މިދިޔަ އަހަރުގެ ޑިސެމްބަރު މަހަކީ މިފްކޯގެ ތާރީހުގައި އެންމެ ގިނައިން މަސްކިރާ މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކުރި އަހަރު ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ މިފްކޯގެ ފަހުގެ ތާރީހެއްގައި އެންމެ ރަނގަޅަށް މަސް ގަތް އަހަރަކީ މިދިޔަ އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މަސްވެރިންގެ އަތުން 58،350 ޓަނުގެ މަސް މަސް މިފްކޯއަށް ގަތެވެ.
އެއް މަހެއްގައި އެންމެ ގިނައިން މަސް ގަނެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ކަމަށް ފައުޒީ ވިދާޅުވި އެވެ. އެއީ, 10،948 ޓަނުގެ މަހެވެ. ފައުޒީ ވިދާޅުވީ މިދިޔަ މަހަކީ މިފްކޯގެ ތާރީހުގައި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކުރި މަސް ކަމަށެވެ.
"މިދިޔަ އަހަރު 901 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވޭ, އެއް މަހެއްގެ އެންމެ ގިނަ ފައިސާ ދޫކޮށްފައި ވަނީ މިދިޔަ މަހު, އެއީ 170 މިލިއަން ރުފިޔާ،" ފައުޒީ ވިދާޅުވި އެވެ.












