ޗުއްޓީ ހޭދަކުރަން އައިސް ހުއްޓައި ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރާއްޖޭގައި ތާށިވި، ބަޔާން މިއުނިކްގެ ގޯލްކީޕަރު މެނުއަލް ނޯޔާ، ކަރަންޓީން މުއްދަތު ނިންމާލުމަށް ފަހު ޖަރުމަނަށް އެނބުރި ގޮސް ބަޔާންގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.
ނޯޔާ އަށް އެނބުރި ޖަރުމަނަށް ދެވުނު ނަމަވެސް ރާއްޖޭގައި ހުއްޓައި ޕޮޒިޓިވްވި ބަޔާންގެ ފުލްބެކް ފްރާންސްގެ ލޫކަސް ހެނާންޑޭޒް އަދިވެސް ހުރީ ކަރަންޓީނުގަ އެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ލޫކަސް އަށް ވެސް ދެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވެގެން ނޯޔާ އަށް ގާތްގަނޑަަކަށް 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ރާއްޖޭގައި ފުރިހަމަކުރަން ޖެހުނެވެ. ނޯޔާ ރާއްޖޭގައި ހުއްޓައި ބަޔާނުން ވަނީ ޖަރުމަނު ލީގުގައި މި އަހަރުގެ ފުރަތަމަ މެޗު ކުޅެފަ އެވެ. ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން ބަޔާން އެ މެޗުން ބަލިވީ 2-1 އިންނެވެ.
ނޯޔާ ނެތުމުން އެ މެޗުގައި ބަޔާންގެ ގޯލު ބެލެހެއްޓީ ދެ ވަނަ ކީޕަރު ސްވެން އުލްރެއި އެވެ. ނޯޔާ ނެތުމުން ޓީމުގައި ލީޑަރެއް ނެތުމުގެ އިހުސާސް ކުރެވުނު ކަމަށް ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އެ މެޗަށް ފަހު ބުނެފަ އެވެ.
ނޯޔާ ރާއްޖޭގައި ހުރެ ވަނީ މުންޗެންގްލަޑްބެކާ ދެކޮޅަށް ބަޔާނުން މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ބަލައިފަ އެވެ. ޖަރުމަނު ގަޑިން ރޭގަނޑު 8:30 އެ މެޗު ކުޅުނު ކަމުގައި ވިޔަސް އެއީ ރާއްޖޭ ގަޑިން ދަންވަރު ކުޅުނު މެޗެކެވެ.
ޖަރުމަނުގެ ނޫހަކަށް ނޯޔާ ވަނީ ސައުތު އޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރެއްގެ ގޮތުގައި އޭނާ ކުރަން ޖެހުނު ތަޖުރިބާ ކިޔައިދީފަ އެވެ.
ނޯޔާ ބުނީ އޭޝިއާގެ ގިނަ ބަޔަކު ޔޫރަޕް ފުޓްބޯޅައިގެ މެޗުތައް ބަލަނީ ރޭގަނޑުގެ ނިދިން މަހުރޫމްވެ ކަމަށާއި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓްބޯޅަ ސަޕޯޓަރުންގެ އަގުވަޒަންކުރަން ޖެހޭ ސަބަބެއް ކަމަށެވެ.
ނޯޔާ އިއްޔެ ބަޔާނުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށާފައިވާއިރު، ޖަރުމަނު ލީގުގައި މި ހަފްތާގައި ކޮލޯނާ ދެކޮޅަށް ބަޔާނުން ކުޅޭ މެޗުން ނޯޔާ ފެނުމުގެ ފުރުސަތު ބޮޑެވެ.












