ލަންޑަން (ޑިސެމްބަރު 4) - ޗެލްސީ އަށް ކުޅެމުންދާ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އާކޮށްފި އެވެ.
އެހެންކަމުން، 2022-2023 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް، އުމުުރުން 37 އަހަރުގެ ސިލްވާ ޗެލްސީގައި މަޑުކުރާނެ އެވެ.
ޕީއެސްޖީން 2020 ވަނަ އަަހަރު ސިލްވާ ޗެލްސީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެކަމަކު، ސިލްވާ ،37، ޗެލްްސީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް އޭނާ ވެގެންދިޔައީ އެ ޓީމުގެ މުހިންމު ކުޅުންތެރިއަކަށެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޗެލްސީ އަށް ކާމިޔާބުކޮށްދިނުމުގައި ސިލްވާ މުހިންމު ރޯލެއް އަދާކުރި އެވެ.
"ވަރަށް އުފާވެއްޖެ ޗެލްސީގައި އިތުރު ސީޒަނެއް މަޑުކުރެވޭތީ. އަހަރެން ހިޔެއްނުކުރަން މިހާ ދުވަހު ޗެލްސީ އަށް ކުޅެވޭނެކަމަކަށް،" ސިލްވާ ބުންޏެވެ.
"ޗެލްސީ އަށް ކުޅުމަކީ ވަރަށް ބޮޑު ޕްރެޝަރެއް. މި ފެންވަރުގައި ކުޅުން ދެމެހެއްޓުމަށް، އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްކުރާން."
ކުރިން އޭސީ މިލާނާއި ޕީއެސްޖީ އަށް ކުޅުނު ސިލްވާ ޗެލްސީ އަށް ބަދަލުވީ ފްރޭންކް ލަމްޕާޑްގެ ހުށަހެޅުމަކަށެވެ. ޗެލްސީ އަށް އަންނަން ނިންމުމުގެ ކުރިން ސިލްވާ ނިންމައިގެން ހުރީ އުފަން ގައުމު، ބްރެޒިލްގެ ކްލަބަކާ ގުޅޭށެވެ. އެކަމަކު، ޗެލްސީގެ ހުށަހެޅުން ލިބުމާ އެކު ހުރިހާ ކަމެއް ބަދަލުވީ އެވެ.
ޗެލްސީގެ ޑިރެކްޓަަރު މަރީނާ ގްރަނޮވްސްކައިއާ ބުނީ ސިލްވާގެ ތަޖުރިބާ އައި "ލީޑަޝިޕްގެ މުހިންމުކަން ޗެލްސީ އަށް ބޮޑު ކަމަށެވެ. އަދި ސިލްވާގެ ކޮންޓުރެކްޓް އާކުރެވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. -- އޭއެފްޕީ












