ލަންޑަން (ޖެނުއަރީ 5) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި މާދަމާރޭ އާސެނަލާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ލިވަޕޫލުން ހުށަހެޅުމުން އެކަން އެ ގޮތަށް ކޮށްދޭން ނިންމީ ދެ ވަނަ ލެގު އާސެނަލް ދަނޑުގައި ކުޅެން ލިވަޕޫލުން އެއްބަސްވުމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖެހިޖެހިގެން ތިން ދުވަހު ލިވަޕޫލް ޓީމާ ގުޅޭ ކޮވިޑް-19ގެ ކޭސްތަކެއް ރިޕޯޓްކުރިއިރު، މިއަދު ވަނީ އެންމެ ފަހުން ރިޕޯޓްކުރި ޕޮޒިޓިވް ކޭސްތަކާ އެކު ލިވަޕޫލްގެ ޓްރެއިނިން ސެންޓަރު ބަންދުކޮށްފަ އެވެ.
ލިވަޕޫލުން ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މާދަމާރޭ އާސެނަލް ދަނޑުގައި ކުޅެން ޝެޑިއުލް ކޮށްފައި އޮތް މެޗު ފަސްކުރަން ހުށަހެޅީ ރޭ އެވެ.
ލިވަޕޫލްގެ ހުށަހެޅުން، ލީގު ކަޕްގެ ކަންކަން އިންތިޒާމްކުރާ އީއެފްއެލް އިން ދިރާސާކުރަމުން ދަނިކޮށް ލިވަޕޫލުން މިއަދު ވެސް ޕޮޒިޓިވް ކޭސްތަކެއް ރިޕޯޓްކުރުމާ އެކު އީއެފްއެލް އިން ނިންމީ ލިވަޕޫލްގެ އެޕްލިކޭޝަން ބަލައިގަންނާށެވެ.
އެކަމަކު، މާދަމާރޭ ކުޅެން އޮތް މެޗު ފަސްކުރެވޭނީ ލިވަޕޫލުން ދެ ވަނަ ލެގު އާސެނަލް ދަނޑުގައި ކުޅެން އެއްބަސްވާނަމަ ކަމަށް އެންގި އެވެ. ކުރިން އޮތް ގޮތުން ދެ ވަނަ ލެގު ކުޅެން އޮތީ ލިވަޕޫލް ދަނޑުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ވަނީ އީއެފްއެލްގެ ހުށަހެޅުން ގަބޫލުކޮށްފަ އެވެ.
އީއެފްއެލް އިން މާދަމާރޭގެ މެޗު ފަސްކޮށްފައިި، މެޗުތައް ކުޅެން އަލުން އެކުލަވާލި އާ ޝެޑިއުލްގައިވާ ގޮތުން މި މަހު 13 ވަނަ ދުވަހުގެ ލެގު ކުޅޭނީ ލިވަޕޫލް ދަނޑުގަ އެވެ. އަދި 20 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގު އޮންނާނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގަ އެވެ.
އާސެނަލަށް މިހާރު އޮތް ކަންބޮޑުވުމަކީ ލިވަޕޫލް މެޗުގެ ދެ ލެގު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް އާސެނަލް ކުޅޭ މެޗާ ދިމާވާތީ އެވެ.
ލިވަޕޫލްގައި ކޮވިޑްގެ މައްސަަލަ ގޯސްވާން ފެށީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެންމެ ފުރަތަމަ ލިވަޕޫލްގެ ފަބީނިއޯ އާއި ތިއާގޯ އަލްކަންޓާރާ އަދި ވާޖިލް ވެން ޑައިކް ކޮވިޑަށް ޕޮޒިޓިވްވެ ކުޅުމާ ދުރަށް ދާން ޖެހުނެވެ. އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ކުޅެން އޮތް މެޗުގެ ކުރިން ބުރާސްފަތި ދުވަހު އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާ، ޑިފެންޑަރު ޖޮއެލް މަޓިޕް އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ދެ ދުވަސް ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.
މިދިޔަ ތިން ދުވަހު ވެސް ލިވަޕޫލްގެ ޓީމާ ގުޅޭ ކޮވިޑްގެ ކޭސްތަކެއް ރިޕޯޓްކުރިއިރު، މިއަދު ލިވަޕޫލުން ވަނީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު ޕެޕް ލައިންޑާސް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިއުލާނުކޮށްފަ އެވެ. ކްލޮޕް އައިސޮލޭޝަނުގައި ހުރުމުން މިިދިޔަ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ޓީމަށް ބެންޗުގައި ހުރެގެން އިރުޝާދުދިނީ ޕެޕް އެވެ. މާދަމާރޭ ލިވަޕޫލުން އާސެނަލާ ދެކޮޅަށް މެޗު ކުޅުނުނަމަ މެޗަށް ނުކުންނަން ޖެހޭނީ ޓީމުގެ ކޯޗު ކްލޮޕާއި އެސިސްޓަންޓް ޕެޕް ވެސް ނެތި އެވެ.
ލިވަޕޫލަށް ދެން އެންމެ އަވަހަށް އޮތް މެޗަކީ އިނގިރޭސި އެފްއޭ ކަޕްގައި އާދިއްތަ ދުވަހުގެރޭ ޝްރިއުސްބަރީއާ ދެކޮޅަށް ކުޅޭ މެޗެވެ.












