މިފްކޯގެ ފެލިވަރަށް ގަންނަ މަހުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
މަސްވެރިކަން ތިޔާގިވެ، ފެކްޓްރީގެ ޖާގައަށް ވުރެ ކިރުވަން ގެންނަ މަހުގެ އަދަދު އިތުރުވުމުން ގަންނަ މިންވަރު ކޮންޓްރޯލްކޮށް، ދޯންޏަކުން ގަންނާނީ ފަސް ޓަނުގެ މަސް ކަމަށް މިފްކޯއިން ކަނޑައަޅައިފައި ވަނީ މިދިޔަ ޑިސެމްބަރު 24، ގަ އެވެ.
އެ ކުންފުނިން ބުނެފައި ވަނީ ފާއިތުވި ދޮޅު މަސް ދުވަހު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރޭޖްތައް ފުރެމުންދާތީ ކެރިއަ ބޯޓުތައް ގެނެސް މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށެވެ.
ފައުޒީ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިފްކޯގެ ފެލިވަރަށް މިހާރު ވެސް މަސް ގަންނަމުން ދަނީ ކޮންޓްރޯލެއް ނެތި ކަމަށެވެ. ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މިއަދުން ފެށިގެން ކޮންމެ ދޯންޏަކުން ހަ ޓަނުގެ މަސް ކިރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވީ މިހާރު ކޮންޓްރޯލް ނެތި މަސް ގަންނަމުންދަނީ އުތުރުން ކަމަށެވެ. ދެކުނުގައި މަސް ގަތުމުގަ ދަތިތަކެއް ހުރުމުން އެ ކަންކަން ހައްލު ވުމުން ކޮންޓްރޯލް ދޫކޮށްލާނެ ކަމަށް ވެސް ފައިޒީ ވިދާޅުވި އެވެ.

"އުތުރުގެ މަސްވެރިކަމަށް ބަލާފަ ފެލިވަރުގެ ކޮންޓްރޯލް ނެތި ގަންގަނަމުން މި ދަނީ. ދެކުނުގައި ހާއްސަކޮށް ފްރީޒިންގް ކެޕޭސިޓީ ހުރިގޮތުން ބޮޑެތި ބޯޓުފަހަރުގައި ހުރި މަސް ކޫއްޑޫއަށް ބާލާ ނިންމާފަ ކެރިއަރަށްލާތީ ވަގުތުކޮޅެއް ނަގަނީ. މިހާރު މި ހުރި ދަތިތައް ހައްލު ވަންދެން މިފްކޯގެ ހުރިހާ ބަނދަރަކަށް ވެސް ކޮންޓްރޯލެއް ނެތި މަސް ގަނެވޭނެ މިންވަރު އިތުރު ކުރަމުން ދާނީ،" ފައުޒީ ވިދާޅުވި އެވެ.
މަސް ގަތުމުގެ ކެޕޭސިޓީއަށް ގެނެވިފައިވާ ހެޔޮ ބަދަލާއެކު މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނުގެ މަސް މިފްކޯއަށް ގަންނަމުންދެ އެވެ. މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރު މިފްކޯ އަށް ވަނީ 378 ޓަނުގެ މަސް އުފުލޭ ބޯޓެއް ރާއްޖެ އަށް ގެނެސްފަ އެވެ.













