެސް އޭނާ އަށް ހަމަލާއެއް ފޮނުވާލަން ލިބުނީ ރަނގަޅު އެއް ފުރުސަތެވެ. ދެ ވަނަ ހާފުގައި ނައިޖީރިއާ އޭރިއާތެރެއިން ސަލާހު ޖެހި ބޯޅައިގައި ބާރެއް ނެތްއިރު، ނައިޖީރިއާގެ ކީޕަރު މަޑޫކާ އޮކޯޔޭ ވަނީ މަތަކޮށްފަ އެވެ.
މިސްރު ހިމެނޭ ގްރޫޕް ޑީގައި ސޫދާނާއި ގިނީ ބިސާއު މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނެ އެވެ.












