ޓޮރޮންޓޯ، ޔުނައިޓެޑް ސްޓޭޓްސް (ޖެނުއަރީ 9) - އެމެރިކާ ލީގު (އެމްއެލްއެސް)ގެ ތާރީހުގައި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި އިޓަލީގެ މިޑްފީލްޑަރު ލޮރެންޒޯ އިންސީނިއޭ، ޓޮރޮންޓޯ އެފްސީ އަށް ސޮއިކޮށްފި އެވެ.
ނަޕޯލީގެ ކެޕްޓަންކަން ކުރަމުން އަންނަ އިންސީނިއޭ އަންނަ ޖުލައި މަހު ޓޮރޮންޓޯ އަށް ރަސްމީކޮށް ބަދަލުވާން ނިންމީ ހިލޭ ޓްރާންސްފާއެއްގަ އެވެ.
ޓޮރޮންޓޯ އިން އިންސީނިއޭ އަށް އަހަރަކު 15 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ދޭއިރު، މިއީ އެމްއެލްއެސްގެ ކުޅުންތެރިއަކަށް އަހަރަކު ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ. މީގެ ކުރިން އެމެރިކާ ލީގުގެ ޓީމަކަށް އެންމެ ބޮޑު މުސާރަ އަކަށް ކުޅުނީ އެލްއޭ ގެެލެކްސީ އަށް ކުޅުނު މަޝްހޫރު ފޯވާޑް، ޒްލަޓާން އިބްރަހިމޮވިޗް އެވެ. އޭރު އިބްރަހިމޮވިޗަށް އަަހަރަކު 7.2 މިލިއަން ޑޮލަރު ދެ އެވެ.
އުމުރުން 30 އަހަރުގެ އިންސީނިއޭ އަކީ މިދިޔަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިޓަލީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ޓޮރޮންޓޯ އިން އިންސީނިއޭގެ ސޮއި ހޯދީ އިޓަލީ އާއި ސްޕެއިނުގެ ކްލަބްތަކާ ވާދަކޮށެެވެ.
ޓޮރޮންޓޯގެ ރައީސް ބިލް މެނިން ވިދާޅުވީ އިންސީނިއޭ އަކީ ދުނިޔޭގެ ފެންވަރު ކުޅުންތެރިއެއް ކަމަށާއި އެ ލެވަލްގެ ކުޅުންތެރިއެއްގެ ކެރިއަރުގެ މުހިންމު ހިސާބެއްގައި ޓޮރޮންޓޯ އަށް ކުޅެން ނިންމުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އިންސީނިއޭ ޓޮރޮންޓޯ އަށް ބަދަލުވާނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މީގެ ކުރިން އިޓަލީގެ ސަބެސްޓިއަން ޖިއޮވިންކޯ ވެސް ވަނީ ކެރިއަރުގެ މުހިންމު ހިސާބެއްގައި އެމެރިކާ ލީގަށް ބަދަލުވެފަ އެވެ.
އުމުރުން 15 އަހަރުގައި ނަޕޯލީ އަށް ކުޅެން ފެށި އިންސީނިއޭ ވަނީ އެ ކްލަބަށް ސީނިއާ ކެރިއަރުގައި 416 މެޗުން 114 ގޯލު ޖަހައިފަ އެވެ. އިންސީނިއޭ އަންނަނީ 2019 ވަނަ އަހަރުން ފެށިގެން އެ ޓީމުގެ ކެޕްޓަންކަން ކުރަމުންނެވެ. އިޓަލީ ގައުމީ ޓީމަށް ކުޅުނު 53 މެޗުން އިންސީނިއޭ ވަނީ 10 ގޯލު ޖަހައިފަ އެވެ.












