އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރަން ރާއްޖެއިން ނިންމާފައިވާއިރު، ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފުޓްސަލް ޓީމު އެލުކުލަވާލުމުގެ މަސައްކަތް ފަށާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭ ފުޓްސަލް ޓީމުގެ ކޯޗިން ސްޓާފުންގެ ކަންކަމާއި ޓީމު އެކުލަވާލުމުގެ ފުރަތަަމަ މަސައްކަތްތައް ފެށޭނެ ކަމަށާއި ޓީމު އެކުލަވާލުމުގައި އިސްކަންދޭނީ ދާދި ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕަށް ކަމަށެވެ.
ކްލަބް މޯލްޑިވްސް އަށް ބަލައިގެން ފުޓްސަލް ޓީމު އެކުލަވާލާނަމަ ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ހަމަޖެއްސުމުގެ ފުރުސަތު އޮތީ ކްލަބް މޯލްޑިވްސްގެ އަންހެން އަދި ފިިރިހެން ޑިވިޝަނުގައި ރަނގަޅު މަސައްކަތްތަަކެއް ކުރި ކޯޗުންގެ ތެރެއިން ކޯޗެކެވެ.
ޝޯޓް ލިސްޓު ކޮށްފައިވާ ކޯޗުންގެ ތެރޭގައި ކްލަބް މޯލްޑިވްސްގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ)، ކްލަބް ވެމްކޯގެ ދެ ޓީމަށް ކޯޗުކޮށްދިން އަހުމަދު ނިޔާޒް (ނިޔާ)، އެފްއެސްއެމް ފުރަތަމަ ފަހަރަށް ފައިނަލަށް ގެންގޮސްދިން ކޯޗު އިސްމާއިލް އިބްރާހިމް (އިސްމަ) އަދި އެމްޕީއެލް އަންހެން ޓީމަށް 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދައިދީ އެސްޓީއޯ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލަށް ގެންގޮސްދިން ކޯޗު އަހުމަދު ވިޝާލް (އަންދު) ހިމެނެ އެވެ.
އޭއެފްސީން ބުރާސްފަތި ދުވަހު ނެރުނު ފުޓްސަލް މުބާރާތުގެ ގުރުއަތުލުމުގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފަ އެވެ. ރާއްޖެ ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން، އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ޒޯނުގެ ކޮންމެ ގްރޫޕަކުން ދެ ޓީމު މުބާރާތަށް ހޮވޭނެ އެވެ. މިހާރު އޮތްގޮތުން ކޮލިފައިން ކުޅޭނެ ތާރީހަކީ އޭޕްރީލް 1-15 އަށެވެ. ރާއްޖެ ހިމެނޭ ޒޯންގެ މެޗުތައް ހޯސްޓް ކުރަން ނިންމާފައިވަނީ ކިރްގިސްތާނުގަ އެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޭޕްރީލް 10 ވަނަ ދުވަހު އިރާނާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި 11 ވަަނަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި ތުރުކުމެނިސްތާނާ ކުޅޭނީ 12 ވަނަ ދުވަހު އެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްްސަލްގައި ވާދަކުރީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގަ އެވެ. އެ ފަަހަރު ރާއްޖޭން ކުޅުނީ ކޯޗު އަބޯގެ ކޯޗުކަމުގަ އެވެ. ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބި އެ ފަހަރުގެ މުބާރާތުގައި ރާއްޖޭން ގޮސް ވާދަކުރަން ޖެހުނީ އަފްގާނިސްތާނާއި އުޒްބެކިސްތާނާއި ޔޫއޭއީ އަދި ޗައިނާއާ އެވެ. ރާއްޖެ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.











