ލަންޑަން (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ ދެ ވަަނައިގައި އޮތް ޗެލްސީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިގެން އޮތް މެންޗެސްޓާ ސިޓީ އަށް ހިތްހަަމަ ޖެހުމެއް ލިބިއްޖެ އެވެ.
މިރޭގެ ނަތީޖާއާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އާއި ޗެލްސީ ވަނީ 21 މެޗު ކުޅެފަ އެވެ. ލިވަޕޫލް ކުޅުނީ 20 މެޗެވެ. ސިޓީ އެއް ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް 43 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މެޗު ހަމަކުރާއިރު، ދެ ވަނަ އަށް އަރައިފިނަމަ، އޭރުން ސިޓީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެ އެވެ.
ލިވަޕޫލުން މިރޭގެ މެޗަށް ނުކުތްއިރު، އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕާއި ތިން ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި ތިން ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރު ޖޮއެލް މަޓިޕް އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. ލިވަޕޫލްގެ ބެންޗުން ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ޕެޕް ލިންޑާސް އެވެ. ގޯލު ބެލެހެއްޓީ އަޔަލެންޑްގެ ކީޕަރު ކޮއިމްހިން ކެލަހާ އެވެ.

ލިވަޕޫލްގެ މާނޭ (ވ) ކައިރިން ޗެލްސީގެ ޗަލޮބާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީން ވަނީ ދާދި ފަހުން އެ ކްލަބްގެ ހާލަތާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ، އިންޓަވިއު ދިން ފޯވާޑް ރޮމެލޫ ލުކާކޫ މެޗު ސްކޮޑުން އުނިކޮށްފަ އެވެ. ޓީމުގެ އެންމެ ކުރިއަށް ކުޅެމުން ދިޔައީ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް އެވެ.
މިރޭގެ މެޗު ފެށިގެން 15 ސިކުންތު ތެރޭގައި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. އެއީ ބޮލުން ޖަހަން އެރި ބޯޅައެއްގައި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ މޫނުގައި އަތުން ޖެހުމުންނެވެ. މާނޭ އަށް ރަތް ކާޑެއް ދައްކަން ޗެލްސީން އެޕީލްކުރި އެވެ. އެކަމަކު، ރެފްރީ އެންތަނީ ޓޭލާ ނިންމީ ރީނދޫ ކާޑު ދައްކަން ނިންމި ނިންމުން ދަމަހައްޓާށެވެ.
މެޗު ފަށައިގެން ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ފުރުސަތުގައި ކެލަހާ ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.
ލިވަޕޫލުން ލީޑުނެގީ މެޗުގެ ނުވަ ވަނަ މިނިޓްގައި ޗެލްސީގެ ޒުވާން ޑިފެންޑަރު ޓްރެވޯ ޗަލޮބާ ހެދި ގޯހެއްގެ ފައިދާނަގައި މާނޭ ޖެހި ގޯލުންނެވެ.
އޭރިއާތެރެއިން މާނޭ މި ގޯލު ޖެހީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ކައިރިން ނައްޓާފަ އެވެ. ލިވަޕޫލުން ވަނީ މެޗުގެ 26 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. ސަލާހު އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު ޗެލްސީގެ މާކޯސް އަލޮންސޯ ކައިރިން ނައްޓާފައި، ބޯޅަ ފޮނުވާލީ ގޯލުގެ ކައިރީ ކަނަށެވެ.

ލިވަޕޫލްގެ ސަލާހު (ކ) ޗެލްސީގެ ރޫޑިގާ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.
ޗެލްސީން ވަނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ޖުމްލަކޮށް ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެން މަސައްކަތްކުރި ޗެލްސީގެ ފުރަތަމަ ގޯލު ޖެހީ މަޓެއޯ ކޮވަސިޗް އެވެ. މެޗުގެ 42 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ކޮވަސިޗް ވޮލީއަކުން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ޑިފެންސްތެރެއިން ލިބުނު ޖާގައެއްގެ ބޭނުން ހިފައި ޕުލިސިޗް ވަނީ ގޯލު ޖަހައި ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. އޭރިއާތެރެއިން ޕުލިސިޗް ޖެހި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލަށް އަލުން ލީޑުނަގައިދޭން ސަލާހާއި މާނޭ ފޮނުވާލި ބޯޅަތައް ޗެލްސީގެ ކީޕަރު މެންޑީ ވަނީ މަތަކޮށްފަ އެވެ. މި މެޗަށް ފަހު ސަލާހާއި މާނޭ އަދި މެންޑީ ވެސް އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ގައުމީ ޓީމަށް ދާނެ އެވެ.
ޗެލްސީ މޮޅުކޮށްދޭން ދެ ވަނަ ހާފުގައި އެންމެ ރަނގަޅު ހަމަލާ ފޮނުވާލީ ޕުލިސިޗް އެވެ. އޭރިއާތެރެއިން ޕުލިސިޗް ޖެހި ބޯޅަ ކީޕަރު ކެލަހާ ވަނީ މަތަކޮށްފަ އެވެ.












