ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބޭއްވި ޓީ20 ކްރިކެޓް ލީގުގެ ޗެމްޕިއަންކަން، ބާކީ އެއް މެޗު އޮއްވައި، މާލޭ ވެޓްރަންސް އިން ކާމިޔާބުކޮށްފި އެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ހެދުނު ކުޅުނު ލީގްގެ 23 ވަނަ މެޗުގައި މާލޭ ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް މާލޭ ވެޓްރަންސް އިން ކާމިޔާބުކުރީ އަށް ވިކެޓުންނެވެ. މި މޮޅާ އެކު މާލެ ވެޓެރަންސް އިން ވަނީ ހަ މެޗުން 18 ޕޮއިންޓް ހޯދައި ބާކީ މެޗެއް އޮއްވައި، ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.
ދެ ވަނައިގައި އޮތް މިލާން ކްރިކެޓް ކްލަބާއި ތިން ވަނައިގައި މާލެ ސްޕޯޓްސް ކްލަބަށް ހަ މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ވިޔަންސާ އަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް ނިއު ސްޓާ އަށް ވެސް ވަނީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ހަ ވަނައިގައި އޮތް ކޮމެޓްސް ކްރިކެޓް ކްލަބަށް ހަ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް އޮއްފު އެފްސީ އަށް ހަ މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އަދި އެންމެ ފުލުގައި އޮތް އައިޒީ އަށް ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އިއްޔެ ހެނދުނު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މާލޭ ވެޓްރަންސް ނިންމީ ހޮވާށެވެ. މާލޭ ސްޕޯޓްސް އިން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުގެ އަބްދުލް ހަލީގް 36 ލަނޑު އަދި ހަސަން ހާޒިގު ރަސީދު 28 ލަނޑު ހެދި އެވެ. މާލެ ވެޓެރަންސްގެ ސަވިންދަ އާއި ޗަންދަނާ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

މޮޅު ކުޅުންތެރިއަކަށް ހޮވުނު ޗަންދަނާ (ވ) އަށް ސީބީއެމްގެ ރައީސް ފައިސަލް ޓްރޮފީ ދެނީ.
ޖަވާބުގައި މާލޭ ވެޓްރަންސް އިން ކުޅެން އަރައި ދެ ކުޅުންތެރިން ނުބައިވެގެން 17 ވަނަ އޯވަރުގައި 123 ލަނޑު ހަމަކޮށް ލީގްގެ ޗެމްޕިއަންކަން ހޯދި އެވެ. އެ ޓީމުގެ ޗަންދަނާ 64 ބޯޅައިން 72 ލަނޑު ހެދިއިރު، ސަވިންދަ ވަނީ 33 ބޯޅައިން 34 ލަނޑު ހަދައިފަ އެވެ. މާލެ ސްޕޯޓްސްގެ މުހަންމަދު މަމްސެދު 18 ލަނޑަށް ދެ ވިކެޓް ނެގި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗަންދަނާ އެވެ.
އިއްޔެ މެންދުރު ކުޅުނު މެޗުގައި އޮއްފު އެފްސީއާ ބައްދަލުކޮށް ކޮމެޓްސް ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.
މި މެޗުގައި ޓޮސް ދިމާވުމުން އޮއްފުން ކުޅެންއަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން 117 ލަނޑު ހެދި އެވެ. އެ ޓީމުގެ ވަގާސް 30 ލަނޑު ހެދިއިރު، އައްސަދު 24 ލަނޑު ހެދި އެވެ. ކޮމެޓްސްގެ ރައްސާމް ހަތަރު އޯވަރު 16 ލަނޑަށް ހަތަރު ވިކެޓް ނެގިއިރު، އެ ޓީމުގެ ނަވީން ވެސް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކޮމެޓްސް އިން ކުޅެންއަރައި 14 ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 120 ލަނޑުހަދައި މެޗުން މޮޅުވި އެވެ. ކޮމެޓްސް އިން އެންމެ މޮޅަށް ކުޅުނު އަހުމަދު ހަސަން ސޯބިރު 16 ބޯޅައިން 38 ލަނޑު ހެދިއިރު، އެ ޓީމުގެ އިބްރާހިމް ސަދޫފް 27 ބޯޅައިން 28 ލަނޑު އަދި މުއާވިއަތު އަބްދުލްގަނީ އަށް ބޯޅައިން 21 ލަނޑު ހެދި އެވެ.
ލީގުގައި ބާކީ ހަތަރު މެޗު އެބައޮތެވެ. ލީގު ބުރު ނިމޭއިރު، ދެން އޮތް ފައިނަލް ބުރުގައި ކުޅޭނީ ރޭންކިން ގަދަ ހަތަރު ޓީމެވެ. ފައިނަލް ބުރު ދެ ސެމީ ސިސްޓަަމަށް ކުޅޭއިރު، އެއް ސެމީގައި ރޭންކިން އެއް ވަނަ ޓީމު ކުޅޭނީ ހަތަރަކާ އެވެ. އަނެއް ސެމީގައި ރޭންކިން ދޭކާއި ރޭންކިން ތިނެއް ވާދަކުރާނެ އެވެ. ދެ ސެމީން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކޮށް އެ ތަނުން މޮޅުވާ ޓީމަކީ ޓީ20 ޗެމްޕިއަނެވެ.












