އެއީ އަހަރެން ހުރަސްކުރަން އެންމެ ޖެހިލުންވާ މަގެވެ. އެންމެ ހިނގަން ބޭނުން ނުވާ މަގެވެ. ނަމަވެސް އެ މަގު ހުރަސް ނުކޮށް ވާހަކަށް ނޯވެ އެވެ. އެ ގޯޅިއަށް ނުގޮސް ފަރުޖައްސާލެވޭކަށް ވެސް ނޯވެ އެވެ.
ލޮލަކަސް ބޮލަކަސް އަހަރެންގެ ހުންނަނީ އެންމެ މާމަ ދަރިއެކެވެ. އެއީ ޒީކެވެ. ޒީކަކީ ޝައްފާނާއި ނާޒުގެ ދަރި އެވެ. ޝައްފާނަކީ އަހަރެންގެ ދޮށީ ދަރި އެވެ. ޝައްފާނު އުޅެނީ ނާޒުމެން ގޭގަ އެވެ. އެއީ މި ރަށުގެ އާދައެއް ނޫނެވެ. ސަގާފަތެއް ވެސް ނޫނެވެ. ކައިވެންޏަށް ފަހު އަންހެން ކުއްޖާގެ ދިރިއުޅުން ހަމަޖައްސަން ޖެހޭނީ ފިރިމީހާ އެވެ. އަންހެން ކުއްޖާ އުޅެން ޖެހޭނީ ފިރިމީހާގެ ގޭގަ އެވެ. ޝައްފާނަށް އެ ފުރުސަތު ނުލިބުނީ އަހަރެންގެ ސަބަބުންނެވެ. އަހަންނާ ހެދި އެވެ. އެކަމަކު އޭނާ އެކަމާ ޝަކުވާއެއް ނުކުރެ އެވެ. ބަހެއް ނުބުނެ އެވެ. އެއީ ނިޔަނެތި ދަރިއެކެވެ. އަހުލާގު ރަނގަޅު ޞާލިޙު ކުއްޖެކެވެ.
މައްސަލައަކަށް ވެގެން މި އުޅެނީ ނާޒުމެން ގޭގައި ޝައްފާނު އުޅުމެއް ނޫނެވެ. ނާޒުމެން ގެ ހުންނަ ތަނެވެ. މަގެވެ. ނާޒުމެން ގެއާ އިންވެގެން ހުންނަ ގޭގެ މައްސަލަ އެވެ. އެއް ނަޒަރަކުން ވިސްނާއިރު މި ކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ކަންބޮޑުވާން ޖެހޭ ކަމެއް ވެސް ނެތެވެ. ނަމަވެސް މައްސަލައަކީ އަހަންނަށް މިވާ ގޮތެވެ. މި މަގު ހުރަސްކުރާއިރު ހިތަށް މިވާ ގޮތްތަކެވެ. މިގެއާ ހަމައަށް އާދެވޭ އިރަށް އަތްފައި ފިނިވެ މީހާ ތުރުތުރު ލަމުންދާ މައްސަލަ އެވެ.
މިއަދު ވެސް މިވާން ފެށީ އެ ގޮތެވެ. މިއަދު އާދަޔާ ޚިލާފަށް އަތްފައި ތުރުތުރު އަޅަމުން އެބަދެ އެވެ. އެހެން ދުވަސް ދުވަހު ނުވާ އެތައް ގޮތެއް އެބަވެ އެވެ. ހިތުގެ ވިންދު އަވަސްވުމެވެ. ނޭވާ ކުރުވުމެވެ. ނޭފަތު ކުރި ދެފަހަރު ފޮހެލިއިރު ވެސް ދަލުގެ އަސަރު ނުކެނޑުނެވެ. ދެ ފަހަރަކަށް ފުންކޮށް ނޭވާލީމައި ވެސް ހިތުގެ ތެޅުން ނުހުއްޓުނެވެ. މިއީ ކުރިން ނުވާ ވަރެކެވެ. އެހެންޏާ ނުވާ ގޮތެކެވެ.
މަގުގެ އެއް ފަރާތަށް ބޯދީގެން، މަގު ހިނގާ މީހުންގެ މޫނަށް މައްލަވަކުރާން އޮތް ބިލަމަގު އޮފީގެ ހިޔަލުގައި އަހަންނަށް ހުއްޓިލެވުނެވެ. ހުއްޓުނީއެއް ނޫނެވެ. ދެފައި ހަރުލީ އެވެ. ހީވީ ބިމު އަޑިން މީހަކު ދެ ފައިގައި ހިފައިލިހެންނެވެ. ހުއްޓުވިހެންނެވެ. ބަލައިލެވުނީ ކުރިމައްޗަށެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މީހެއްގެ ހިލަމެއް ނުވެ އެވެ. ނަމަވެސް ސިކުނޑީގެ ވައްގަނޑެއް ހުޅުވުނެވެ. އެތަނުން ހަނދާނެއް ބޭރުވި އެވެ.

"ކުށުގެ ތެރެއަށް މީހާ ގެންގޮސް ވައްޓާލަނީ ދުނިޔޭގެ އެދުން. އަހަންނަށް ވެސް ވީ އެހެން." ކުރިން ދުވަހު ރާޝިދު ބުނި އެ ޖުމުލަ އަހަރެންގެ ކަންފަތް ތެރޭގައި ގުގުމައިލި އެވެ.
ރާޝިދަކީ އަހަރެންގެ ހިތް ވަގަށް ނެގި ހަމަ އެކަނި މީހާ އެވެ. ވަގަށް ނެގި މީހާއެއް ނޫނެވެ. އަހަރެން ހިތް ދިން މީހާ އެވެ. އޭނާއަށް ޓަކައި އަހަރެންގެ އުފާތައް ޤުރުބާން ކުރި މީހާ ވެސް މެ އެވެ. އޭނާގެ ރީތިކަމުގެ ދަލުގައި ޖެހި އަހަރެންގެ ޒުވާން އުމުރު ގެއްލުވާލި މީހާ އެވެ. ނަމަވެސް، އެ ދުވަހު އޭނާއަށް އަހަރެން ވީ ލޯތްބަކީ އަގެއް ނެތް އެއްޗެކެވެ. ކަނު އެއްޗެކެވެ. ބޭކާރު ކުނިގަނޑެކެވެ. އަހަރެންވީ ޤުރުބާނަކީ މާނައެއް ނެތް އެއްޗެކެވެ. އޭނާގެ އެހީ އެންމެ ބޭނުންވި ދުވަހު އަހަންނަށް ދިނީ ފުރަގަހެވެ. އާދޭސްކުރުމުން އަހަރެން މުޅި ރަށަށް ގިނަކޮށްލީއެވެ. ބަދުނާމުކޮށް އެއްލައިލީ އެވެ. އެވަރުން ނިމުނީއެއް ނޫނެވެ. މީހުން ލައްވާ ފުރައްސާރަކޮށް މަލާމަތް ވެސް ކުރުވީ އެވެ.
އެވަރުގެ މީހަކަށް ޓަކައި އަހަރެން އިންތިޒާރު ކުރާން ޖެހޭނެ ހެއްޔެވެ؟ އަހަރެންގެ އުމުރު ދުއްވާލަން ޖެހޭނެ ހެއްޔެވެ؟ އޭނާގެ ހަނދާނުގައި އަހަރެން ޤުރުބާންވާން ޖެހޭނެ ހެއްޔެވެ؟ ނޫނެކެވެ. ނުޖެހޭނެ އެވެ. އަހަރެންގެ ޟަމީރު އަހަންނަށް ދައްކައިދިނީ ރަނގަޅު މަގެވެ. ވިސްނައިދިނީ ހެޔޮ ގޮތެވެ. ބޭވަފާތެރިއެއްގެ ޙައްޤުގައި އެންމެ ސިކުންތެއް ވެސް ގުނާކަށް ނުޖެހޭނެކަމެވެ. އެންމެ ދުވަހެއް ވެސް ނަގައިލާކަށް ނުޖެހޭނެކަމެވެ. އެ އަޒުމުގައި އަހަރެން ދުނިޔެ ދަސްކުރީ އެވެ. މިހާރު ދުނިޔޭގައި އުޅެން ފަރިތަވެއްޖައީމެވެ. ދެން މިވަނީ ކީއް ހެއްޔެވެ؟ ހިތުގައި މި ޖަހަނީ ކޮން ވިންދުތަކެއް ހެއްޔެވެ؟
އަދިވެސް އަހަންނަށް ރާޝިދު ދެކެ ލޯބި ވެވެނީ ހެއްޔެވެ؟ ރާޝިދުގެ ހަނދާންތަކުން ނަފުސު އޮޔާލަނީ ހެއްޔެވެ؟ އެހެން ވެގެން ނުވާނެ އެވެ. އެއީ ގޯހެކެވެ. އެ ގޯސް ތަކުރާރެއް ނުވާނެ އެވެ. މި ޖަހަނީ އެ ވިންދެއް ނޫނެވެ. އެހެން ވިންދެކެވެ. ރާޝިދަށް ވުރެ އަހަންނަށް މުހިއްމީ ޝާހިރެވެ. ޝާހިރަކީ އަހަރެންގެ އަލަތު ފިރިމީހާ އެވެ. އަލަތު ދަރީގެ ބައްޕަ ނޫނަސް ހަގަށް ތިބި ތިން ކުދިންގެ ބައްޕަ އެވެ. ޝާހިރު ދެއްކި މަގުން ހިނގައިގެން އަހަންނަށް ދެވުނީ އަމާން އައްސޭރިއަކަށެވެ. އަމާން ބަނދަރަކަށެވެ. އޭނާގެ ހަޔާތުގެ ޖަލިޔާއަށް އަހަރެން އަރުވައިގެން ފަލި ޖަހަމުން ގޮސް، ގެއްލިފައިވާ އިއްޒަތް ހޯދައިދީފި އެވެ. މީހުންގެ ލޯބި މިލްކުކޮށްދީފި އެވެ. ޝަރަފުވެރިކަން އަނބުރާ އިޔާދަކޮށްދީފި އެވެ. ނަމަވެސް، ރާޝިދުގެ ހަޔާތުން އަހަރެން ނެރެ އެއްލައިލީ ފީކުކުޅުގަނޑެއްގެ ދަރަޖައިގަ އެވެ. ބޭކާރު މީހެއްގެ ގޮތުގަ އެވެ.
އަހަންނަށް ފުންކޮށް ވިސްނައިލެވުނެވެ. ރާޝިދުގެ ގެއާ ދިމާއިން އިވެމުން ދިޔަ އަޑާ މެދުގަ އެވެ. އެގާ ދިމާއިން އެ އިވެނީ ރާޝިދުގެ ވޭނީ އަޑެވެ. އޭނާގެ ކެކުޅުންތަކެވެ. މިއަދު އޭނާއަށް އެހީވާނެ އެކަކު ވެސް ނެތެވެ. އަޅައިލާނެ މީހަކު ނެތެވެ. ބޮލަށް ވެއްޓެން ވެފައިވާ ފީ ޖުފުޓި ގަނޑެއްގައި އެކަނިމާ އެކަނި ދުވަސްތައް ހޭދަ އެ ކުރަނީ އެ ނޫން ގޮތެއް ނެތިގެންނެވެ. އަތުގައި ފައިސާ ހުރި ދުވަހު އޭނާގެ ވަށައިގެން އެނބުރުނު ޚިދުމަތްތެރީން އޭނާ ދޫކޮށްލައިފި އެވެ. އެކި ބަނޑުބަނޑަށް އުފަން ކުރި ދަރީން ވެސް އެކި ދިމަދިމާއަށް ގޮސް ގެއްލިއްޖެ އެވެ. ހޭހަން ކޮށްލާނެ ޔާރެއް އިޔާރެއް މިއަދު އޭނާގެ ގާތަކު ނެތެވެ. ކޮންމެ މީހަކު ވެސް އޭނާއަށް ދިނީ ލަނޑެވެ. ބެލީ ފުރުސަތުގެ ބޭނުން ހިފައި އޭނާ ދޮވެލެވޭތޯ އެވެ. އަތްމަތި ހުސްކޮށްލެވޭތޯ އެވެ. ނަމަވެސް އެކަން ރާޝިދަށް ނުވިސްނުނީ އެވެ. އޭނާއަށް ފެނުނީ ދުނިޔޭގެ ކުލަތަކެވެ. ރީތިކަމެވެ. ދިހުންކުލަ އަރާ މަންޒަރުތަކެވެ. ވަގުތުފާއިތުވި އިރު އޭނާއެއް ނެތެވެ. ހުރީ ބޭރު ތޮށިގަނޑު އެކަންޏެވެ.
"މީހެކޭ ފެން ފޮދެއް. މީހެކޭ އަހަންނަށް ފެންފޮދެއް. ފެން ފޮދެއް ދީބަލަ. އާދޭސްކޮށްފަ ބުނަން."
އަހަރެންގެ ދެފައިގައި ހިލިހިލާ ޖެހުނީ އެ އަޑު އިވިގެންނެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަންނަށް ރޮވުނެވެ. ލޮލަށް ޖަމާވި ކަރުނަތަކާއެކު މޭ ތުރުތުރު އަޅައިލި އެވެ. އިންސާނީ ވަންތަކަމުގެ ކުލުން މޭ ފުރުނެވެ. ވަށައިގެން މަގުގެ ދެކޮޅަށް ބަލައިލެވުނެވެ. އެއީ މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. މަގަމުން އެއްވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. ދެ ފިކުރެއްގައި ހުރެ އަހަންނަށް ހިނގައިގަނެވުނެވެ.
މޭކަށި ގަނޑާ ހަމައަށް ރާނާފައިވާ އެ ގޭގެ އިންފާރު ތެރެއަށް ފުންކޮށް ބަލައިލެވުނެވެ. އެހެންޏާ ރާޝިދު އޮންނާނީ ބޭރުގައި ހުންނަ ޖޯއްޔެއްގަ އެވެ. ނޫނީ އަސްކަނި ކައިރީ ހުންނަ ނޫކުލައިގެ ސަތަރި ޖެހި، ބާ ފަތްޖެހި އެނދެއްގަ އެވެ. އެހެން ނޫނީ ދަބަރު ޖަހާފައިވާ އެ ދޮރާށިކައިރީގަ އެވެ. ނަމަވެސް މިއަދު އޭނާ ފެންނާކަށް ނެތެވެ. މަޑުމަޑުން ހިނގަމުން ގޮސް އިންފާރުން އެތެރެއަށް ވަންނަން ހުރި ދޮރު ކައިރިއަށް ހުއްޓިލެވުނެވެ. ދޮރުގައި ވަނީ ތަރުތީބެއް ނެތި ދަބަރު ޖަހާފަ އެވެ. މަޑުމަޑުން އަތް ޖައްސާލަމުން ދޮރު ކުރިއަށް ކޮށްޕައިލީމެވެ. ކަންފަތަށް އުނދަގޫވާ ފަދަ ތޫލި އަޑަކާއެކު އެތެރެއަށް ދޮރު ހުޅުވުނެވެ. އެއަޑާއެކު ރާޝިދުގެ ގޮވެލި ފަތީގެ އަޑު ކެނޑުނެވެ. މީހަކު އެތެރެއަށް އަންނަކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ ކަންނޭނގެ އެވެ.
އަހަންނަށް ބަލައިލެވުނީ ބިންމަތީގައިވާ ނިޝާން ތަކަށެވެ. އެއީ ރާޝިދުގެ ނިޝާންތަކެއްކަން ޔަގީންވި އެވެ. އޭނާއަށް ކޮޅަށް ނުހުރެވިގެން ދެމެމުން ދެމެމުން ގެއާ ހަމައަށް ގޮސްފައިވާކަން އެ ނިޝާންތަކުން ކަށަވަރުވި އެވެ. އަންނަށް ރޮވޭގޮތްވި އެވެ. ގިސްލެވޭގޮތްވި އެވެ. ލޮލުން ކަރުނަތައް ހިލެމުން ދިޔަ އެވެ. ހިތްވަރުކޮށްފައި އެތެރެއަށް ވަނުމަށް ހިނގައިގަތީމެވެ. ގެއަށް ވަންނަން ހުރި މައި ދޮރާހަމައަށް ދެވުނު އިރަށް ރާޝިދު ގޮވާލި އެވެ.
"ވަރަށް ގިނައިރު ހުރިން، ނޫހާ އާދޭތޯ." ހުއްޓަމުން ހުއްޓަމުން ރާޝިދު ބުންޏެވެ.
އަހަރެން އެތެރެއަށް ވަންކަން ރާޝިދަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޚިޔާލު ދެ ކަފިވި އެވެ. ފެން ފޮދަކަށް އެދި އާދޭސް ކުރަމުން އެ ކުޅުނީ ޑުރާމާއެއް ހެއްޔެވެ؟ އޭނާގެ މަޅީގައި އަހަރެން ޖައްސަނީ ހެއްޔެވެ؟
ނޫނެކެވެ. އޭނާގެ ހާލަތު އަހަންނަށް ކޮންމެ ދުވަހަކު ފެނެ އެވެ. ކޮންމެ ދުވަހަކު މި މަގުން ހުރަސްކުރާއިރު އޭނާ އަހަންނާ ދިމާ ބަލަހައްޓައިގެން ހުންނަކަން އަހަންނަށް އެނގެ އެވެ. ވާހަކަ ނުދެއްކި ނަމަވެސް އޭނާ އެ މާޒީ ހަނދާންކުރާކަން އަހަންނަށް އިހުސާސްކުރެވެ އެވެ. އެހެން ނޫންނަމަ އަހަރެން ޒީކު ގާތަށްދާ ވަގުތު ބަލައިފަ ކަމާ ކަންފަށާ އެހާ ދަތި ހާލުން ބޭރު ފާރު ކައިރީ ހުންނާކަށް ނުޖެހޭނެ އެވެ. ދަބަރު ޖަހާފައިވާ އެ ދޮރާށި ކައިރީގައި ފެންކަޅިވެ އަހަންނާ ދިމާއަށް ބަލަން ހުންނާކަށް ނުޖެހޭނެ އެވެ.
ރާޝިދަށް ރަނގަޅަށް ހިނގެނީއެއް ނޫނެވެ. ތަނެއްގައި ފުރިހަމައަށް އިނދެވެނީއެއް ވެސް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ހަމަ މި ގަޑިއަށް ބިމުގައި ދެމެމުން ދެމުން ކަހަލަ ގޮތަކަށް ނުކުންނަކަން އަހަންނަށް އޮތީ އެނގިފަ އެވެ. އެ ވާހަކަ ނާޒުގެ މަންމަ ވެސް އަހަންރެން ގާތު ބުންޏެވެ.
"ފެން ފޮދެއް ބޮއެލާ." މެއާއި ހިތުގައި އޮބި އަޅައިގެން ހުރެ ރާޝިދަށް ފެންތަށި ދިއްކޮށްލީމެވެ.
އޭނާގެ ތުރުތުރުލާ އަތުން ތަށީގައި ހިފަން އުނދަގޫވި އެވެ. މަންޒަރު ބަލަން އަހަންނަށް ފަސޭހައެއް ނުވި އެވެ. ރާޝިދުގެ ބޯ ހިއްލައިލަ ދެމުން ފެންތަށި ތުނބުގައި ޖައްސައިލަ ދިނީމެވެ. އޭނާއަށް ފެން ފޮދު ދިރުވާލެވުނީ ގަދަކަމުން ދެތިން ފަހަރުންނެވެ. ގެއިން ނުކުންނަށް ހިނގައިގަންނަމުން ރާޝިދުގެ މޫނަށް ބަލައިލީމެވެ. ފުން ނަޒަރަކުން އެ ދެ ލޮލަށް ނަޒަރު ހިންގައިލީމެވެ. އޭނާގެ ދެ ލޮލުން ފެންނަނީ ހިތްދަތިކަމެވެ. މާޔޫސްކަމެވެ. ވޭނާއި ކެކުޅުމެވެ. ދުނިޔޭގެ ދަހިވެތިކަން އޭނާގެ މައްޗަށް އަތްގަދަ ކޮށްލިކަމެވެ. ދުނިޔެ އޭނާއަށް ލަނޑުދިންކަމެވެ.
"އަހަންނަށް މަޢާފުކުރޭ. އަހަންނަށް އެނގޭ އެ ދުވަހު އަހަރެން ނިންމި ނިންމުމުގެ ސަބަބުން މިއަދު އަހަންނަށް އެއްވެސް ކަމެއް، އެއްވެސް އެއްޗެއް ޙައްޤެއް ނުވާނެކަން،" ރާޝިދު ހުއްޓަމުން ހުއްޓަމުން ބުނެލި އެވެ. "އަހަންނަކީ އަނިޔާވެރިއެއްކަން އަހަންނަށް އެނގޭ. އެ ދުވަހު އުފަންދުވަހުގެ ސެޓުފިކެޓުގައި ގޮޅި ހުސްކޮށް ބާއްވަން ޖެހުނީ ސީދާ އަހަރެންގެ ކުށުން. އަހަރެންގެ ސަބަބުން. އެކަމަކު.."
ރާޝިދުގެ އެ ވާހަކަތައް އަޑު އަހާކަށް އަހަންނަކަށް ފަސޭހައެއް ނުވި އެވެ. އަހަރެން ބޭރަށް ނުކުންނަށް ހިނގައިގަތީމެވެ. އޭނާ މިއަދު އެ ވާހަކަދެއްކުމުގެ މާނައެއް ނެތެވެ. މީގެ އަށާވީސް އަހަރު ކުރިން އެ ހުރިހާ ވާހަކައެއް އަހަރެން އޭނާ ގާތު ދެއްކީމެވެ. އޭނާގެ ދެފައިގައި ހިފާ އާދޭސްކުރީމެވެ. ރަށުތެރެއަށް އަހަރެން ގިނަ ނުކުރުމަށް އެދުނީމެވެ. އާއިލާއަށް އެވަރު ބަދު، ބުރައެއް އުފުލަން ނުޖެއްސުމަށް އެދި އެވެ. ނަމަވެސް ހުރިހާ ވާހަކަތަކަށް އޭނާ ދިނީ ބީރުކަންފަތެކެވެ. އެ ދުވަހު އޭނާއަށް މުހިއްމުވީ އަހަންނެއް ނޫނެވެ. އަހަރެންގެ ބަނޑުގައި އޮތް އޭނާގެ ނިޝާނެއް ނޫނެވެ. އަހަންނަށް ނުފެންނަ ހިސާބަށް އޭނާ ދިޔައީ ވެސް އެހެންވެ އެވެ. އެކަން އަހަންނަށް އެނގެ އެވެ.
"ނުހާ." ރާޝިދުގެ ގެއިން ނުކުމެގެން ދަނިކޮށް ފަހީމާއާ ދިމާވި އެވެ.
ފަހީމާއަކީ ރާޝިދުގެ އަވައްޓެރިއެކެވެ. ދުރުތާ ތިމާގެ މީހެކެވެ.
"ފެން ފޮދެއް ދޭން ގޮވާތީ ވަދެވުނީ." އަހަރެން ބަލައިލީ ސީދާ ފަހީމާގެ މޫނަށެވެ.
"ކީއްކުރާނީ އެ ފަކީރުގެ ހާލު އެ. ނުހާގެ ވާހަކަ ވަރަށް ދައްކާ. އަހަރެން ގާތު ނުހާ ގެނެސްދޭން ވަރަށް އާދޭސްކުރޭ. އެކަމަކު އަހަންނަށް ނުހާ ގާތަށް ދާން ނުކެރިފަ މިހުންނަނީ. އެ ދުވަހު ރާޝިދު ނުހާއަށް ކަންތައް ކުރީ ކިހިނެއް؟" އަހަރެން މޫނަށް ބަލައިގެން ހުރެ ފަހީމާ ބުނެލި އެވެ. "ކީއްކުރާނީ ދޯ. ދައްކަވަން ހުރިތަނެއް ދައްކަވާފައި ގެންދަވާނީ."
ބަދަލުގައި އަހަންރެން އެއްޗެއް ނުބުނަމެވެ. ފަހީމާގެ މޫނަށް ބަލަހައްޓައިގެން ހުރީ އެވެ. ދެ ތުންފަތް ތުރުތުރު އަޅާތީ އެވެ. ހިތުގައި ރިހުމެއް އުފެދި އެކަން ބޮޑުވާތީ އެވެ.
"މިހާރު ދެން ކުރިއަށްވުރެ ބަލިހެން ހީވަނީ. އަދުތޯ މާދަން ވެފަ. ޑޮކުޓަރު ވެސް އުއްމީދު ކަނޑައިލައިފަ. އޭނާގެ ވާރިސުންނަށް ވެސް އަހަރެން ގުޅައިފިން. ދަރިންނަށް ވެސް އަންގައިފިން ބައްޕަ ބަލަން އަންނަން. އެކަމަކު އެކަކު ވެސް އަޅައިލާ ގޮތަކަށް ނޫން އެތިބީ. އާއިލާގަ މާގިނަ ބަޔަކު ތިބީއެއް ވެސް ނޫން. ކީއްކުރާނީ ދޯ؟" ފަހީމާގެ ލޮލަށް ކަރުނަތައް ގިނަވާން ފެށި އެވެ. "އޭނާ ބުނީމަ ކައުންސިލަށް އަންގައިފަ މި އައީ. ދެން އެ މީހުންތާ ހަވާލުވާނީ ވެސް."
އަހަރެން ބޭނުންވީ އެތަނުން ދާށެވެ. އެ ވާހަކަތަކުން ހިތްދަތިވުން ނޫން އިތުރު ކަމެއް ނުވާނެތީ އެވެ. އަހަރެން މޫނު ފޮހެލަމުން ގަދަކަމުން ހިނިތުންވެލީމެވެ. ފަހީމާ ވެސް ވަނީ ރާޝިދުގެ ގެއަށެވެ.
ޒީކު އުރައިގެން އެ ގޭގައި އުޅެނިކޮށް މީހަކު ގޮވާ އަޑަށް އަހަރެން ބޭރަށް ނުކުތީމެވެ. ފަހަތުން ޝައްފާނާއި ނާޒު ވެސް ނުކުތެވެ. ދޮރުމަތީގައި ހުރީ ފަހީމާ އެވެ.
"ޝައްފާނު، ނާޒޫ. ވަރަށް އަވަހަށް މަންމަ ގޮވައިގެން އާދެބަލަ. ރާޝިދު އެބަގޮވާ. ނުހާ، އާދޭސްކޮށްފަ." ފަހީމާ ހުރީ އަވަސްވެފަ އެވެ.
އޭނާގެ ހަރަކާތްތަކުން ކަމެއް ގޯސްވިކަން އެނގުނެވެ. ދެ ލޯ ހުރީ ބޮޑުވެފަ އެވެ. ވަރުބަލިވެފަ އެވެ. މާނޭވާ ލެވިލެވި އެވެ. ހަރަކާތް އަވަސްވެފަ އެވެ. އަނގަޔަށްވުރެ ބޮޑަށް އަތާއި ފައިން ވާހަކަދައްކާހެން ހީވެ އެވެ. ޝައްފާނު ބަލައިލީ އަހަރެންގެ މޫނަށެވެ. ނާޒު ވެސް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އެ ދެ ކުދިންނަށް ވެސް ރާޝިދަކީ ކާކުކަން އެނގޭނެ އެވެ. ނޭނގި އޮންނާނީ އެންމެ ކަމެކެވެ. އެންމެ ސިއްރެކެވެ. އެއީ ރާޝިދު ވެސް ސިއްރު ކުރިކަމެވެ.
އެންމެ ފުރަތަމަ ބޭރަށް ނުކުތީ ޝައްފާނެވެ. އޭނާގެ ފަހަތުން ނާޒު އެވެ. ނާޒުގެ އަޑަށް އޭނާގެ މަންމަ ބޭރަށް ނުކުމެ ޒީކު އުރައިލި އެވެ. ޝައްފާނު ހިފީ އަހަރެންގެ އަތުގަ އެވެ. އަނެއް ފަރާތުން ނާޒު ވެސް އަހަރެންގެ އަތުގައި ހިފި އެވެ.
"މަންމާ ހިނގާ. އެ މީހަކު ކުރި ކަމެއް އެ މީހަކަށް." ނާޒުގެ އޯގާތެރި އަޑު ކަންފަތުގައި ޖެހުނެވެ.
އަހަންނަށް ބަލައިލެވުނީ ޝައްފާނަށެވެ. އޭނާ ވާހަކަ ނުދެއްކި ނަމަވެސް ނާޒުގެ ވާހަކައަށް ތާއިދުކުރާކަން މޫނުމަތިން ދައްކައިދިނެވެ.
އަހަންނަށް ރާޝިދުގެ ގެއަށް ވަދެވުނުއިރު ރާޝިދަށް ނޭވާ ނުލެވިގެން ތެޅި ފޮޅެނީ އެވެ. އޭނާގެ ދެ ލޯ ވަނީ ބޮޑުވެފަ އެވެ. އާހަށް އަރައިފައޭ ކިޔާ ގޮތްވެފަ އެވެ. އަނގަވަނީ ހުޅުވިފަ އެވެ. މުޅި މީހާ ވަނީ ދާހިތްލާ ފޯވެފަ އެވެ. ހީވަނީ ކަރުގައި އެއްޗެއް ތާށިވެގެން ނޭވާ ނުނިކުމެގެން އުޅޭހެންނެވެ. ހީވަނީ ނޭވާ އުފުރެމުންދާ ހެންނެވެ. ޝައްފާނު ގޮސް ރާޝިދުގެ ބޯލައި ކޮޅުގައި އިށީނެވެ. އޭނާގެ އުނގުގައި ރާޝިދު ބާއްވާލި އެވެ. ރާޝިދު އޭނާގެ ގައިގައި ބައްދާލަން އުޅުނެވެ.
"ދަރިފުޅާ. ބައްޕައަށް މަޢާފުކުރާތި. ބައްޕަ ދަނީ." ރާޝިދުގެ ޖުމުލަ ފުރިހަމަ ނުވެ އުޅެނިކޮށް އޭނާގެ އެންމެ ފަހުގެ ނޭވާ ބޭރުވި އެވެ.
މުޅި މީހާ ހިމޭންވި އެވެ. އަތްފަޔަށް އަރައިފައި ހުރި ބާރު ކެނޑުނެވެ. ޝައްފާނަށްވީ އެހެން ގޮތެކެވެ. އޭނާއަށް ލިބުނު ކުއްލި ސިހުމާއެކު ހުއްޓުން އެރީ އެވެ. މީހާ ގަނޑުވީ އެވެ. ހަރަކާތެއް ނެތި އެތައް އިރެއް ވަންދެން އޭނާ އެގޮތުގައި އިނެވެ. ޝައްފާނު ހަރަކާތް ކުރާން ފެށީ ނާޒު ގޮސް އޭނާ ތަޅުވާލުމުންނެވެ.
އާއެކެވެ. މިއަދު ރާޝިދު ވަކިވެގެން އެ ދިޔައީ ހުރިހާ ކަމެއް ހާމަކޮށްދީފަ އެވެ. ފަރުދާ ކަހައިލަދީފަ އެވެ. ތިބީންނަށް އިބުރަތަކަށްވާނެ އެތައް ކަމެއް ބުނެދީފަ އެވެ. ދުނިޔޭގެ ދަހިވެތިކަމަށް ފެންބޮވައިގެންފި ކޮންމެ މީހަކަށް މެސެޖުތަކެއް ރައްދުކޮށްދީފަ އެވެ. މަތީ މަގާމުތަކުގައި ޝަރަފުވެރި ގޮނޑިތަކުގައި ތިބޭއިރު ވަށައިގެން ސަނާ ކިޔާނެ އެތައް ބަޔަކު ތިއްބަސް، ތިމާ ނިކަމެތިވާ ދުވަހު، ހާލުގައި ޖެހޭ ހިނދު އަޅައިލާނެ ޔާރެއް އިޔާރެއް ނުހުންނާނެކަން ހަނދާންކޮށްދީފަ އެވެ. އިންސާނާގެ ނިކަމެތިކަން ވިސްނައިދީފަ އެވެ. ދަރިންގެ ސާފުކަން ކަށަވަރުކޮށް ނުދީ ދުނިޔޭގެ ލަދަށް ފިލަން ދުވި ނަމަވެސް، އެންމެ ނާޒުކު ދަނޑިވަޅުގައި ނަމަވެސް އެ ދުވަސް ދައްކަވަފާނެކަން އަންގައިދީފަ އެވެ. އާއެކެވެ. ކިތައްމެ ފޮރުވައިގެން އުޅޭ ސިއްރެއް ވެސް ފާޅުވާން ވަގުތެއް ނޯންނާނެ އެވެ. ވަންހަނާ ކުރާން ނުޖެހޭ ކޮންމެ ސިއްރެއް ފޮރުވައިގެން އުޅެވޭނީ ވަކި ވަގުތަކަށެވެ. ވަކި މުއްދަތަކަށެވެ. ވަގުތު ޖެހުމުން ފަރުދާ ކެހޭނެ އެވެ. ދަންފުޅި ހުސްވާނީ އޭގެ ފަހުންނެވެ (ނިމުނީ)







