ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގައި އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ކޭމްބްރިޖް ޔުނައިޓެޑުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް ކަޓުވާލިއިރު، ފަސް ވަނަ ޑިވިޝަނުގެ ޗެސްޓާފީލްޑް އަތުން 5-1 އިން މޮޅުވެ، ޗެލްސީ މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ސައުދީ އަރަބިއްޔާގެ މަހުޖަނުންގެ ބޮޑު ރޯލަކާ އެކު ނިއުކާސަލް ގަތް ފަހުން އެ ޓީމުން ގަތް ފުރަތަމަ ކުޅުންތެރިޔާ ކިއެރަން ޓްރިޕިއޭ ހިމަނައިގެން ނިއުކާސަލް އިން މިރޭގެ މެޗުގައި ކުޅުނުއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ފަބިއަން ޝެއާގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، އެ ގޯލު އޮފްސައިޑް ކަމަށް ނިންމީ އެވެ. އޭގެ ފަހުން ނިއުކާސަލްގެ ޖޭކޮބް މާފީ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ޗެސްޓާފީލްޑްގެ ކީޕަރު ޑިމިޓާ މިޓޯވް ވަނީ މާފީ ޖެހި ބޯޅަ ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފުގައި މާފީ ޖެހި ގޯލު ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެެވެ.
ނިއުކާސަލް ސިއްސުވާލުމަށް ފަހު ކޭމްބްރިޖުން ގޯލު ޖެހީ މެޗުގެ 56 ވަނަ މިނިޓްގަ އެވެ. ނިއުކާސަލް އޭރިއާތެެރެއިން ލިބުނު ބޯޅަ ޖޯ އިއޯންސައިޑް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ކޭމްބްރިޖުގެ ޖެކް ލެންކަސްޓާ ވަނީ އެ ޓީމަށް ދެ ވަނަ ގޯލެއް ވެސް ޖަހައިދީފަ އެވެ. އެކަމަކު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ނިއުކާސަލަށް އެއްވަރު ކޮށްދޭން ޖޮޮއެލިންޓަން ޖެހި ބޯޅަ ކީޕަރު މިޓޯވް ވަނީ މަތަކޮށްފަ އެވެ.
މިއީ 1912 ވަނަ އަހަރު ވުޖޫދުވި ކޭމްބްރިޖް ޓީމުގެ ތާރީހުގައި އެފްއޭ ކަޕް މެޗެއްގައި ރަށުންބޭރުގައި އިނގިރޭސި އެއް ވަނަ ޑިވިޝަން (ޕްރިމިއާ ލީގު) ޓީމެއް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.

ޗެސްޓާފީލްޑް ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ލުކާކޫ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީން ވަރުގަދަ ޓީމަކާ އެކު ފަސް ވަނަ ޑިވިޝަނުގެ ޗެސްޓާފީލްޑާ ދެކޮޅަށް ނުކުމެ ފުރަތަމަ ހާފުގައި ވެސް ހަތަރު ގޯލު ޖެހި އެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ގޯލުތައް ޖެހީ ޓިމޯ ވާނާ، ކަލުމް ހަޑްސަން އޮޑޯއި، ރޮމެލޫ ލުކާކޫ އަދި އަންޑްރެއަސް ކްރިސްޓެންސަން އެވެ. މިއީ މައްސަލަ ބޮޑުވި އިންޓަވިއު ދިން ފަހުން ލުކާކޫ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އަދި އަނިޔާއިން ރިކަވާވެގެން އައިސް ވާނާ ޗެލްސީގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ.
ދެ ވަނަ ހާފުގައި ޕެނަލްޓީ އަކުން ހަކީމް ޒިޔެޗް ޗެލްސީގެ ފަސް ވަަނަ ގޯލު ޖެހިއިރު، ޗެލްސީގެ ތިން ވަނަ ކީޕަރު މާކަސް ބެޓިނެލީ ކައިރިން ޗެސްޓާފީލްޑްގެ ގޯލު ޖެހީ އަކްވާސޭ އަސާންޓީ އެވެ.
އެފްއޭ ކަޕްގެ ބައެއް ފާހަގަކޮށްލެވޭ ނަތީޖާތަކަށް ބަލާއިރު، ބާންލީ އަތުން 2-1 އިން ހަޑްސްފީލްޑް ވަނީ މޮޅުވެފަ އެވެ. ލެސްޓާ ސިޓީން ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ހޯދައިދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ އިރުޝާުދުދޭ ވަޓްފޯޑް އަތުން 4-1 އިން މޮޅުވެފަ އެވެ. އަދި މިލްވޯލް ދަނޑުގައި ޕެޓްރިކް ވިއޭރާ ކޯޗުކޮށްދޭ ކްރިސްޓަލް ޕެލަސް މޮޅުވީ 2-1 އިންނެވެ.












