ލަންޑަން (ޖެނުއަރީ 6) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ކޮވިޑް ޖެހިއްޖެ އެވެ.
ގާޑިއޯލާ ކޮވިޑަށް ޕޮޒިޓިވްވީ މާދަމާރޭ އެފްއޭ ކަޕްގައި ސްވިންޑަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ކުރި ޓެސްޓްތަކުންނެވެ. ގާޑިއޯލާގެ އިތުރުން ސިޓީގެ އިތުުރު ކުޅުންތެރިންތަކަކާއި އެސިސްޓަންޓް ކޯޗު ހުއާންމާ ލީއޯ ވަނީ ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅޭތީ ސިޓީގެ 14 ބެކްރޫމް ސްޓާފުންނާއި ހަތް ކުޅުންތެރިއަކު ވެސް މި ވަގުތު ހުރީ އައިސޮލޭޝަނުގަ އެވެ.
ގާޑިއޯލާ އާއި ހުއާންމާ އަށް ކޮވިޑް ޖެހިފައިވާތީ ސްވިންޑަންއާ ދެކޮޅަށް ބެންޗުން ސިޓީ ޓީމު ލީޑުކުރާނީ އެސިސްޓަންޓް ކޯޗެއް ކަމަށްވާ ރޮޑޯލްފޯ ބޮރެލް އެވެ. ބޮރެލް ބުނީ ގާޑިއޯލާގެ ފަރާތުން ކޮވިޑްގެ އަލާމަތްތައް ފެންނަނީ ކުޑަކޮށް ކަމަށެވެ. ކޮވިޑް ޖެހިގެން ސިޓީން އައިސޮލޭޝަނަށް ދާން ޖެހުނީ ކޮން ކުޅުންތެރިންތަކެއް ކަމެއް ބޮރެލް ހާމައެއް ނުކުރެ އެވެ.
އައިސޮލޭޝަނަށް ދާން ޖެހުނު ގާޑިއޯލާ އާއި ހުއާންމާ އަށް މި މަހު 15 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން ޗެލްސީއާ ބައްދަލުކުރާ މެޗު ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަަމަކު، ލީގުގައި އަމަލުކުރަމުން އަންނަ ހަތް ދުވަހުގެ އައިސޮލޭޝަނުގެ މުއްދަތު ހަމަވެ، ކުރާ ޓެސްޓުން ގާޑިއޯލާ އާއި ހުއާންމާ ނެގެޓިވްވެއްޖެނަމަ އެ ދެ މީހުން ޗެލްސީ މެޗުގެ ކުރިން ދޫކޮށްލާނެ އެވެ.
އެފްއޭ ކަޕްގެ މެޗުތަކުގެ ކުރިން ކުރި ޓެސްޓްތަކުން ބާންލީގެ ކޯޗު ޝޯން ޑައިޝް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން، އެފްއޭ ކަޕްގައި ބާންލީ އާއި ހަޑްސްފީލްޑް ޓައުން ކުޅޭ މެޗުގައި ބާންލީ ޓީމަށް ބެންޗުން އިރުޝާދުދޭނީ އިއާން ވޮއާން އެވެ.
ކޮވިޑް ޖެހިގެން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި އެސިސްޓަންޓް ކޯޗު ޕެޕް ލައިންޑާސް ވެސް މި ވަގުތު ހުރީ އައިސޮލޭޝަނުގަ އެވެ. ލިވަޕޫލުން އެދިގެން މިރޭ އާސެނަލާ ދެކޮޅަަށް ކުޅެން އޮތް ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކުރަން ޖެހުނީ ލިވަޕޫލްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، އެ ޓީމުގެ ޓްރެއިނިން ސެންޓަރު ބަންދުކުރަން ޖެހުމުންނެވެ.












