ވެރިރަށް މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދިއުމާ ގުޅިގެން، މާލޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އަންގައިފި އެވެ.
ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓުގެ ގޮތުގައި ސިފަކޮށްފައިވާ އޮމިކްރޯން ވޭރިއަންޓު ރާއްޖޭން ވެސް ފެނިފައިވާއިރު، އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ގިނަ މީހުން އެއްވެގެން ހަރަކާތްތައް ބޭއްވުން މަނާކޮށްފައިވާ ކަމަށެވެ.
މިގޮތުން، 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބާއްވަން އެޗްޕީއޭއިން އަންގާފައިވާއިރު، 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން ވެސް ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބާއްވަން ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން، މަގުމަތީ ބާޒާރުތަކާއި، ކުޅިބަލާމީހުންނަށް ވަދެވޭގޮތަށް ކުޅިވަރު މުބާރާތްތައް ނުބާއްވަން އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.
ގިނަ މީހުން އެއްވެގެން ބާއްވައި ހަރަކާތްތަކުގެ އިތުރުން، މާލޭން ފުރާއިރު ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭ ގޮތަށް (އެޗްޕީއޭ)ގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.

މިގޮތުން، ކޮވިޑު ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.
ނަމަވެސް، މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނުހިމެނޭނެކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުން އަދަދު މިހާރު ވަނީ 300 އަށް ވުރެ މަތިވެފަ އެވެ.
މިގޮތުން، އިއްޔެ މާލެ ސަރަހައްދުން 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 129 މީހުންގެ އިތުރުން ރިސޯޓުތަކުން އިތުރު 99 މީހަކަށް ވަނީ ބަލިޖެހިފަ އެވެ.













