ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އަލުން ދޫކުރަން ފަށާނީ އެކަމަށް ތައްޔާރުކޮށްފައި އޮތް އުސޫލު އިސްލާހުކޮށްގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދިނުން އެމްއެމްއޭއިން ހުއްޓާލީ އޮކްޓޯބަރު 15، 2020 ގަ އެވެ. އެއީ ރާއްޖެއާ އަޅާބަލާއިރު ގިނަ އަދަދެއްގެ ފަރަތާތްތަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދީފައި އޮތުމުން ކަމަށް އެމްއެމްއޭއިން އެއިރު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެމްއެމްއޭއިން 279 ފަރާތަކަށް ވަނީ ދޫކޮށްފަ އެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫނުކުރާތީ އެކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ވަނީ ފާޅުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލުގެ ވަގުވިޔަފާރި އިތުރުވެފައިވާ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
އެކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އެމްއެމްއޭގެ ތަރުޖަމާން މުހައްމަދު ނާސިހު ވިދާޅުވީ އެ އުސޫލު މުރާޖާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެ އޮފީހުން މިހާރު ވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަކުން ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތްތައް އިތުރަށް ފުޅާވެ, ޑޮލަރުގެ އަގު ބޭންކް ރޭޓަށް ވުރެ 21.7 އިންސައްތައަށް އުފުލިގެން ގޮސްފައިވެ އެވެ. މިހާރު ވެސް އާންމުކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.90ރ. އަށެވެ. ވިޔަފާރީވެރިން ބުނާ ގޮތުގައި އޭގެ ނަތީޖާއަކަށް ވަނީ ބޭރުފައިސާ ގަނެވިއްކުމުގެ ލައިސެންސް އޮންނަ ވިޔަފާރީތަކަށް ޑޮލަރު ނުލިބުމެވެ. އަދި ޑޮލަރު ހޯދަން ވެސް ދަތިވެ، ބޭރުން މުދާ ނުގެނެވި ވިޔަފާރީތައް ހުއްޓުމަކަށް އައުމެވެ.












