ޔައުންޑޭ (ޖެނުއަރީ 9) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ޓީމެއްގައި ކޮވިޑް ކޭސްތައް އުޅުނަސް، 11 ކުޅުންތެރިން ހަމަވަންޏާ އެ ޓީމަކުން މެޗު ކުޅެންޖެހޭނެ ކަމަށް އެފްރިކާ ފުޓްބޯޅައިގެ މައި އިދާރާ އިން ނިންމައިފި އެވެ.
ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ކަނޑައެޅި ގައިޑްލައިންގައިވާ ގޮތުން، ކޮވިޑް ކޭސްތަކުން އުޅޭ ޓީމަކުން މެޗު ކުޅެވޭ 11 ކުޅުންތެރިން ހަމަވާ ހާލަތެއްގައި މެޗު ކުޅެންޖެހޭނެ އެވެ. އަދި 11 ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ގޯލްކީޕަރަކަށް ވިޔަސް، މެޗު ކުޅެންޖޭހެނެ އެވެ.
މެޗުގައި ވާދަނުކުރާ ޓީމަކަށް، އެ މެޗު 2-0 އިން ގެއްލިފައިވާ ކަމަށް ކަނޑައެޅޭނެ އެވެ.
އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ އިން ބުނީ "ވަރަށް ހާއްސަ ހާލަތެއްގައި" މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން "އެންމެ އެކަށީގެންވާ ފިޔަވަޅުތައް" އަޅާނެ ކަމަށެވެ.
މި ގައިޑްލައިން ހެދިއިރު، މުބާރާތުގައި ވާދަކުރާ ގިނަ ޓީމުތަކަކުން ވަނީ ކޮވިޑްގެ ކޭސްތަކެއް ފެނިފަ އެވެ. އެގޮތުން، ގެބޮންގެ ސްކޮޑުން ޕޮޒިޓިވްވި ދެ ކުޅުންތެރިން ތެރޭގައި އާސެނަލްގެ ފޯވަޑް ޕިއޭ އެމަރިކް އޮބާމަޔަން ހިމެނެ އެވެ.
ސެނެގޯލްގެ މުހިންމު ޑިފެންޑަރު ކަލީދޫ ކުލިބާލީ ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން މިސްރާއި، ގިނީ އަދި ކޭޕް ވާޑޭގެ ޓީމުން ވެސް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފަ އެވެ.
ކެމަރޫންގައި ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް މިރޭ ފަށާނީ ކެމަރޫނާއި ބުރްކީނަ ފާސޯ ބައްދަލުކުރާ މެޗުންނެވެ. -- އޭއެފްޕީ












