އުތުރުގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، ހއ، ހދ، ށ ހިމެނޭ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުގީގު ކުރަމުން ދަނީ ދޮން މަންމައަކު އޭނާގެ ފިރިހެން ދޮން ދަރިއަކަށް އަނިޔާކުރި މައްސަލައެކެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަކަތައް އިތުރުވެ, ރިޕޯޓްކުރާ މިންވަރު އިތުރުކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން މިދިޔަ އަހަރު ފުރަތަމަ 10 މަސް ތެރޭ ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާގެ 819 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން 465 މައްސަލަ ބަލަން ފެށިއިރު 134 މައްސަލަ ފައިލްކުރި އެވެ. ޕީޖީއަށް ފޮނުވީ 39 މައްސަލަ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބަދު އަހުލާގީ މައްސަލަތަކެވެ. ޖުމްލަ 246 މައްސަލައެއް ހުށަހަޅާފައި ވާއިރު ބަލަން ފެށީ 190 މައްސަލަ އެވެ. އޭގެ ތެރެއިން 30 މައްސަލަ ޕީޖީއަށް ފޮނުވާ 28 މައްސަލަ ފައިލް ކުރީ އެވެ.
ދެވަނަ އަށް އެންމެ ގިނައިން މި އަހަރު ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތަކެވެ. ޖުމްލަ 238 މައްސަލައެއް ހުށަހެޅިއިރު ބަލަން ފެށީ 99 މައްސަލައެކެވެ. 34 މައްސަލަ ފައިލް ކުރިއިރު ޕީޖީއަށް ފޮނުވާފައި ވަނީ އެންމެ ނުވަ މައްސަލަ އެވެ.
ދެން އެންމެ ގިނައީ ބިރުދެއްކުމުގެ މައްސަލަތަކެވެ. 39 މައްސަލައެއް ހުށަހަޅާފައި ވާއިރު ބަލަން ފަށަފައި ވަނީ 34 މައްސަލަ އެވެ. އޭގެ ތެރެއިން 17 މައްސަލަ ފައިލްކޮށް ޕީޖީއަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެކެވެ.












