ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސް ހުއްޓައި ބަޔާން މިއުނިކްގެ ޖަރުމަނު ގޯލްކީޕަރު މެނުއަލް ނޯޔާ އާއި ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް، ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރާއްޖޭގައި މަޑުކުރަން ޖެހިއްޖެ އެވެ.
މީގެ ހަތަރު ދުވަސް ކުރިން ނޯޔާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ކަރަންޓީނުވާން ޖެހިފައިވާ ކަމަށެވެ. ހެނާންޑޭޒް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ރިޕޯޓްކޮށްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.
ރާއްޖޭގައި ކޮވިޑާ ގުޅިގެން އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ނޯޔާ އާއި ހެނާންޑޭޒް ވެސް 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ އެވެ.
އެކަމަކު، ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަޔާނުން އަންނަނީ 14 ދުވަހުގެ ކުރިން ނޯޔާ އާއި ހެނާންޑޭޒް އަށް ޓީމާ ގުޅެވޭނެ ގޮތެއް އޮތްތޯ ބަލަމުންނެވެ. އެއީ ޖަރުމަނު ލީގުގައި ބަޔާނުން މުހިންމު މެޗުތަކެއް ކުޅެން އޮތުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ބަޔާނުން ވިސްނަނީ މި މަހު 12 ވަަނަ ދުވަހަށް އެ ކުޅުންތެރިން ގެނެވޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ. އެ ދެ ކުޅުންތެރިން ގެންދަން ހަމަޖެހިފައިވަނީ ޕްރައިވެޓް ޖެޓެއްގަ އެވެ.
ޖަރުމަނުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، ބަޔާން ޓީމުގައި ނޯޔާ އާއި ހެނާންޑޭޒްގެ އިތުރުން ވެސް އެހެން ކުޅުންތެރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެންމެ ފަހުން ޕޮޒިޓިވްވީ ކެނަޑާގެ ފުލްބެކް އަލްފަންސޯ ޑޭވިސް އެވެ. ޑޭވިސްއާ އެކު ބަޔާންގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ހަތް ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ.
ފިނި މޫސުމުގެ ބްރޭކަށް ފަހު މި ހަފްތާގައި ޖަރުމަނު ލީގުގެ ކުޅުން ފަށާއިރު، ބަޔާން މާދަމާރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ކުޅެން އޮތް މެޗު އޮންނާނެ އެވެ. އެކަމަކު، ބަޔާނުން އަންނަނީ އެ ކްލަބަށް ދިމާވެފައިވާ ކޮވިޑް ހާލަތާ ހެދި މެޗު ފަސްކުރަން ހުށަހަޅަން ވިސްނަމުންނެވެ.
ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކޮށްފައި، ނޯޔާ އާއި ހެނާންޑޭޒް ފުރާނަމަ އެ ދެ ކުޅުންތެރިންނަށް މަދުވެގެން ދެ މެޗު ގެއްލޭނެ އެވެ. އެއީ މުންޗެންގްލަޑްބެކް މެޗުގެ އިތުރުން އަންނަ ހަފްތާގައި ރަށުންބޭރުގައި ކޮލޯނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.












