ވޮޝިންޓަން، އެމެރިކާ (ޖެނުއަރީ 5) - މިހާތަނަށް ޖައްވަށް ފޮނުވި އެންމެ ބޮޑު ޓެލެސްކޯޕް، ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ފަސް ފަށަލައިގެ "ސަންޝީލްޑް" އެއްކޮށް ހުޅުވާލައިފި އެވެ.
އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނީ ސަންޝީލްޑް ފުރިހަމަ އަށް ހުޅުވުމަކީ ޓެލެސްކޯޕް ޖައްވުގައި ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ވަރަށް މުހިއްމު މަރުހަލާއެއް ކަމަށެވެ.
"ސަންޝީލްޑްގެ ފަސް ފަށަލަ ވެސް ރަނގަޅަށް ހުޅުވިއްޖެ،" ބޯލްޓިމޯގައި ހުންނަ ޓެލެސްކޯޕްގެ ކޮންޓްރޯލް ސެންޓަރުގައި އެނައުންސަރަކު އިއުލާނު ކުރުމުން ޓީމު މެމްބަރުން އުފާ ފާޅުކުރި އެވެ.
ޓެނިސް ކޯޓެއްގެ ސައިޒުގައި ގުޑިތަކެއްގެ ބައްޓަމަށް ހަދާފައިވާ ސަންޝީލްޑް މަސައްކަތް ކުރަނީ ހިޔާ ފޯރުކޮށްދޭ ކުޑައެއް ގޮތަށެވެ. ބޭނުމަކީ ޓެލެސްކޯޕްގެ އޮބްޒަވޭޓަރީ އަށް ކާއިނާތުގެ އެންމެ ދުރުގައިވާ ސިގްނަލްތައް ވެސް ދަމައިގަނެވޭނެ ފަދަ މާހައުލެއް ފަހިކޮށްދިނުމެވެ.
ސަންޝީލްޑްގެ ފަސް ފަށަލައިގެ ތެރެއިން ކޮންމެ ފަށަލައެއް ވެސް ހުޅުވުނީ ވަކިވަކިން ދެ ދުވަހުގެ ތެރެއިންނެވެ. ސަންޝީލްޑް ފަތް ޖަހައިގެން ޖައްވަށް ފޮނުވަން ޖެހުނީ އޭގެ ސައިޒު ބޮޑު ކަމުން ރޮކެޓުގެ ތެރޭގައި އުފުލަން ފަސޭހައަކަށެވެ.
ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޖައްވީ ޓެލެސްކޯޕް އޯބިޓަށް ފޮނުވީ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ނުވަ ބިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ޓެލެސްކޯޕްގެ މަންޒިލަކީ 1.6 މިލިއަން ކިލޯމީޓަރު ދުރެވެ. ޓެލެސްކޯޕް އެ ހިސާބަށް ފޯރަން މަހެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.








