މިއުނިކް (ޖެނުއަރީ 8) - ކޮވިޑާ ހެދި ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ކުޅުމާ ދުރުގައި ހުއްޓައި، ބަޔާން މިއުނިކުން ޖަރުމަނު ބުންޑަސްލީގާގައި އާ އަހަރު ކުޅުނު ފުރަތަމަ މެޗުން ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 2-1 އިން ބަލިވެއްޖެ އެވެ.
ބަޔާންގެ ނުވަ ކުޅުންތެރިއަކު ކޮވިޑް ޖެހިގެން އައިސޮލޭޝަނުގައި ހުރިއިރު، އެ ޓީމުން ވަނީ މިރޭގެ މެޗު ފަސްކުރަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެކަން ކާމިޔާބެއްނުވި އެވެ. ލީގުގައި އާ އަހަރު ފަށަން ޖެހުނީ ބައްޔަކުންނެވެ.
އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް މިރޭގެ މެޗުގައި ލީޑުނެގީ ބަޔާނުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ތޯމަސް މުލާ ޖައްސާލި ބޯޅައެއް އޭރިއާތެެރެއަށް ކޮންޓްރޯލް ކޮށްލުމަށް ފަހު ރޮބަޓް ލެވަންޑޯސްކީ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައި، ބަޔާނަށް ލީޑުނަގައިފީފަ އެވެ. މިއީ މި ސީޒަނުގައި ލެވަންޑޯސްކީ ޖެހި 20 ވަނަ ގޯލެވެ.
ބަޔާނުން ލީޑުނަގައި ހަމަޖެހިނުލެވެނިސް މުންޗެންގްލަޑްބެކް އިން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި ބަޔާން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ފްލޯރިއަން ނެއުހައުސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން މުންޗެންގްލަޑްބެކް އިން ވަނީ ލީޑުނަގައިފަ އެވެ. މިއީ ކޯނަރަކުން ލޫކަ ނެޓްޒް ނަގައިދިން ބޯޅައަކުން ސްޓެފަން ލައިނާ ބޮލުން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގައި ބަޔާނަށް އެއްވަރުކޮށްދޭން ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތު ގޯލަކަށް ހަދައިނުލެވުނުއިރު، މުންޗެންގްލަޑްބެކްގެ ލީޑުފުޅާކުރަން ނެއުހައުސް އާއި ބްރީލް އެމްބޯލޯ ޖެހި ބޯޅަތައް ހުއްޓުވީ ބަޔާން ގޯލުގައި ހުރި ކީޕަރު، ސްވެން އުލްރެއި އެވެ.
ޓީމުގެ މުހިންމު މަގާމުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އައި ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހުނުއިރު، ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ މިރޭގެ މެޗުގައި ރިޒާވް ޓީމުގެ ހަ ކުޅުންތެރިއަކު ޓީމުގައި ހިމަނައިފަ އެވެ. މި މެޗުގެ ދެ ވަަނަ ހާފުގައި ބަޔާނުން ވަނީ 16 އަހަރާއި 15 ދުވަސްވީ ޕޯލް ވާނާ ވެސް ކުޅެން އަރުވައިފަ އެވެ.
މިރޭގެ މެޗުން ބަޔާން ބަލިވިއިރު، އެ ޓީމު އޮތީ 18 މެޗުން 43 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 17 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ކުޅޭ މެޗުން އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން މޮޅުވެގެން ބަޔާނާ ދެމެދު އޮތް ފަރަގު ކުޑަކުރުމުގެ ފުރުސަތު ޑޯޓްމަންޑަށް އެބައޮތެވެ.












