މެލްބަން (ޖެނުއަރީ 6) - ހާއްސަ މެޑިކަލް ހުއްދައަކާ އެކު ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗަށް މި މަހު ފަހު ކޮޅު ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނިކޮށް، އޭނާގެ ވިސާ ކެންސަލްކޮށްލައި އަނބުރާ ގައުމަށް ފޮނުވާލަން އޮސްޓްރޭލިއާ އިން ނިންމައިފި އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި އުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކަމަށް ސާބިތުކޮށްދޭ "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަަހަޅަން ޖެހޭނެ އެވެ.
ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވީ މެޑިކަލް އެގްޒެމްޕްޝަން ކޯޓާގެ ތެރެއިންނެވެ.
ދުބާއީ އިން ފުރައިގެން ޖޮކޮވިޗް އިއްޔެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން އޮސްޓްރޭލިއާގެ މެލްބަން އަށް ދިޔަ އެވެ. އެކަމަކު، އެއާޕޯޓްގައި އެތައް ގަޑިއިރެއް ވަންދެން ޖޮކޮވިޗް މަޑުކުރީ ވެކްސިން ޖެހިކަން ސާބިތުކޮށްދޭ ލިޔުމެއް ހޯދާށެވެ. މިދިޔަ އަހަރު ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކި ޖޮކޮވިޗް ވަނީ ވެކްސިން ޖެހިކަމުގެ މައުލޫމާތު ދޭން ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ. އެހެންވެ، އޮސްޓްރޭލިއާ އިމިގްރޭޝަނުން ނިންމީ ޖޮކޮވިޗްގެ ވިސާ ކެންސަލް ކޮށްލާށެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ވެކްސިން ނުޖަހާނަމަ ޖޮކޮވިޗް ވިޔަސް އަމަލުކުރާނީ އެހެން އެންމެންނާ މެދު ވެސް އަމަލުކުރާ އުސޫލުން ކަމަށެވެ. އަދި ވެކްސިން ނުޖަހާ އޮސްޓްރޭލިއާ އަށް އެތެރެވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް މޮރިސަން ވިދާޅުވި އެވެ.
ޖޮކޮވިޗްގެ މައްސަލައާ ބެހޭގޮތުން، އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ގްރެގް ހަންޓް ވިދާޅުވީ ޖޮކޮވިޗާ މެދު ވެސް އަމަލުކުރަން ޖެހޭނީ އޮސްޓްރޭލިއާ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބަލިމަޑުކަމަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށް ގްރެގް ވިދާޅުވި އެވެ.
ސާބިއާގެ މީިޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޮކޮވިޗް މަސައްކަތް ކުރަމުން އަންނަނީ ގާނޫނީ ގޮތުން އެޕީލްކޮށް، އަލުން ވިސާ އަށް ހުށަހަޅައިގެން މި މަހު 17 އިން 30 އަށް ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށެވެ. އެކަމަކު، ވެކްސިން މައުލޫމާތު ނުދީ ޖޮކޮވިޗަށް މުބާރާތުގައި ވާދައެއް ނުކުރެވޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.
މިދިޔަ އަހަރު ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 34 އަހަރުގެ ޖޮކޮވިޗަށް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން މުހިންމުވާ ސަބަބެއް އެބައޮތެވެ. އޮސްޓްރޭލިއަން އޯޕަން ތަށި ހޯދައިފިނަމަ ޖޮކޮވިޗަށް ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބު ކުރުުމުގެ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ.












