ޕެރިސް (ޖެނުއަރީ 2) - ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފިނި މޫސުމުގެ ބްރޭކަށް ކުޅުންތެރިން ޗުއްޓީ އަށް ގޮސްފައި އެނބުރި އައިއިރު، މެސީގެ އިތުރުން ޕީއެސްޖީގެ ތިން ކުޅުންތެރިއަކު ވަނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މެސީ ހިމެނޭ ގޮތަށް ޕީއެސްޖީގެ ހަތަރު ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް މިވީ އާ އަހަރަށް ފްރާންސް ފުޓްބޯޅަ ސީޒަން މެދުކެނޑާލުމަށް ފަހު އަލުން ފަށަން ވެގެން ކުރި ޓެސްޓްތަކުންނެވެ.
ޕޮޒިޓިވްވި ކުޅުންތެރިންނަށް ފްރެންޗް ކަޕްގައި ޕީއެސްޖީން ހަތަރު ވަނަ ޑިވިޝަނުގެ ވަނެސްއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ.
ހިލޭ ޓްރާންސްފާއެއްގައި މި ފަހަރު ޕީއެސްޖީ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވި މެސީ އަށް ފްރެންޗް ލީގުގެ 11 މެޗުން ޖެހުނީ އެންމެ ގޯލެކެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގެ ހަ މެޗުގައި މެސީ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.
ޕޮޒިޓިވްވުމާ އެކު މެސީ އަށް މާދަމާ ވަނެސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ފްރެންޗް ލީގުގައި ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ ކަމަށް ބެލެވެ އެވެ. އާ އަހަރުގެ ޗުއްޓީ އަށް މެސީ ވަނީ އާއިލާއާ އެކު އާޖެންޓީނާގެ ރޮޒާރިއޯ އަށް ގޮސްފަ އެވެ.
މެސީގެ އިތުރުން ދެން ޕޮޒިޓިވްވި ތިން ކުޅުންތެރިއަކީ ސްޕެއިނުގެ ފުލްބެކް، ހޫލިއަން ބެނާޓް އާއި ގޯލްކީޕަރު ސާޖިއޯ ރިކޯގެ އިތުރުން ޒުވާން މިޑްފީލްޑަރު ނޭތަން ބިޓޫމަޒާލާ އެވެ.
ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ނުރައްކާ ޔޫރަޕްގެ އެކި ގައުމުތަކަށް ކޮށްފައިވާއިރު، ފްރާންސްގައި ވެސް ކޮންމެ ދުވަހަކު ގިނަ ކޭސްތަކެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. އެ ގޮތުން މިދިޔަ ތިން ދުވަހަށް ބަލާއިރު، ފްރާންސްގައި ދުވާލަކު 200،000 ޕޮޒިޓިވް ކޭސް ދަނީ ފެންނަމުންނެވެ.












