ފާޚާނާއަށް ވަދެވުމާއެކު ބަޑި ފަޅައިގެން ދިޔަ އެވެ. ކަރުބުޑުން އަޑެއް ބޭރު ނުވި ނަމަވެސް ހުރިހާ އިހުސާސްތަކެއް ބަންޑުންވި އެވެ. ލޮލުން ކަރުނައިގެ ކޯރެއް ފާއްދައިލި އެވެ. ނޭނގޭ ތުރުތުރެއް ކޮނޑުމަތިން ދުވެގަތެވެ. މި ނިންމުނީ ހާދަބޮޑު ނިންމުމެކޭ ހިތަށް އެރި އެވެ. ޔާސިރުގެ ނުރުހުމުގައި އޭނާއަށް ދެވެން މި އުޅެނީ ހާދަ ބޮޑު ލަނޑެކޭ ހިތްބުނެލި އެވެ. ނޫނެކެވެ. މިއީ ލަނޑަކަށް ނުވާނެ އެވެ. މިއީ ހަމަ އަހަރުމެންނަށް ޓަކައި އަހަރެން ނިންމި ނިންމުމެކެވެ. ޔާސިރަށް ޓަކައި އަހަރެންވާ ޤުރުބާނެކެވެ.
ޔާސިރަށް ޓަކައި އަހަންނަށް ނުކުރެވޭނެ ކަމެއް އޮވެގެން ނުވާނެ އެވެ. ނުފުރޮޅޭނެ ގަލެއް އޮވެގެން ނުވާނެއެވެ. ޔާސިރަކީ އަހަރެންގެ ދުނިޔެ އެވެ. އަހަރެންގެ ހިތެވެ. މި ހިތުގައި ޖަހާ ވިންދެވެ. އެ ވިންދުގެ އަސްލެވެ. އަހަރެން ދުނިޔޭގައި ލެއްވީ އޭނާއަށް ޓަކައޭ އަބަދުވެސް ބުނެވެނީ އޭނާ ދެކެ ވެވޭ އިމެއް، މިނެތް ލޯބީގެ ސަބަބުންނެވެ.
"އީނާޝްގެ މީހަކަށް ވެވުނީތީ ލިބޭ އުފާ މާ ބޮޑު. އަހަންނަށް އެވަރުން ފުދޭ. އީނާޝްގެ ފިރިއެއްގެ މަޤާމަކީ ޝަރަފެއް، ފަޚުރެއް."
ޔާސިރު ބަދަލެއް ނުވާ އެ ޖުމުލައިން އަހަންނަށް ހިތްވަރު ލިބެއެވެ. ދިރިއުޅުމުގެ އަޑިގުޑަންތަކަށް ތަސައްލީ ލިބެ އެވެ. ހިތުގެ އުދާސްތަކަށް ހިތްހަމަ ޖެހުން ގެނުވައިދެ އެވެ.
މޫނު ދޮންނަ ތަށީގެ އިސްކުރު އަނބުރައިލަން މަޖުބޫރުވީ އެވެ. އަހަންނަށް ބޭއިޚުތިޔާރުގައި ރޮއި ގަނެވުނީމަ އެވެ. ކޮޓަރީގައި އޮތް ޔާސިރަށް އަހަރެންގެ ހިތުގެ ތެޅުން އިއްވަން ބޭނުން ނުވާތީ އެވެ. އޭނާއަށް އަހަރެންގެ ހާލަތު ކިޔައިދޭން ބޭނުން ނުވާތީ އެވެ. ފާޚާނާގައި ހުރެ ހިތް ފުރެންދެން އަހަރެން ރުއީމެވެ. ގިސްލަމުން ގިސްލަމުންނެވެ. އަޑެއް ބަޑެއް ނީވޭނެހެންނެވެ.

"އީނާޝް." ފާޚާނާގެ ދޮރުފަތުގައި ޔާސިރު ޓަކި ޖަހައިލި އެވެ.
އޭނާއަށް ޝައްކު ކުރެވުނީ ކަންނޭނގެ އެވެ. އަހަރެން އަވަސްއަވަސް ކޮށްލައިގެން މަތި ހަދައިލީމެވެ. ގަދަކަމުން ހިނިތުންވުމެއް ކުރަހައިލީމެވެ. ލޮލަށް ވެރިވެފައިވާ މަޑު ފިޔާތޮށި ކުލަ ބަދަލުކޮށްލެވޭތޯ ދެ ފަހަރަކު މޫނުގައި ފެން އުނގުޅައިލީމެވެ. އެންމެ ފަހުން މޮޅު ޚިޔާލެއް ތިލަވި އެވެ. ވުޟޫކޮށްލުމެވެ. ވުޟޫކޮށްލައިގެން މޫނުގައި ހުރި ފެންތައް އަތުން ފޮހެމުން ދޮރު ހުޅުވީމެވެ.
"ހާދަ ލަސްވީ؟" ޔާސިރު އެ ސުވާލު ކުރާނެކަން އަހަންނަށް މާކުރިން ވެސް އެނގެ އެވެ.
"ވުޟޫކޮށްލީ." ފަރުވާކުޑަ ގޮތަކަށް އަހަރެން ބުނެލީމެވެ.
އަވަސް ހަރަކާތްތަކަކާއެކު އަލަމާރިން މުސައްލަ ނަގައި މުށިގަނޑު މަތީ ފަތުރައިލައި ނަމާދު ދޮޅި މޫނަށް މަހައިލީމެވެ.
"އިޝާނަމާދު ކުރީ އަހަންނާ އެކުގައެއްނު." މަޑުމައިތިރި ރާގެއްގައި ޔާސިރު ބުނެލި އެވެ.
"ސުންނަތް ނަމާދު ކުރެވިދާނެއްނު. ޔާސިރަށް ވިސްނުނީތީ ޝުކުރު ކުރަންވާނެއްނު." އަހަރެން ފަސް އެނބުރި ޔާސިރުގެ މޫނަށް ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލީމެވެ.
ބަދަލުގައި ޔާސިރު ވެސް އެ ވަޒަނަށް ހިނިތުންވެލި އެވެ. ދެ ރަކުއަތުގެ ސުންނަތް ކޮށްލުމަށްފަހު ދުޢާއަށް އަތް ނެގީމެވެ. އެތައް އިރަކު ދުޢާއަށް އަތް ނަގައިގެން އިނީމެވެ. ޔާސިރުގެ އަނތްބެއްގެ މަޤާމުގައި މަރު ދުވަހަށް ދެވި އިނދެވޭނެގޮތް މިންވަރު ކުރައްވާތޯ ދުޢާކުރީމެވެ. ކާވެނީގައި ބަރަކާތްލައްވާ ކާވެނި ހަރުދަނާވޭތޯ ދެންނެވީމެވެ. އުނގު ފަޅުފިލާނެ ދަރިއަކު ދެއްވާތޯ ދެންނެވީމެވެ. އަހަންނަށް ސާބިތުކަން ދެއްވާ ކެތްތެރިކަން މިންވަރު ކޮށްދެއްވާތޯ ތަކުރާރުކޮށް ދެންނެވީމެވެ.
ފަސް އެނބުރި ބަލައިލިއިރު ޔާސިރަށް އޮތީ ނިދިފަ އެވެ. އޭނާގެ އޮމާން މޫނުމަތި ފެނިފައި އަހަންނަށް ރޮވޭ ގޮތްވި އެވެ. އެ މައުސޫމު މޫނުމަތިން އަހަންނަށް ފެންނަނީ ލޯތްބެވެ. ކުލުނެވެ. އުޖާލާކަމެވެ. އެއީ މާތް އިންސާނެކެވެ. އޯގާތެރި ފިރިއެކެވެ. ލޯތްބާއި އަޅައިލުމަކީ އޭނާގެ ރީތިކަމުގެ ސިފަ އެވެ. އަހަންނަށް އެނދާ ދިމާއަށް ހިނގައި ގަނެވުނެވެ. ހިތާއި ހިތުން ދުޢާކުރަމުންނެވެ. ޔާސިރުގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތެއް މިންވަރު ކުރައްވާތޯ އެވެ. ނަމާދު ދޮޅި ބޮލުން ނައްޓައިލުމަށްފަހު ކައިރީގައި ހުރި ކަފޭރާގައި ބޭއްވީމެވެ. ޔާސިރުގެ މަގަތުގައި އިށީނދެލަމުން އޭނާގެ ނިތުގައި ތުންފަތް ޖައްސައިލީމެވެ.
އަހަންނަށް ހޭލެވުނު އިރު ޔާސިރު އުޅެނީ ފާޚާނާގަ އެވެ. ގަޑި ބަލައިލެވުނެވެ. އޭރު ފަތިސްނަމާދު ބަންގީގެ އަޑު އިވިއިވި ހުއްޓެވެ. އަވަސް އަވަސް ކޮށްލައިގެން ފާޚާނާއިން ނުކުމެ މޫނު ފޮހެލީމެވެ. ޔާސިރު ހުރީ އަހަރެންގެ އިންތިޒާރުގައެވެ. ޔާސިރުގެ ފަހަތުގައި ނަމާދުކޮށް ނިންމައިލީމެވެ. ސަލާމްދިނުމަށް ފަހު ޔާސިރު ދުޢާއަށް އަތްނެގި އެވެ. އެއީ އޭނާގެ އާދަ އެވެ. ނުބުންޏަސް އޭނާގެ ދުޢާގެ ވަޒަން އަހަންނަށް އެނގެ އެވެ. އޭނާ ދަންނަވާނީ އެންމެ ކަމަކަށްކަން އަހަންނަށް ޔަގީންވެއެވެ. އެއީ ކާވެނީގެ މޭވާއަށް އެދިއެވެ. ދަރިއަކު ދެއްވުމަށް އެދި އެވެ.
އަހަރުމެންގެ ކާވެންޏަށް ބާރަ އަހަރު ފުރި ތޭރަވަނަ އަހަރަށް ގުނަން ފެށުނީ އިއްޔެ އެވެ. ދަރިއަކު ހޯދުމަށް ނުކުރާ ފަރުވާއެއް ނުހުންނާނެ އެވެ. ނުދައްކާ ޑޮކުޓަރެއް މަދުވާނެ އެވެ. މާލޭގެ ޑޮކުޓަރުންނަށް ދެއްކިއްޖެ އެވެ. ބޭރަށް ދެވިއްޖެއެވެ. ދިވެހިބޭސް ކުރެވިއްޖެ އެވެ. ހެއްދެވި ފަރާތުގެ ވާތްގަށް އެދެވިއްޖެ އެވެ. ނަމަވެސް އަލިމަގެއް ފެންނަ ގޮތެއް ނުވެ އެވެ. ޑޮކުޓަރުންނަށް ވާނުވާއެއް ނޭނގެއެވެ. މައްސަލައެއް ފާހަގައެއް ނުކުރެވުނެވެ.
"ދެރަނުވޭ އަދި ހަމަ ވަގުތު ނުޖެހެނީ. ދެއްވާނީ ވަގުތު ޖެހުނީމަ. އެއީ އަމާނާތެއް. އަހަރުމެންނަށް އޮތް އަމާނާތް އަދި އަހަރުމެންނާ ހަމައަށް ނާންނަނީ."
ޔާސިރުގެ އެ ނަސޭހަތުން އަހަންނަށް ހިތްހަމަ ޖެހުން ގެނެސްދެ އެވެ. އެ މައުޟޫގައި އޭނާ ދައްކާހާ ވެސް ވާހަކައަކީ އެއީއެވެ. އެ ކަމާ ގުޅުވާ އޭނާ އިތުރު ވާހަކައެއް ނުދައްކަ އެވެ. ޝަކުވާއެއް ނުކުރެ އެވެ. އޭނާގެ ނަސޭހަތަކީ ޝުކުރުކުރުމެވެ. ތަކުރާރުކޮށް ދެންނެވުމެވެ. އިޚުލާސްތެރިކަމާއެކު ދެންނެވުމެވެ. މާޔޫސްނުވުމެވެ.
"ނާޝް!" ޔާސިރު އަހަންނާ ދިމާ ބަލައިލަމުން ލޯބިން ފުރިގެންވާ ގޮތަކަށް ބުނެލި އެވެ.
އޭނާ އަހަންނަށް ނާޝްއޭ ކިޔައި މުޚާތަބު ކުރާނީ ބޮޑު ވާހަކައެއް ބުނަން ބޭނުންވީމަ އެވެ. އެހެން ނޫނީ އާއްމުކޮށް އަހަންނާ މުޚާތަބު ކުރާނީ ފުރިހަމަ ނަމުންނެވެ. އަހަރެންގެ ހިތްތެޅިގަތެވެ. ޔާސިރު ދައްކަން އުޅެނީ ކޮން ވާހަކައެއް ބާއޭ ހިތަށް އެރި އެވެ. އަނެއްކާ އޭނާގެ ޚިޔާލު ކަފިކަފިވީބާއޭ ހިތްބުނެލި އެވެ.
"ނާޝް. އަހަރެން އެކަމަށް އެއްބަސްވީ ހަމައެކަނި ނާޝްއަށް ޓަކައި. އަދިވެސް އަހަރެންގެ ހިތް އެކަން ކުރުމަށް އެބަ އިންކާރު ކުރޭ. ދެކޮޅު ހަދާ." ޔާސިރު މަޑުމައިތިރި ރާގެއްގައި ބުނެލި އެވެ.
"އަހަންނަށް އެނގޭ ހުރިހާ ކަމެއް. ޔާސިރުގެ ހިތް އަހަންނަށް ފެނޭ. ނުބުންޏަސް ތިޔަ ހިތުގެ ރިހުންތައް އަހަންނަށް އެނގޭ. ދަރިއަކަށް ޓަކައި ކުރާ އުއްމީދާއި ދެކޭ ހުވަފެންތައް އަހަންނަށް ތިޔަ ދެ ލޮލުން ފެނޭ. އެކަން ފޮރުވައިގެން ޔާސިރު ބަރާބަރު ބާރަ އަހަރު ހޭދަކޮށްފި. އަހަންނަށް ޓަކައި ބާރަ އަހަރު ބޭކާރުކޮށްފި. އަހަރެން މި ނިންމުން މި ނިންމަނީ ހަމަ އަހަރުމެން ދެ މީހުންގެ މުސްތަގުބަލަށް ޓަކައި. އަހަރުމެންގެ ލޯބީގެ ހައްގުގައި." އަހަންނަށް ކެތެއް ނުކުރެވުނެވެ.
ހުރިހާ ދުވަހު ފޮރުވައިގެން، އޮބި އަޅައިގެން ހުރި އިހުސާސްތައް އިސާހިތަކު ބަންޑުންވީ އެވެ. ބަޑިފަޅައިގެން ދިޔައީ އެވެ. ގިސްލަމުން، ރޮމުން ޔާސިރުގެ އުނގުގައި ބޯ އަޅައިގެން އޮވެ ހިތުގައި ހުރިނަމަ ހުރި އިހުސާސްތަކެއް ބަންޑުންކޮށްލެވުނީ އެވެ. އެ އަޑުތައް އަހަން ޔާސިރު އިނީ އެވެ. ފެންކަޅި ވެފައެވެ. ލަސްލަހުން ހިންދިރުވަމުންނެވެ. އޯގާތެރިކަމާއެކު އަހަރެންގެ ބޮލުގައި ފިރުމަމުންނެވެ.
"އަހަރެން މިހާރު ނަދާގެ މަންމަމެންނާ ވެސް ވާހަކަދައްކައިފިން. އޭނާގެ ބައްޕަ ވެސް ގަބޫލު." ކަންކަން ގޮސް އޮތް ހިސާބު ޔާސިރަށް އޮޅުންފިލުވައިދިނީމެވެ.
"އެކަމަކު؟" ޔާސިރު ހުއްޓައިލި އެވެ.
"ވަގުތު ފާއިތުކުރުމުގެ ބޭނުމެއް ނެތެއްނު. ނަދާ ހުރީ މިކަމަށް ރުހި ގަބޫލުވެގެން،" އަހަރެން ތެދުވެ އިށީނދެލީމެވެ. "ނަދާއަކީ ވަރަށް އޯގާތެރި މާތް އަހުލާގެއްގެ ވެރިއެއް. އަހަންނަށް ޓަކައި އޭނާ އެ ކޮށްދެނީ ކިހާ ބޮޑުކަމެއް. ޔާސިރުގެ އަނތްބަކަށް އޭނާ އެ ވަނީ ސީދާ އަހަރެން ބުނެގެން."
އަހަންނަށް ބަލައިލެވުނީ ޔާސިރުގެ މޫނަށެވެ. އޭނާގެ ގަދަކަމުން ހިންދިރުވާލި މަންޒަރު އަހަންނަށް ފެނުނެވެ. ނަދާއަކީ ކާކުކަން ޔާސިރަށް ވެސް އޮންނާނީ އެނގިފަ އެވެ. އެއީ އަހަރުމެން ކޯހުގައި އުޅުނު އިރު އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ އެވެ. ކޯސް ނިންމުމަށްފަހު ރަށަށް ބަދަލުވި ނަމަވެސް ރަހުމަތްތެރިކަމަށް ބަދަލެއް ނާދެ އެވެ. އޭނާގެ އެންމެ ގާތް މިތުރެއްގެ ޖާގަ އޭނާގެ ހިތުން ދެވުނީ ދިރިއުޅުމުގެ ކަށި ޖަންގަލީ ތެރޭގައި ހިނގަމުން ދަނިކޮށް އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އަހަންނަށް އަތް ދިއްކޮށްލެވުނީމަ އެވެ. އެކަމުގައި މަދަދުވެރިވީމަ އެވެ. އޭގެފަހުން އަހަރުމެންގެ ހިތް އެކަކު އަނެއްކަކަށް އޮންނަނީ ހުޅުވިފަ އެވެ.
"ފަހަރެއްގައި ވެސް އަހަރެން ނަދާ އިހުތިޔާރުކުރީ އަހަރެން އޭނާއަށް ކޮށްދިން ކަންތަކުގެ އަގެއްގެ ގޮތުގައި މިކަން ކުރާކަން ނޫން. މީ ސީދާ ނަދާގެ ޚިޔާލެއް." އަހަރެން ތެދުވެ ޔާސިރާ ހަތަރުކަޅި ހަމަކޮށްލީމެވެ.
"ދެން ނާޝްއަށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދޭ. ނާޝްގެ ހިތްހަމަ ޖެހުމަކީ އަހަރެންގެ ހިތްހަމަ ޖެހުން." ޔާސިރު އަހަރެންގެ ނިތުގައި ތުންފަތް ޖައްސާލަމުން އޭނާގެ ދެ އަތުގެ ހިމާޔަތުގެ ދަށަށް ގެންގޮސް ދިނެވެ.
ޖެހިގެން އައި ދުވަހު ނަދާއާއި ޔާސިރުގެ ކާވެނީގެ ކަންކަން ކުރިއަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމުތައް ސީދާ އަހަރެންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާން ފެށީމެވެ. ކާވެނީގެ ހަފުލާ ބާއްވަން އަހަރެން ބޭނުންވީ މާލޭގަ އެވެ. އެއީ ޔާސިރުގެ ދެވަނަ ކާވެންޏަށް ވީނަމަވެސް ނަދާގެ އަލަތު ކާވެންޏެވެ. އަލަތު ކާވެނީގެ ވަލީމާއަށް އަންހެން ކުއްޖަކު ކުރާނެ އިންތިޒާރާއި ދެކޭނެ ހުވަފެންތައް އަހަންނަށް ސާފުކޮށް އެނގެ އެވެ. އެހެންވެ އެ ހުރިހާ ކަމެއް އަހަންނަށް އިހުސާސްކުރެވެ އެވެ. ނަދާއާއި ޔާސިރު ނުގަބޫލުގައި ހުރިހާ ކަމެއް ތަރުތީބުކޮށް އިންތިޒާމުތައް ހަމަޖެއްސުމުގައި އިސްވެ ހުރީ ސީދާ އަހަރެންނެވެ. އެކަމާ ކުދި ކިޔާ މީހުން ކުދި ކިޔަމުން ދިޔައެވެ. ރައްޓެހިން ވެސް ނުނަޒަރަކުން ބަލަމުން ދިޔަ އެވެ.
އެ މީހުންނަށް އަހަރެން ކުރިމަތި ކުރަނީ ދެ ސުވާލެވެ. އޭގެ ޖަވާބު ބޭނުން ނުވާ ދެ ސުވާލެވެ. އެހައި ހިސާބުން ކޮންމެ މީހަކު އަނގަބަންދުވެއެވެ. ބަސް ހުއްޓި އަމާންދެ އެވެ.
"ދެއަނތްބަށް ކާވެނި ކުރުމަކީ ހަރާމް ކަމެއްތަ؟ ހުރިހާ ދޮށީ އަނބިން އުޅޭ ގޮތަށް އަހަރެން އުޅެން ޖެހޭތަ؟"
ކާވެނި ކުރަން ކަނޑައެޅިފައިވާ ދުވަހެވެ. ކާވެނީގެ ވަލީމާ ރޭވީ އަހަރުމެން ތިބޭ ގޭގެ ޓެރަސްގަ އެވެ. އެއީ ދޮންތަގެ އެޕާޓުމަންޓެވެ. ދޮންތަ އުޅެނީ މާލޭ މީހަކާ އިނދެގެން މާލޭގަ އެވެ. ކާވެނި ކުރާ ވަގުތެއް ކަމަށް އަހަރެން ހަމަޖެއްސީ ހަވީރު ހަތަރެކެވެ. ޓެރަސް ޒީނަތްކުރުމާއި ސެޓު ތައްޔާރުކުރާން ހަވާލުކުރީ ކުލީ ބަޔަކަށެވެ. އާއިލާއަށް އޮތް ސައިގެ ކަންކަން ވެސް ހަވާލުކުރީ ކުލީ ތަނަކަށެވެ. ދައުވަތު ދިނުމުގެ ކަންކަމުގައި އިސްވެ އުޅުނީ ސީދާ އަހަރެންނެވެ.
އެ ދުވަހު ހޭލީއްސުރެ އަހަންނަށް ހުރެވެނީ ފާޑެއްގެ އުނދަގޫތަކެއް ވާތީ އެވެ. ބުނަން ނޭނގޭ ކަހަލަ ގޮތެއް ވާގޮތް ވެފަ އެވެ. ބޯ އަނބުރާ މޭ ބޮޑުކޮށްފައި ހުންނަ ގޮތްވާން ފަށައިފަ އެވެ. ދޭތެރެ ދޭތެރެއިން މޫނުމަތިން ކޮކާ ބުރާހެން ވެސް ހީވެ އެވެ. ކަޅުކުލައިގެ ފުސްގަނޑުގަނޑު ދުވެލާތަން ފެނެ އެވެ. އެއްޗެހީގެ ވަސް ދުވިޔަސް އޯކަށް ދެމޭ ގޮތްވެއެވެ. ޔާސިރަށް ކޮފީ ގިރަން ކޮފީތަށްޓަށް ހޫނުފެން އަޅައިލި ވަގުތެވެ.
ކެތް ނުވެގެން އަހަންނަށް ޒިންކާ ދިމާއަށް ދުއްވާގަނެވުނެވެ. އެންމެފަހުން ބާރުބާރަށް އޯކަށް ދެމިލެވުނެވެ. މީހާ ތުރުތުރު އަޅައިގޮތްވާން ފެށި އެވެ. ހޮޑުލައިލައި މީހާ އަވަދިވާވަރުވި އެވެ. އެންމެފަހުން ޚަބަރު ހުސްވިއެވެ. ދެން ހޭލެވުނީ މޫނުގައި ފެން އުނގުޅުމުންނެވެ.
"އީނާޝް! މިއަދު އީނާޝް ތިހެން އުޅުނީމަ ކިހިނެއް ވާނީ؟" މަންމަ އަހަރެންގެ ބޮލުގައި ފިރުމައިލި އެވެ.
"ކޮބާ ޔާސިރު؟" ބަލި އަޑަކުން އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ.
ވަށައިގެން ހޯދައިލެވުނެވެ. މަންމަގެ ފަހަތުން އަހަންނަށް ފެނުނީ ދޮންތަ އެވެ.
"ނާއްކޮ ބޭނުންވެގެން ކުރާ ކަމެއްގައި ތިހާ ހާސްވެ ކަންބޮޑުވާން ޖެހޭ ސަބަބެއް ދޮންތައަކަށް ނުވިސްނޭ. އަނެއްކާ؟" ދޮންތަ ވެސް އަހަރެންގެ މޫނަށް ރަނގަޅަށް ބަލައިލި އެވެ.
"ކޮބާ ޔާސިރު؟" އަހަންނަށް ދެވަނަ ފަހަރަށް އަހައިލެވުނެވެ.
"ޑޮކުޓަރަށް ދައްކަންދާން ތައްޔާރުވަނީ." މަންމަ މަޑުމަޑުން ބުނެލި އެވެ.
އަހަންނަށް ކުއްލިއަކަށް ތެދުވެވުނެވެ. ނަމަވެސް އަނެއްކާ ވެސް މޫނަށް އަނދިރިވާން ފެށީ އެވެ. ދެވަނަ ފަހަރަށް ލޯ ހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލުގަ އެވެ.
އަހަންނަށް ބަލައިލެވުނީ ވަށައިގެންވާ އެންމެންގެ މޫނަށެވެ. އެއްފަރާތުގައި ހުރީ ޔާސިރެވެ. އޭނާ ހުރީ އިސް ޖަހައިގެންނެވެ. އަތުގައި ގަނޑެއް އޮތެވެ. އަނެއް ފަރާތުގައި ހުރީ މަންމަ އެވެ. މަންމަގެ ގާތުގައި ދޮންތަ ހުއްޓެވެ. މަންމަ ނިތުން އިޝާރާތްކޮށްލީ އެނދުގެ ކޮޅަށެވެ. އަހަރެންގެ ފަޔާ ދިމާ އަށެވެ. އަހަންނަށް ބަލައިލެވުނެވެ. ހިނިތުންވެލައިގެން ހުރީ ނަދާ އެވެ.
"މަރުހަބާ! މިއަދަކީ އަހަރެންގެ ހަޔާތަށް އައި އެންމެ، އެންމެ އުފާވެރި އެއް ދުވަސް،" ނަދާ އަހަންނާ ދިމާއަށް ހިނގައިގަތެވެ. "ކޮންމެ ކަމެއް ވެސް ނިމިގެންދާނީ އެންމެ ފުރިހަމައަށް."
"މަރުހަބާ ނަދާ. ވަރަށް އުފާވެއްޖެ." އަހަންނަށް ގަދަކަމުން ކަހަލަ ގޮތަކަށް ބުނެލެވުނެވެ.
"މަރުހަބާ ނާއްކޯ." ދޮންތަ މަރުހަބާކީ އަހަންނަށެވެ.
"އަހަންނަށް... އަހަންނަށް މި ޚަބަރު ދޭނެ ގޮތެއް ވެސް ނުވިސްނޭ... އަލްހަމްދުﷲ.. އަލްހަމްދުﷲ." ޔާސިރު އަހަރެންގެ ގައިގައި ބައްދާލި އެވެ.
އަހަންނަށް އޮޅޭގޮތްވި އެވެ. ވެގެން އުޅޭ ގޮތެކެވެ. ވާން އުޅޭ ގޮތެކެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުން އެ ފެންނަނީ ކީއްވެ ހެއްޔެވެ؟ ކޮންމެ މީހަކު އަހަންނަށް މަރުހަބާ މި ކިޔަނީ ކޮންކަމަކާ ހެއްޔެވެ؟ މިއީ އަހަރެންގެ ދުވަހެއް ނޫނެވެ. މިއީ ނަދާއާއި ޔާސިރުގެ ދުވަހެވެ. އަހަންނަކީ މަގުދައްކައިދޭ މީހާއެވެ. ކަންކަން އިންތިޒާމުކުރާ މީހާއެވެ.
"ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟" އަހަންނަށް ބުނެވުނެވެ.
"އާނ! ވާން ބޭނުންވާ ގޮތްވީ؟ އުފާކުރާންވީ ވަގުތު އައީ... ހުރިހާ ދުޢާއެއް އިޖާބަ ކުރެއްވީ." ނަދާ އަހަރެންގެ އަތުގައި ހިފައިލި އެވެ.
"އީނާޝް ބަނޑަށް ހަތް ހަފުތާ." ޔާސިރުގެ މޫނު ފުރައިލީ އޭނާގެ ރަސްމީ ހިނިތުންވުމުންނެވެ.
އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. ޔާސިރު އަތުގައި އޮތް އަހަރެންގެ ރިޕޯޓުގައިވާ އަކުރުތައް ވަކިވަކިން ކީމެވެ. އޭގައި ވަނީ ތެދު މައުލޫމާތުކަމެއް އަހަންނަކަށް ޔަގީނެއް ނުވި އެވެ. ނަމަވެސް، އަހަންނަށް މިވާ އުނދަގޫތަކުން އަހަންނަށް ވެސް ޔަގީންވި އެވެ. އާއެކެވެ. ދަރިއަކަށް ޓަކައި އަހަރެން ކުރި އިންތިޒާރުގެ ނިމުން މި އައީ އަހަރެންގެ ހިތް ފޮތިފޮތިކޮށްލާ ދެބައިކޮށްލަން ތައްޔާރުވި ދުވަހު އެވެ. އަހަރެން އެންމެ ލޯބިވާ ފިރިމީހާ އެހެން މީހަކަށް ހިއްސާކުރާން ތައްޔާރުވީ ދުވަހު އެވެ. އެހައި ހިސާބުން އެކަން ނުވާކަމަކަށް ހަދައި އަހަރުމެން އަލުން ފެށީ އެވެ.
އެއީ ވެސް އިމްތިހާނެކޭ އަހަރެންގެ ހިތަށް އެރި އެވެ. އެކި މީހުން އިމްތިހާނު ކުރައްވާނީ އެކި ގޮތަށެވެ. އެކި ސިފަސިފައިގައެވެ. ކެތްތެރީން ވަޒަންކުރާނީ އެކި ގޮތްގޮތަށެވެ. އިޚުލާސްތެރިކަމާއެކު ދަންނަވާނަމަ އެ ކަން ރައްދު ނުކުރާނެކަން އަހަންނަށް ކަށަވަރުވި އެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވަނީ ކެތްކުރާން ދަސްވީމަ އެވެ. މިއީ، އަހަރެންގެ ނަސީބު އަހަންނާ ބައްދަލުކުރި ގޮތެވެ. އާއެކެވެ. ފުރުސަތަށް މަރުހަބާ ކިޔުމަށް ތައްޔާރުވުމުން ލިބޭ ހަދިޔާއަކީ ނަސީބެވެ. އެކަން މި ހަގީގީ ހާދިސާއިން އަހަންނަށް ދަސްވެއްޖެ އެވެ. (ނިމުނީ)







